ދިއްގަރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަށް ޝަރުތު ހަމަވީ ދެ ބޭފުޅެއް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މާދަމާ ބާއްވާ ޕްރައިމަރީ އަށް ތިން ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް ޝަރުތު ހަމަވީ ދެ ބޭފުޅެއް ކަމަށް އެ ޕާޓީން ދެންމެ ބުނެފި އެވެ. ޕްރައިމަރީ އަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަވީރު 3:00 އަށް ހަމަވިއިރު ހުށަހެޅުއްވި ތިން ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވީ، ތްރީއޭ ކުންފުނީގެ އެއް ޑިރެކްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ނައިބު އަލީ ޝިޔާމްގެ ކޮއްކޮ އިބްރާހިމް ޖިހާދާއި މ. މަޑުއްވަރީ ކާނިގޭ އަހުމަދު ރާޒީ ކަމަށް އެމްޑީޕީން ބުންޏެވެ. ޕްރައިމަރީ އަށް ދެން ހުށަހެޅުއްވީ އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ސުޖާއު ހުސެއިން ކަމަށް އެނގިފައިވެ އެވެ. އެކަމަކު އޭނާ ޕްރައިމަރީ އަށް ޝަރުތު ހަމަނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ދިއްގަރު ދާއިރާގެ ޕްރައިމަރީ ބާއްވަން އެމްޑީޕީން ނިންމާފައި މިވަނީ، ސަރުކާރާ އިދިކޮޅު ޕާޓީތަކުން އެ ދާއިރާ އަށް އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ. އަދި ޕްރައިމަރީ ބާއްވަން އިއުލާންކުރީ، އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމާ ދެކޮޅަށް ޕާޓީގެ ބައެއް މެމްބަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރުމާ ގުޅިގެންނެވެ. ދިއްގަރު ދާއިރާ އަށް އެމްޑީޕީން ކެންޑިޑޭޓަކު ނެރޭއިރު، އެ ޕާޓީއާ ގުޅިގެން މިހާރު މަސައްކަތް ކުރާ އަދާލަތު ޕާޓީގެ އިސް ތަރުޖަމާން އަލީ ޒާހިރު ވެސް އެ ދާއިރާ އަށް ކުރިމަތިލެއްވުމަށް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. ސަރުކާރު ހިންގާ ޕީޕީއެމުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ. އޭނާ އަށް ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގަތީ މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އަންނަ ޖޫން ހައެއްގައި ބާއްވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހަށް ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ