އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރުމުން ރާއްޖޭގެ ބިން މިލްކުކޮށްދިނުމަށް ގާސިމް ތާއީދު

ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް އެ ބިމުން ބައެއް މިލްކުކުރުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން ފުރުސަތު ލިބެދޭން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި ގާސިމް ވިދާޅުވީ އެ އިސްލާހް ހުށަހެޅުމަށް ސަރުކާރުން އިސްނެގީތީ ރައީސް އަބްދުﷲ ޔާމީނަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބިލް ފާސްކޮށްފި ނަމަ ގިނަ ވަޒީފާތައް އުފެދި ރައްޔިތުން ތަނަވަސްވެެގެންދާނެ އެވެ. "މިއީ ވަރަށް މުހިންމު ހުށަހެޅުމެއް. އަޅުގަނޑުމެން ބަލާލާއިރު، ތަރައްގީ ވެފައިވާ ކޮން ގައުމެއްގައިތޯ މި ގޮތަށް ފްރީ ހޯލްޑް ބޭސިސްގައި ބިން ނުލިބެނީ. މިޑްލް އީސްޓަށް ބަލާލާއިރު ގަތަރުން ވެސް އެބަ ދޫކުރޭ، ދުބާއީން ވެސް އެބަ ދޫކުރޭ. މިހެންގޮސް ސިންގަޕޫރުން ވެސް އެބަ ދޫކުރޭ، ޔޫރަފްގެ އެއްވެސް ގައުމެއް ނެތް މިކަން ނުކޮށް. އަދި އެމެރިކާ އިން ވެސް ދޫކުރޭ. ހަމަ ބައިވަރު ތަންތަން އެހަރަ ދަނީ ފްރީ ހޯލްޑް ބޭސިސްގައި ވިއްކަމުން. އެހެންވީމަ މިކަމަކީ ވަރަށް މުހިންމު ކަމެއް. މި ގޮތަށް މިކަން ކޮށްގެން ވެސް އަޅުގަނޑުމެން ރާއްޖެ އަށް އިންވެސްޓްމަންޓްތައް ގެނެސް އަޅުގަނޑުމެން އަޅުގަނޑުމެން ގައުމުގެ ތައުލީމާއި އަޅުގަނޑުމެންގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށްޓަކައި ދޭންވީ ހުރިހާ ފުރުސަތުތަކެއް ދިނުމަކީ ވާޖިބެއް،" ގާސިމް ވިދާޅުވި އެވެ. މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް މިލްކުކޮށެއް ނުދެވޭނެ އެވެ. ކުއްޔަށް އަދި އެ ނޫން ގޮތަކަށް ވެސް ބޭރުގެ ފަރާތަކަށް އެއްވެސް ސަރަހައްދެއް ދެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން 99 އަހަރަށް ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ. ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލްގައި ބުނެފައިވާ ގޮތުން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުން ބިމެއް ދެވިދާނެ އެވެ. މި ބިލްގެ ބަހުސްގައި ގާސިމް އިބްރާހިމްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ގިނަ މެމްބަރުން ވެސް މި ބިލަށް ތާއީދުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ