އިތުބާރު ނެތްކަމުގެ މައްސަލަތައް ކާމިޔާބު ވާނެ ކަމުގެ އުންމީދު އެބައޮތް: އަލީ ވަހީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއި ހޯމް މިނިސްޓާރ ޑރ. މުހަންމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތްކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މަޖިލީހަށް ވައްދާފައިވާ މައްސަލަތައް ކާމިޔާބު ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ކުރާ ގޭގެ ކައިރީގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ މިއަދު ވިދާޅުވީ ވޯޓް ކާމިޔާބު ކުރުމަށް ތިން މަރުހަލާއެއް ގިރާކުރަން ޖެހޭކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ދާވަރަކުން މީޑިއާއަށް ހާމަ ކުރައްވާނެ ކަމަށާއި މިހާރު އޮތީ މި ކަމުގައި ފުރިހަމަ ކުރަންޖެހޭ ފުރަތަމަ މަރުހަލާ ނިމިފައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"މި ކަންކަން ކާމިޔާބު ކުރެވެންހުރި ކަންތައްތައް އަޅުގަނޑުމެން މި ދަނީ ކުރަމުން. ދުވަސް ކައިރިވަމުން ދާވަރަކަށް އަޅުގަނޑުމެންނަށް ގިރާކުރެވޭ ކަންކަން ހާމަކުރަމުން ދާނަށް. ފުރަތަމަ ހަރުފަތް މިހާރު ގިރާ ކުރެވިއްޖެ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ދެ ހަރުފަތެއް އެބައިން،" އަލީ ވަހީދު ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް އެޖެންޑާ ކުރާނީ އަންނަ ނޮވެމްބަރުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަލީވަހީދު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް 50 ދުވަސްތެރޭގައި މި ސަރުކާރަށް ލޮޅުންތަކެއް އަރުވާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެން އުންމީދުގަ މިތިބީ ކުރިއަށް އޮތް 50 ދުވަހުގެ ތެރޭގައި މިހާރުގެ މި ބަޣާވާތުގަ ވެރިކަމަށް އައިސްތިބި ވެރިކަމުގެ ތެރެއަށް ރާޅުބާނީތަކެއް ގެނެވިދާނޭކަމަށް. ލޮޅުންތަކެއް އަތުވެދާނެ ކަމަށް. އަޅުގަނޑުމެންނަށް އެކަމުގެ ކޮޅުމަތި އަންނަނީ ފެންނަމުން،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ މަޖލީިހުގެ ތެރެއިން މި ވެރިކަން ބަދަލުކުރެވެން ކުރެވޭނެ އެންމެ ފަހު ކަމަކީވެސް އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުން ކަމަށެވެ. އަދި ކުރިއަށް ނޮވެމްބަރުގައި މި ވޯޓު އެޖެންޑާ ކުރާނަމަ މިކަން ކާމިޔާބު ކުރުމަށް މަސައްކަތް ކުރެވޭނެ ވަރަށް ވަގުތު އެބައޮތް ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ކުރުމަށް ހަރުފަތްތަކެއް ގިރާ ކުރަން ޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވި ނަމަވެސް އެ ކަންކަމާއި ގުޅެގޮތުން އިތުރު މައުލޫމާތެއް ނުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ