ރައީސް ޔާމީންގެ ވެރިކަން ސައްހައެއް ނޫން، ރައްޔިތުން ވެރިކަމާ ހަވާލުވާން ޖެހޭ: ގާސިމް

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނަން ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމާއެކު ހެދި ކޯލިޝަން އުވާލި ދުވަހުން ފެށިގެން ސަރުކާރުގެ ސައްހަކަން ގެއްލިފައިވާ ކަމަށާއި ރައްޔިތުން ނިކުމެ ވެރިކަމާ ހަވާލުވާން ޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީ/ޖޭޕީން ޗާންދަނީމަގު، ދިރާގު ކަންމަތީގައި ބޭއްވި އެއްވުމުގައި ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ހުންނެވީ ޖުމްހޫރީ ޕާޓީގެ ވެސް ތާއީދާ އެކު ކަމަށެވެ. އެހެންކަމުން، ނެޝެނަލް ކޮމިޝަން އޮފް އިންކުއަރީ (ކޯނީ) ރިޕޯޓުގައި ބުނެފައިވާ ގޮތަށް، ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވި ދުވަހުން ފެށިގެން ސަރުކާރުގެ ސައްހަކަން ވަނީ ގެއްލިފައި ކަމަށް ވެސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭރުކޮށްލި ދުވަހުން ފެށިގެން ތިބޭފުޅުން [ސަރުކާރު]ގެ ސައްހަކަން ގެއްލުނީ. ރައްޔިތުން ނުކުމެ ވެރިކަމާ ހަވާލުވާން ދާންވީ،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއާއެކު ވެފައިވާ ކޯލިޝަން އުވާލިޔަސް ސަރުކާރަށް ލިބޭނެ މާބޮޑު ގެއްލުމެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވާއިރު، އެ އެއްބަސްވުން އުވާލައި، ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ވަނީ މާތްﷲ ގަންދީ ކޮށްފައިވާ ހުވަޔާ ހިލާފުވެފަ އެވެ. އޭގައި އިސްކޮށް ހުންނެވީ މައުމޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ އެކު ނުވަތަ ސަރުކާރުގެ ކަންކަމުގައި އިސްކޮށް އުޅުއްވާނަމަ އެ ބޭފުޅުންނާ ދޭތެރޭ ކަންތައް ކުރަނީ ވަރަށް ނިކަމެތިކޮށެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ސަރުކާރުން ތުހުމަތުކުރީ "މިއިން ޒަމާނަކު ވެސް" ނުދެކޭ ފަދަ ބޮޑެތި ތުހުމަތުތައް ކަމަށެވެ. މިއަދު ނާޒިމް ކެބިނެޓުން ބޭރުކުރައްވާފައިވާއިރު ރައީސް ޔާމީން މާދަމާ ބޭރުކުރައްވާނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި ޕީޕީއެމްގައި ތިއްބެވި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރުންނަކީ ވެސް އެއްވެސް އަގެއް ހުރި ބައެއްގެ ގޮތުގައި ސަރުކާރުން ނުދެކޭ ކަމަށެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގައި ދެން މެމްބަރުން ނުތިއްބަވާނެ ކަމަށާއި އެމްޑީޕީ އާއި ޖޭޕީން އިސްލާހަށް ކުރާ މަސައްކަތުގައި އެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ވިދާޅުވީ 25 ޕަސެންޓް ލިބިވަޑައިގަތް ރައީސް ޔާމީންގެ ވެރިކަމުގެ ސައްހަކަމެއް ނެތް ކަމަށެވެ. މީހުންގެ މުދާތައް ދައުލަތަށް ނެގުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމާއި ޓީޗަރުންނަށް ފިއްތުންތައް ކުރިމަތި ކުރުވުމާއި ދަރިވަރުން ކިޔަވަމުންދާ އިމާރާތުން ނެރެ ހިންގާ އަމަލުތަކާ ހެދި މި ސަރުކާރު ވަނީ "ބޮއްސުންލާފައި" ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން އަމަލުކުރައްވަނީ އިގްތިސާދީ ނުވަތަ ތައުލީމީ ވިސްނުންފުޅު ބަހައްޓަވާ ވެރިއަކާ އެއްގޮތަކަށް ނޫނެވެ. ޕާޓީތަކާއެކު ރައީސް ޔާމީން މަޝްވަރާކުރައްވަން ޖެހޭ ކަމަށާއި އެމަނިކުފާނު "މަޝްވަރާގެ މޭޒަށް ތިރިކުރައްވާނަން" ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންސާފުން ބޭރުގައި ކުރާ ކޮންމެ ކަމަކާ ދެކޮޅަށް އެމްޑީޕީން ނިކުންނާނެ އެވެ. އެ އުސޫލުން، ހަތިޔާރުގެ ތުހުމަތުތަކާ އެކު ހައްޔަރުކުރި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ދިފާއުގައި އެމްޑީޕީން ނުކުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެއްވެސް ރައްޔިތަކަށް ނުހައްގުން އަނިޔާއެއް ލިބުމަށް އެމްޑީޕީން ތާއީދެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ އެއްވުމުގައި މިރޭ ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއަސް އެމަނިކުފާނަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން އިސްތިއުފާ ދެއްވައި އަވަސް އިންތިހާބެއް ބޭއްވުމަށް އެއްވުމުގައި ގިނަ މެމްބަރުން ވަނީ ގޮވާލައިފަ އެވެ. އެ އެއްވުމުގައި ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިނަށް ވެސް ވަރަށް ބޮޑަށް ވަނީ ފާޑުކިޔުން އަމާޒުކޮށްފަ އެވެ. އޭނާ އަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި މެމްބަރުން ވިދޅާވީ ޕީޖީއަކީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަންކަން ކުރައްވަން ޖެހޭ ބޭފުޅެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް މުހްތާޒުގެ ކިބައިން ފެންނަނީ ނުފޫޒެއްގެ ދަށުގައި ތާށިވެ ސިޔާސީ މަސައްކަތް ކުރައްވާ މަންޒަރު ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވީ ސީގަލް ކުރިމަތިން އިހްތިޖާޖްތައް ފެށިނަމަވެސް ކުރިއަށް އޮތް ތަނުގައި މުޒާހަރާ ކުރާނީ އެމްއެމްއޭ ކައިރީގައި ކަމަށެވެ. ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ މަސައްކަތް ހުއްޓާލާނީ ސައްހަ ވެރިކަމެއް ރާއްޖޭގައި ގާއިމްވުމުން ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ