އާތު އަވާގައި 2.8 މެގަވޮޓްގެ ކަރަންޓް ސަލާމަތްކުރެވުނު: އެންވަޔަރަމަންޓް

ރޭ ފާހަގަކުރި އާތު އަވާގައި މާލޭން 2.8 މެގަވޮޓް ކަރަންޓް ސަލާމަތްކުރެވުނު ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ. އާތު އަވާ ފާހަގަކުރުމުގެ މަގުމަތީގެ ހަރަކާތްތަކުގެ ކުލަތައް މި އަހަރު ފަނޑުވި ނަމަވެސް، އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހްމަދު އަލީ ވިދާޅުވީ މި އަހަރުގެ އާތު އަވާގެ ނަތީޖާ މިދިޔަ އަހަރަށް ވުރެ ރަނގަޅު ކަމަށެވެ. "މި ފަހަރުގެ ނަތީޖާއާމެދު ހިތްހަމަ ޖެހޭ. މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، ސަލާމަތްކުރެވޭ ކަރަންޓްގެ މިންވަރު އަދިވެސް އިތުރުކުރަން އެބަޖެހޭ،" އަހްމަދު އަލީ ވިދާޅުވި އެވެ. "މިފަދަ ހަރަކާތްތަކަކީ މީހުންގެ ހޭލުންތެރިކަމާ ގުޅިފައި އޮންނަ ކަމެއް. އެހެންވެ ހޭލުންތެރިކަން އިތުރުވާ މިންވަރަކުން އާތު އަވާ ކާމިޔާބުވަމުންދާނެ." އެއް ލައްކަ އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި މި އަހަރު 2.8 މެގަވޮޓްގެ ކަރަންޓް ސަލާމަތްކުރެވުނުއިރު، މިދިޔަ އަހަރުގެ އާތު އަވާގެ އެއް ގަޑިއިރުގައި މި ތަންތަނުން ސަލާމަތްކުރެވިފައިވަނީ 1.6 މެގަވޮޓްގެ ކަރަންޓެވެ. މިދިޔަ އަހަރު ސަލާމަތްކުރެވުނު ކަރަންޓްގެ މިންވަރަށް ބަލާއިރު އެއީ 418 ލީޓަރު (ދެ ފީފާ ޑީސަލް) އެވެ. އަދި އެ ވަގުތުގައި ޖައްވަށް ބޭރުނުވެ ސަލާމަތްކުރެވުނު ކާބަންގެ މިންވަރަކީ 966 ކިލޯގްރާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ