ޑިމާންޑްތައް ފުރިހަމަކުރުމުގެ ގާބިލްކަމެއް ސަރުކާރުގައި ނެތް: މަދަނީ އިއްތިހާދު

އިސްލާމްދީން ހިމާޔަތްކުރުމަށް ގޮވާލައި މިދިޔަ މަހުގެ 23 ގައި ބޭއްވި ބޮޑު މުޒާހަރާގައި ހުށަހެޅި ޑިމާންޑްތައް ފުރިހަމަ ކުރުމުގެ ގާބިލްކަމެއް ސަރުކާރުގައި ނެތް ކަމަށް މަދަނީ އިއްތިހާދުން ބުނެފި އެވެ. ގިނަ އަދަދެއްގެ ބަޔަކު އެއްވި މުޒާހަރާގައި ސަރުކާރަށް ހުށަހަޅާފައިވާ ފަސް ޑިމާންޑް ފުރިހަމަކުރުމަށް ދީފައިވާ މުއްދަތު މިއަދު ހަމަވާނެ އެވެ. އެ މުޒާހަރާގައި ސަރުކާރަށް ޑިމާންޑްކޮށްފައި ވަނީ އައްޑޫގައި ބަހައްޓާފައި ހުރި ބުދުތައް ނައްތާލުމާއި އިޒްރޭލުގެ ފްލައިޓްތައް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ނުދިނުމާއި އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ނާވީ ޕިއްލޭ ދެއްކެވި ވާހަކަތައް ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރެއްވުމާއި ރާއްޖޭގައި ހިންގާ ހަށިވިއްކާ ތަންތަން ބަންދުކުރުމާއި މީހުން ދިރިއުޅޭ ރަށްރަށް ފަޅުކޮށްގެން ބަނގުރާ ވިއްކުން ހުއްޓުވުމަށެވެ. މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ޑިމާންޑްތައް ސަރުކާރަށް ފުރިހަމަކޮށް ނުދެވުނު ކަމަށެވެ. އެއީ އެކަންތައް ފުރިހަމަ ކޮށްދިނުމުގެ ގާބިލްކަމެއް ސަރުކާރުގައި ނެތުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިމާންޑްތައް ފުރިހަމަ ކުރުމަށް ކަމަށް ބުނެ ސަރުކާރުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ޓޫރިޒަމަށް ލިބުނު ގެއްލުންތަކުގެ ޒިންމާ ނަގަން ޖެހޭނީ ވެސް ސަރުކާރުންނެވެ. ރާއްޖޭގައި ހިންގާ ހަށިވިއްކާ ތަންތަން ބަންދުކުރަން ގޮވާލުމުން ގަވާއިދާ އެއްގޮތަށް، ޕްރޮފެޝަނަލްކޮށް ރިސޯޓްތަކުގައި ހިންގާ ސްޕާތައް ބަންދުކުރުވުން ފަދަ ކަންތައް ސަރުކާރުން ކޮށްފައި ވަނީ، އަބްދުﷲ ވިދާޅުވި ގޮތުގައި، ޑިމާންޑްތަކުގެ މާނަ ވެސް ނޭނގޭތީ އެވެ. އެހެންކަމުން ޑިމާންޑްތައް ފުރިހަމަކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތައް ތައްޔާރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ބަލާކަށެއް ނުތިބޭނަން. އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ ގޮތަކަށް އެ ޑިމާންޑްތައް ފުރިހަމަކޮށްދޭނަން. ދެން ކުރިއަށް ނިންމާ ކަންތައްތައް ވެސް ވަރަށް އަވަހަށް ރައްޔިތުންނާ ހިއްސާކުރާނަން،" އަބްދުﷲ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މުޒާހަރާގެ ބައިވެރިންނަށް އުނދަގޫކޮށް، "ކަރަށް މެހުމަށް އެއްލާ ކޮންމެ މަޅިއެއްގައި ބެދެނީ ވެސް ސަރުކާރު" ކަމަށެވެ. ސަރުކާރުން ޑިމާންޑްތައް ފުރިހަމަ ނުކޮށްފި ނަމަ ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމުގެ އިންޒާރު މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން ވަނީ ދީފަ އެވެ. ޑިމާންޑްތައް ފުރިހަމަކުރުމަށް މުޒާހަރާ އިންތިޒާމްކުރި ފަރާތްތަކުން ސަރުކާރަށް މުހުލަތެއް ދިނުމުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެފައި ވަނީ ހުށަހެޅި ކަންކަން ފުރިހަމަ ކުރުމަށް އިތުރަށް އަޅާނެ ފިޔަވަޅެއް ނެތް ކަމަށެވެ. އަދި ސަރުކާރުން އެ ޑިމާންޑްތަކަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ