ހުޅުމާލެ ކޯޓުގެ ބެންޗު އެކުލަވާލީ ސުޕްރީމް ކޯޓުގެ ލަފާ ހޯދައިގެން: ޖޭއެސްސީ

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަކީ ގާނޫނާއި ހިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންއެކުލަވާލާފައިވާ ބެންޗެއްކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓަށް ކުރީގެ ރައީސް ނަޝީދު ހުށައަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެން ޖޭއެސްސީގެ ވަކީލުން އިޖުރާއީ ނުކުތާތަކެއް ނަންގަވައިފިއެވެ.
ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި މިމައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ދިނުމަށް އެދި އިޖުރާއީ ނުކުތާ ނަންގަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޒު އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް އެކުލަވާލީ ސުޕްރީމް ކޯޓަށް ލިޔުމުން ހުށަހަޅާ ބެންޗު އެކުލަވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ލަފާދެއްވި ގޮތަށް ކަމަށެވެ.
އެހެންކަމުން އެކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލާވާލާފައިވަނީ ގާނޫނާއި އެއްގޮތަށްކަމަށް ދެކޭ ކަމަށްވެސް ޖޭއެސްސީގެ ވަކީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޖޭއެސްސީން ހުޅުމާލެ ކޯޓުގެ ބެންޗް އެކުލަވާލީ އެކޯޓުން ޖޭއެސްސީގައި އެދުމުން ކަމަށާ. ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންނަކީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ގާބިލް ބޭފުޅުން ކަމަށެވެ. އަދި ނަޝީދު ހުށަހަޅުއްވައިގެން ހައިކޯޓުން ބަލަމުންދާ ހުޅުމާލެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ މައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށްވާތީ އެގޮތަށް ކަނޑައަޅައިދިނުމަށްވެސް ޖޭއެސްސީގެ ވަކީލު ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ.
ޖޭއެސްސީން ނެންގެވި އިޖުރާއީ ނުކުތާއާ ގުޅޭ ގޮތުން ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ ސިޓީ އަކުން އެފަދަ އެންގުމެއް ސުޕްރީމް ކޯޓުން އެންގިއަސް އެއީ ޝަރީއަތުން ނިންމި ނިންމުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޖޭއެސްސީގެ އިޖުރާއީ ނުކުތާތަކަށް ޖަވާބުދެއްވުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްވެސް ހިސާން ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ.
ޝަރީއަތުގެ މިއަދުގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ހައިކޯޓުގެ އިސް ފަނޑިޔާރު އަލީ ޝަރީފް ވަނީ ނަޝީދުގެ ޤާނޫނީ ޓީމުން އެދިވަޑައިގެންނެވި ގޮތަށް އިޖުރާއީ ނުކުތާތަކަށް ޖަވާބުދެއްވުމަށް 30 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ހުޅުމާލެ ކޯޓުގައި ކުރިއަށްގެންދާ ހުރިހާ ޝަރީއަތެއް ވަގުތީ ގޮތުން ހުއްޓާލުމަށްވެސް ހައިކޯޓުން ވަނީ މީގެ ކުރިން އަމުރު ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ