ގާޒީ ހައްޔަރުކުރީ ނަޝީދުގެ އޯޑަރަށް ނޫން ކަމަށް ބުނެވޭނެ ގޮތެއް ނެތް: ތޮލްހަތު

އަބްދުﷲ ގާޒީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބޭރުން ސިފައިން ހައްޔަރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޯޑަރަށް ނޫން ގޮތަކަށް ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވެއްޖެ އެވެ. "ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރީ ރައީސް ނަޝީދުގެ އޯޑަރު ކަމަށް އަޅުގަނޑަށް ކޯޓުގައި ބުނެވޭނީ. އެ ނޫން ގޮތަކަށް ބުނެވޭކަށް ނެތް،" ޓައިމްސް އޮފް އިންޑިއާ އަށް ތޮލްހަތު މިއަދު ދެއްވި އިންޓަވިއުއެއްގައިވެ އެވެ. އެ މައްސަލައިގައި ދައުވާ އުފުލޭ މީހުންގެ ތެރޭގައި ވެސް ހިމެނޭ ތޮލްހަތު ވިދާޅުވެފައިވަނީ ރައީސް ނަޝީދު ކުރެއްވި އެ އަމުރަކީ ގޯސް އަމުރެއް ކަމަށާއި ނަމަވެސް އެ އަމުރު ތަންފީޒް ކުރުން ނޫން ގޮތެއް އޭރު ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހި ސިފައިންނަކީ ފުލުހުން އެދިއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ބައެކެވެ. އަބްދުﷲ ގާޒީ ބަންދުކުރުމުގައި ސިފައިން ހަރަކާތްތެރިވީ އެ އުސޫލުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ. "އަސްކަރިއްޔާ އިން އެހީތެރިވާން ޖެހޭ އެކަމަށް އެދުމުން. އެގޮތުގެ މަތިން އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ފުލުހުންނަށް އެހީތެރިވުމަށް އެންގީ،" ތޮލްހަތު ވިދާޅުވި އެވެ. އެއަށް ވުރެ އިތުރަށް އޭނާ އެ މައްސަލައިގައި ވާހަކަ ދައްކަވާފައެއްނުވެ އެވެ. ނަޝީދުގެ ގާނޫނީ ޓީމުން، ވަކީލު ހަސަން ލަތީފު އެ ނޫހަށް ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ރައީސް ނަޝީދުގެ އެންގެވި އެއްވެސް ލިޔުމެއް ނޯންނާނެ ކަމަށެވެ. "އެކަން އެގޮތަށް އޮތް ނަމަވެސް ހުޅުމާލޭ ކޯޓުން އިންސާފުވެރި ޝަރީއަތެއް ނުލިބޭނެ،" ހަސަން ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ޝަރީއަތް ނިމޭ ގޮތަކުން ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލޭނެ އެވެ. އެ ބިރު އޮތުމާ އެކު ނަޝީދު ވަނީ މިދިޔަ ބުދަދުވަހުން ފެށިގެން އިންޑިއަން ހައިކޮމިޝަނަށް ވަޑައިގަތް އެތަނުގައި ދިރިއުޅުއްވަން ފައްޓަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ