ޑރ. މަޖީދަށް ރުހުން ލިބުމާ ސަރުކާރުގެ ދީނީ ސިޔާސަތު ރައްޔިތުން ބަލައިގަތުމަކާ ގުޅުމެއް ނެތް: އަދާލަތު

އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމާ، ސަރުކާރުގެ ދީނީ ސިޔާސަތު ރައްޔިތުން ގަބޫލުކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުން އަލުން ލިބިވަޑައިގަތުމުން ދައްކުވައިދެނީ ސަރުކާރުގެ ސިޔާސަތުތަކަށް އޮތް އިތުބާރު ކަމަށް އިސްލާމިކް މިނިސްޓަރު އިއްޔެ ވިދާޅުވެފައިވީ ނަމަވެސް އިމްރާން ވިދާޅުވި ގޮތުގައި ރައްޔިތުންގެ 95 ޕަސެންޓަށް ވުރެ ގިނަ މީހުން ސަރުކާރުގެ ދީނީ ސިޔާސަތު ރަނގަޅު ކަމަށް ބަލައިނުގަންނަ ކަމަށް އޭނާ އަށް ގަބޫލުކުރެއްވެ އެވެ. "އެހެންވީމާ ޑރ. މަޖީދަށް އެ ލިބުނު ވޯޓަކީ ސަރުކާރުން އިސްލާމިކް މިނިސްޓަރަށް ތާއީދުކުރާ މިންވަރު ހާމަކޮށްދޭ ވޯޓެއް. ނަމަވެސް ރައްޔިތުންނާ އެއްވެސް ގުޅުން ހުރި ވޯޓެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ވޯޓު އޮތީ އިދިކޮޅަށް. އެއީ ރައްޔިތުންގެ ވިންދު އޮތީ އިދިކޮޅަށް ކަމަށްވާތީ،" އިމްރާން ވިދާޅުވި އެވެ. މިނިސްޓަރު ކަމުން ދެ ވަނަ ފަހަރަށް އިސްތިއުފާދެއްވައި އަލުން މަގާމާ ހަވާލުވެ ވަޑައިގެންނެވި ޑރ. މަޖީދަށް ރުހުން ދިނުމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްވީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 73 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާ އަށް ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓް ދެއްވީ 35 މެމްބަރުންނެވެ. އިމްރާން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ސަރުކާރުގެ ބާރާއި ނުފޫޒު އޮތް މިންވަރު އިއްޔެގެ ވޯޓުން ހާމަވެގެން ހިނގައްޖެ އެވެ. އޭނާ ވިދާޅުވީ އެ ޕާޓީގެ އިސް މަގާމެއް ވެސް ފުރުއްވާ ޑރ. މަޖީދު މިނިސްޓަރުކަމުގައި ހުންނެވުމަކީ ސަރުކާރުގެ ދީނީ ކަންތައް ގޯސްވެގެން ދިއުމުން، ރައްޔިތުން ކުރިމަތީގައި ބަހަނާ ދެއްކުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އެހެންކަމުން މަޖީދު މަގާމުގައި ހުންނެވިއަސް، ކުރިމަތިވެފައިވާ ދީނީ މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. "ޑރ. މަޖީދު ހުންނަވައިގެން ބުދު ބަހައްޓަން ހުއްދަ ދެއްވާނެ ކަމަކަށް ގަބޫލެއް ނުކުރަން. އިޒްރޭލު ފްލައިޓް ޖައްސަން ހުއްދަ ދެއްވާނެ ކަމަކަށް ގަބޫލެއް ނުކުރަން. ޑރ. ހުންނަވައިގެން މިތަނުގައި އެހެން ދީންތައް ފެތުރުމަށް ހިތްވަރު ދޭނެ ކަމަކަށް ވެސް ގަބޫލެއް ނުކުރަން. އަރަބި، އިސްލާމީ ތައުލީމް ނައްތާލަން ހިތްވަރު ދޭނެ ކަމަކަށް ވެސް ގަބޫލެއް ނުކުރަން،" އިމްރާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑރ. މަޖީދު މަގާމުގައި ބަހައްޓަވައި، ސަރުކާރުން ކުރާ ކަންތައްތަކުގެ އިލްޒާމް އެޅުވުމަކީ އޭނާގެ އިލްމުވެރިކަމާ މެދު ވެސް ރައްޔިތުން ސުވާލު އުފައްދާނެ ކަމެކެވެ. ޑރ. މަޖީދު އިއްޔެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވޯޓު ދެއްވާފައި ވަނީ އޭނާ އަށް ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ކަމަށެވެ. އެ ވޯޓުން ސަރުކާރުގެ ސިޔާސަތަށް އޮތް އިތުބާރު ހާމަވެގެން ހިނގައްޖެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. މަޖީދު އިސްތިއުފާ ދެއްވުމަށް ފަހު އަލުން މިނިސްޓަރުކަން ގަބޫލުކުރެއްވުމާ ގުޅިގެން އަދާލަތު ޕާޓީން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ޕާޓީގެ މަސްލަހަތު ފުށުއަރާގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ އޭނާގެ މައްސަލަ ވަނީ ސްލޫކް ކޮމިޓީ އަށް ވެސް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ