ހިސްޓޯގެ އަމަލުތައް ކުށްވެރިކުރާކަމަށް އޭނާ ތަމްސީލް ކުރައްވާ ދާއިރާގެ މެމްބަރުން ބުނެފި

އެމްޑީޕީގެ ނިންމުމާ ހިލާފަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރ ޝިފާގު މުފީދު (ހިސްޓޯ) އަމަލުކުރަމުންދާގޮތް ކުށްވެރިކުރާކަމަށް އޭނާ ތަމްސީލް ކުރައްވާ ދާއިރާގެ އެމްޑީޕީ މެމްބަރުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕާޓީގެ ނިންމުންތަކާ ދެކޮޅަށް ހިސްޓޯ އަމަލުކުރަމުންގެންދާކަން ފާހަގަކުރެވޭކަމަށާއި އެގޮތަށް އަމަލުކުރަމުންދާތީ ހިސްޓޯ ތަމްސީލްކުރާ ދާއިރާގައި ހިމެނޭ ޕާޓީގެ މެމްބަރުންގެ ހިތުގައި ނުތަނަވަސްކަން އުފެދިފައިވާކަމަށެވެ.
"ޕާޓީގެ މެމްބަރެއްގެގޮތުގައި ހުންނަވައިގެން ޕާޓީގެ ނިންމުންތަކާ ހިލާފަށް އަމަލު ކުރަމުންގެންދާ މައްސަލާގައި މެދު ދާއިރާގައި ހިމެނޭ ޕާޓީގެ މެމްބަރުން ދަނީ ތަކުރާރުކޮށް ޝަކުވާ ހުށަހަޅަމުން. ހިސްޓޯ އެގޮތަށް ކަންތައް ކުރައްވާތީ ޕާޓީގެ މެމްބަރުން ކަން ބޮޑުވޭ،" ބަޔާނުގައި ބުނެފައިވެ އެވެ.
ފެބްރުއަރީ ހަތް ވަނަ ދުވަހު ސަރުކާރު ވައްޓާލާފައިވަނީ ބަޣާވާތަކުން ކަމަށާއި އޭގެ ފަހުން އުފައްދާފައިވާ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއްކަމަށާއި އެ ސަރުކާރާދެކޮޅަށް ޕާޓީގެ ނިންމުންތަކަށް ހިސްޓޯ އިހުތިރާމްނުކުރުމަކީ ހަދާ ވަރަށް ބޮޑު ގޯހެއްކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
ޕާލަމެޓްރީ ގްރޫޕުގެ މެމްބަރުންނަކީ މަޖިލީހުގައި ޕާޓީގެ ނިންމުންތައް ދިފާއުކުރަން ޖެހޭ ބަޔަކަށްވާއިރު، ހިސްޓޯގެ އަމަލުތައް ބަލައިނުގަނެވޭކަމަށާއި އެހެން ކަމުން ހިސްޓޯގެ އަމަލު ކުށްވެރިކުރައްވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ޕާޓީގެ ނިންމުމާ ހިލާފަށް ބުދަ ދުވަހު ބޭއްވި ޖަލްސާގައި ހިސްޓޯ ބައިވެރިވެރިވެވަޑައިގެން، ނައިބް ރައީސަށާއި ކެބިނެޓަށް ރުހުންދިނުމުގެ ޖަލްސާގައި ވަނީ ބައިވެރިވެ ވަޒީރުންނަށް ވަނީ ރުހުންދެއްވާފަ އެވެ.
ހިސްޓޯގެ އަމަލާގުޅިގެން އެމްޑީޕީން ބުނެފައިވަނީ އޭނާއާ މެދު ފިޔަވަޅު އަޅާނެކަމަށާއި އެކަން ކުރާނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ