މަސް ގަންނަ އަގު ރެގިއުލޭޓް ކުރަންޖެހޭ ކަމަކަށް ނުދެކެން: މިނިސްޓަރު

މަސް ގަންނަ ކުންފުނި ތަކުން މަސް ގަތުގުމުގައި މަސްވެރިން ތަފާތު ކުރަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މައްސަލަތަކަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝަފީއު ރައްދުދެއްވައިފިއެވެ.
ވީނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މަސްވެރިން އަތުން މަސް ގަންނައިރު ކުންފުނި ތަކުން ތަފާތު ކުރަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ޤަބޫލުކުރައްވާ ވާހަކަތަކެއް ނޫން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މަސް ގަންނަ ކުންފުނި ތަކުން މަސް ގަތުމުގައި ގެންގުޅޭ އަގު ތަކާއި އުސޫލުތަކަކީ މިނިސްޓްރީން ޤަވައިދުން ބަލަމުންދާ ކަންތައްތަކެއް ކަމަށާ، މިނިސްޓްރީން މިހާތަނަށް ބެލިބެލުމުން ކުންފުންޏަކާއި ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ ވަރުގެ ކަމެއް މަސް ގަތުމުގައި ހިގާފައި ނުވާ ކަމަށެވެ.
މިނިސްޓަރ ޝަފީއު ވިދާޅުވީ މަސް ގަންނަ ކުންފުންޏަކުން ނުވަތަ ކުންފުނިތަކުން ގުޅިގެން މަސް ގަންނަ އަގު އެއްވަރެއްގައި ހިފަހައްޓަމުންދާކަން މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށާ، މަސްވެރިންނަށް ގެއްލުންވާ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ މަސް ގަންނަ ކުންފުނި ތަކުން މަސް ގަތުގުމުގައި މަސްވެރިން ތަފާތު ކުރަމުންނުދާ ކަމަށާ، އެހެންނަމަވެސް ރާއްޖޭގެ އުތުރާއި ދެކުނުގައި ކުންފުނި ތަކުން މަސް ގަންނަ އަގު ބައެއް ފަހަރަށް ތަފާތުވާ ކަމަށެވެ.
"އަޅުގަނޑުމެން މިނިސްޓްރީއަކީ ކުންފުނިތައް މަސް ގަތުމުގައި އަމަލުކުރާ ގޮތް ލެގިއުލޭޓް ކުރާ ފަރާތް. ކުންފުނިތަކުން ގުޅިގެން މަސް ގަންނަ އަގު ފިކްސް ކުރާނަމަ އަޅުގަނޑުމެން ބަލަހައްޓައިގެން ނުތިބޭނަން. އަޅަންޖެހޭ ފިޔަވަޅު އަޅާނަން. އެކަމަކު މިހާރު ވާހަކަ އެ ދެކެވޭގޮތަށް މަސް ގަތުމުގައި ތަފާތުކުރުންތަކެއް ހިގާހެނެއް ހިއެއް ނުވެ" ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މަސް ގަންނަ އަގުތަކަށް ބަދަލު އަންނަނީ މަސް ގަންނަ ކުންފުނި ތަކަކީ ވިޔަފާރި ކުންފުނި ތަކަކަށްވެފާ ކުންފުނި ތަކަށް މަސް ލިބޭ ނިސްބަތަށް ބެލިގެން މަހުގެ އަގު ކަނޑައަޅަންޖެހޭތީ ކަމަށެވެ.
މަސްވެރިން ބާނާ މަހުގެ ތެރެއިން ވަކި ސައިޒެއްގެ މަސް ކުންފުނި ތަކުން ބައެއް ފަހަރަށް ނުގަންނަ ކަމަށް ތުހުމަތު ކުރަމުންދާތީ އެކަމަށް ރައްދުދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މާގިނައިން ކުންފުނި ތަކަށް މަސް ލިބޭނަމަ އަބަދުވެސް އެގޮތަށް އަމަލުކުރަމުންދާ ކަމަށާ، އެއީ މަސްވެރިންނަށް ގެއްލުން ދިނުމުގެ ގޮތުން ކުރަމުންދާ ކަމެއް ނޫން ކަމަށެވެ.
"މަސް ގަންނަން މިއުޅެނީ ވިޔަފާރި ކުންފުނި ތަކެއް. އެކި ކުންފުނިން އެކި ސަރަހައްދު ތަކުގައި މި ހަރަކާތްތެރިވަނީ. އެކި ކުންފުނި ތަކަށް އެކި ވަރަށް މަސް ގަންނަން މިލިބެނީ. އެކި ކުންފުނިތަކުން އެކަމަށް ކުރާ ޚަރަދުވެސް ތަފާތު. ކުންފުނިތަކުން ކުރަނީ ވިޔަފާރި. އެހެންވީމާ މަސް ގަންނަމުން މިދަނީ ކުންފުނިތަކުން ކުރާ ޚަރަދާއި، މަސް ލިބޭ ޑިމާންޑަށް ބަލައިގެން" މިނިސްޓަރު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ މަސް ގަތުމުގައި ސަރުކާރުން ކަނޑައަޅާފައިވާ ފްލޯ ޕްރައިސްގައި ކުންފުނި ތަކުން މަސް ގަންނަމުންދާތީ މަހުގެ އަގުތައް އެއް އަގެއްގައި ހިފަހައްޓައިފިނަމަ މަސްވެރިންނަށް އެކަމުން ލިބެންވާ އެންމެ ރަގަޅު ފައިދާ ނުލިބިދާނެ ކަމަށެވެ.
މަސް ކުންފުނި ތަކުން މިހާރުވެސް 18 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގެއްގައި މަސް ގަންނަމުންދާ ކަމަށްވެސް މިނިސްޓަރު ޝަފީއު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ