ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަން ޔަގީން ކުރުމަށް އދގެ ރެޕަޓުއަރ އަކު ރާއްޖެއަށް

ޝަރުއީ ދާއިރާގެ މިނިވަންކަމައި އިންސާފުވެރިކަން ޔަގީން ކުރުމަށް އދގެ އިންސާނީ ހައްގުތަކާއި ބެހޭ ރެޕަޓުއަރ އަކު މިމަހުގެ 17 އިން 24 އަށް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން ބުނެފިއެވެ.
އދގެ ރެޕަޓުއަރ ގެބްރިއެލް ނައުލް ސަރުކާރުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި އާ ގާނޫނު އަސާސީ ތަންފީޒު ކުރުމަށްފަހު ޝަރުއީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި ޑިމޮކްރަޓިކް މުޖުތަމައެއް ބިނާ ކުރުމަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވާނެ ކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މައުލޫމާތުދެއެވެ.
ގެބްރިއެލް ކުރައްވާ މިދަތުރުފުޅުގައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ޝަރުއީ ދާއިރާއާއި ކޯޓުތަކާއި ޝަރުއީ ދާއިރާގެ އެންމެހާ މުއްއަސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ބައްދަލު ކުރައްވާ އިސްލާހު ކުރަން ޖެހޭ ކަންތައްތައް ވެސް ހޯއްދަވާނެ ކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރައިން ބުނެއެވެ.
މާލޭ ސިޓީއަށާއި އައްޑޫ ސިޓީއަށް ގެބްރިއެލް ކުރައްވާ މިދަތުރަށްފަހު މިއަހަރުގެ ޖޫން މަހު އޮންނަ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރިޕޯޓެއް ހުށަހަޅުއްވާނެ ކަމަށް ވެސް އދގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ