ސިއްހީ ދާއިރާއިން ދޭ ތިން އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ނަން ހުށައެޅުމަށް އެއްމަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މިއެވޯޑުތަކަށް ނަން ހުށަޅަން ބޭނުންވާ ފަރާތްތަކުން އެވޯޑަށް ނަން ހުށައެޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ ފޯމް ފުރިހަމަކޮށް އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށައަޅަންޖެހޭ ކަމަށެވެ.
މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބައިނަލްއަގްވާމީ ސިއްހަތު ދުވަހުގެ ރަސްމިއްޔާތުގައި ހާއްސަ އެވޯޑްތަކެއް ދޭން ފަށާފައިވާއިރު މިއެވޯޑްތަކުގެ ތެރޭގައި ހިމެނެނީ، އަތޮޅު ތެރޭގައި އެންމެ ރަނގަޅަށް ހިދުމަތްދެވޭ ހޮސްޕިޓަލަކަށާއި ސިއްހީ މަރުކަޒަކަށް ދެވޭ އެވޯޑާއި، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން އެންމެ ރަނގަޅަށް މަސައްކަތްކުރާ ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ މަރުކަޒަކަށް ދެވޭ އެވޯޑެވެ.
މީގެ އިތުރުން ސިއްހީ ދާއިރާއަށް ފާހަގަ ކޮށްލެވޭފަދަ ހިދުމަތެއް ކޮށްދީފައިވާ އަމިއްލަ ފަރާތެއް ހޮވައި 2013 ވަނަ އަހަރުން ފެށިގެން އެ އެވޯޑްވެސް ވަނީ ދޭން ފަށާފައެވެ. މިއެވޯޑަށް ސިއްހީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ހިދުމަތެއް ކޮށްދީފައިވާ ވަކިފަރުދަކަށް ނުވަތަ ޖަމިއްޔާއަކަށްވެސް ނަން ހުށައެޅިދާނެ ކަމުގައި ހެލްތު މިނިސްޓްރީން ބުނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެވޯޑުތައް ދިނުމުގެ މަގުސަދަކީ ސިއްހީ ދާއިރާ ތަފާތު ގޮތްގޮތުން ކުރިއަރުވަން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކާއި އަދި ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށާއި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ބާރު އެޅުން ކަމަށެވެ.
މީގެ އިތުރުން ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި ސިއްހީ ހިދުމަތް ދިނުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުންގެ އިތުބާރު އުފެއްދުމަށް މަސައްކަތް ކުރުމާއި، އާންމު ސިއްހަތު ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ފާހަގަކޮށް މިދާއިރާގައި ބިނާކުރަނިވި ހިޔާލުތައް އުފެއްދުމަކީވެސް މިއެވޯޑުތައް ތައާރަފްކުރުމުގެ މައިގަނޑު މަގުސަދެއް ކަމުގައި ހެލްތު މިނިސްޓްރީން ބުނެއެވެ.
ސިއްހީ ދާއިރާގެ ތިން އެވޯޑަކަށް ނަން ހުށަހަޅަން ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ