ޕީޕީއެމްގެ ރައީސް ކަމަށް ކުރިމަތިލައްވަން ރައީސް މައުމޫން ނިންމަވައިފި

ޕީޕީއެމްއިން އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ އެ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ދާއިމީ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އިންތިގާލީ ރައީސް ކަމުގެ މަގާމުގައި ހުންނެވި ރައީސް މައުމޫން ވިދާޅުވީ އެ މަނިކުފާނު ޕީޕީއެމްގެ ދާއިމީ ރައީސްކަމުގެ މަގާމަށް ކުރިމަތި ލައްވަން ނިންމެވީ ކުރިއަށް އޮތްތަނުގައި ވެސް އެ ޕާޓީ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ބޭނުންފުޅުވާތީ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ޕީޕީއެމްގެ ދާއިމީ ރައީސްކަމުގެ މަގާމަށް އަޅުގަނޑު ކުރިމަތި ލާނަން. އެއީ މި ޕާޓީ އުފެދިގެން މި ދިޔައީވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ކުރެއްވި ހިދުމަތްތަކެއްގެ ސަބަބުން އެ ބޭފުޅުން އަޅުގަނޑަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދެވީ. އެހެންވީމަ ކުރިއަށް އޮތް ތަނުގައިވެސް ޕާޓީ އިތުރަށް ހަރުދަނާ ކޮށް އިތުރަށް ކުރިއަށް ގެންދިއުމުގަ ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ބޭނުންވާތި ޕާޓީގެ މެމްބަރުން އެދިވަޑައިގަންނަވާ ކަމަށް ވަންޏާ އަޅުގަނޑު ހަމަ ޕާޓީގެ ރައީސްކަމުގަ ހުންނަން ގަސްތުކުރަން،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެ މަނިކުފާނު ޕާޓީގެ ރައީސްކަމަށް ކުރިމަތި ލެއްވުމަށް ނިންމަވާފައި ވުމަކީ އެ ޕާޓިގައި ޒުވާނުންނަށް ފުރުސަތު ނެތްކަމަށް ބުނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ރައީސް ކަމުގެ މަގާމުގެ އިތުރުން އެ ޕާޓީގައި ޒުވާނުންނަށް ވަރަށް ގިނަ މަގާމުތަކެއްގެ ފުރުސަތު ހުޅުވާލެވިފައި ވާކަމަށް ވެސް ވިދާޅުވިއެވެ.
"ރައީސް ކަމުގެ މަގާމު އޮތަސް ޕާޓިގެ ނައިބު ރައީސުންވެސް ތިއްބަވާނެ. އަދި ކައުންސިލް މެމްބަރުންވެސް ތިއްބަވާނެ. ކޮމެޓީތައްވެސް ހުންނާނެ. އެހެންވީމަ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތައް މި ޕާޓިން އޮންނާނީ ހުޅުވާ ލެވިފަ. ދުނިޔޭގަ އެހެން ތަންތާގައިވެސް އަޅުގަނޑަކަށް ހިއެއް ނުވޭ ޕާޓީގެ އެންމެ މަތީ މަގާމުގައި ހުންނާނީ އެ ޕާޓިއެއްގަ ހުރި އެންމެ ޒުވާ މީހާ ހެންނެއް. ހުންނާނީ ތަޖުރިބާ ހުރި ތަންކޮޅެއް ދުވަސްމީ މީހެއް،" މައުމޫން ވިދާޅުވިއެވެ.
ޕީޕިއެމްގެ ދާއިމީ ރައީސްކަމަށް ކުރިމަތި ލައްވާނެކަން ރައީސް މައުމޫން ވިދާޅުވެފައި ވާއިރު އެ ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތި ލައްވާނެކަން އެ ޕާޓިގެ މަޖިލިސް މެމްބަރު އަހްމަދު މަހުލޫފްއާއި، އަހުމަދު ނިހާނު ހުސައިން މަނިކުގެ އިތުރުން މިހާރުވެސް އެ ޕާޓީގެ ވަގުތީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ކުރިމަތި ލައްވަން ނިންމަވާފައި ވާކަން މިހާރު ވަނީ އިއުލާނު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ