2018 ވަނަ އަހަރާއި ހަމައަށް މެސީ ބާސާގައި މަޑުކުރަނީ

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތަރު ވަނަ ފަހަރަށް ހޯދުމަށް ކުރިމަތިލާފައިވާ އުމުރުން 25 އަހަރުގެ ބާސާގެ ފޯވާޑް ލަޔަނެލް މެސީ ބާސާގައި 2018 ވަނަ އަހަރާ ހަމައަށް ބާސާގައި މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފިއެވެ.
މީގެ ކުރިން ތިން އަހަރު މެސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. އަދި މިއަހަރަކީ މެސީ އެމަގާމް ހަތަރުވަނަ ފަހަރަށް ހޯދުމަށް ކުރިމަތިލާާފައިވާ އަހަރެވެ. މީގެ އިތުރުން މެސީ ވަނީ ޖާޑް މުލާގެ 40 އަހަރުވީ ރިކޯޑު މުގުރާފައެވެ. އެއީ އެއްއަހަރެއްގެ ތެރޭގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ރިކޯޑެވެ. ޖާޑް މުލާ ޖަހާފައިވަނީ 85 ލަނޑެވެ. މިހާތަނަށް މިސީޒަންގައި މެސީވަނީ 90 ލަނޑު ކާމިޔާބުކޮށްފައެވެ.
މެސީއަކީ ފެށުނީއްސުރެ ބާސާއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. 13 އަހަރުން ފެށިގެން ބާސާގައި ކުޅެމުން އަންނަ މެސީ އެންމެ ފުރަތަމަ ބާސާގެ އެއްވަނަ ޓީމުގައި ލީގުގެ ފުރަތަމަ މެޗް ކުޅެފައިވަނީ 16 އޮކްޓޯބަރު 2004 ވަނަ ދުވަހު އެސްޕަންޔޯލާއި ދެކޮޅަށެވެ.
މެސީގެ އިތުރުން ޑިފެންޑާރ އަދި ކެޕްޓަން ކާލޮސް ޕުޔޯލާއި ޒަވީވެސް ވަނީ ކޮންޓްރެކްޓް އާކޮށްފައެވެ. މިކަމާއި ގުޅިގެން ކްލަބުން ބުނެފައިވަނީ މިހާރު ބާސާއިން އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިންގެ ކޮންޓްރެކްޓްތައް އާކުރެވިފައިވާ ކަމަށެވެ. ޕުޔޯލާއި ޒަވީގެ އާާކުރެވުނު ކޮންޓްރެކްޓްެތައް ހަމަވާނީ 2016 ވަނަ އަހަރުއެވެ.
އުމުރުން 34 އަހަރުގެ ޕުޔޯލް އަންނަނީ 2004 ވަނަ އަހަރުން ފެށިގެން ބާސާގެ ކެޕްޓަން ބޭންޑް އަޅަމުންނެވެ. އަދި އޭނާގެ ކެޕްޓަންކަމުގެ ދަށުގައި އޭނާ ވަނީ ބާސާ ގޮވައިގެން ތިން ޗެމްޕިއަންސް ލީގުގައި ކުޅެފައެވެ. އަދި ފަސް ފަހަރު ލަލީގާގެ ތަށި ހޯދާ ދެފަހަރު ކޮޕަ ޑެލް ރޭގެ ތަށި ހޯދާފައެވެ. ބާސާގައި އެންމެ ގިނަ ފަހަރު ކުޅެފައިވާ ކުޅުންތެރިޔާގެ ރިކޯޑު މިވަގުތު އޮތީ 32 އަހަރުގެ ޒަވީ އަތުގައެވެ. ޒަވީ ވަނީ ބާސާއަށް 651 މެޗު ކުޅެދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ