ނަހުލާއަށް މަގާމު ލިބުނީ ގާބިލްކަމުން، އަންބަކަށް ވެގެނެއް ނޫން: ގާސިމް

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް އެ މަގާމު ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލަކަށްވުމުން ނޫން ކަމަށާއި އެއީ ނަހުލާގެ ގާބިލްކަމުން ލިބިވަޑައިގަތް މަގާމެއް ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.
ނަހުލާ އަށް އެ މަގާމު ލިބިވަޑައިގަތީ ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށްވާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ އަނބިކަނބަލުންނަށް ވުމުން ނޫން ކަމަށް ނަހުލާ ވިދާޅުވުމުން ފާޑު ކިޔުންތަކެއް އޭނާ އަށް ދަނީ އަމާޒުވަމުންނެވެ.
އެކަމާ ގުޅިގެން ގާސިމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުންނަށް ވީތީ މަގާމެއް ދޭންޖެހޭ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނޯންނާނެ ކަމަށެވެ. އަދި ނަހުލާއަށް އެ މަގާމު ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގާސިމް ހުށަހެޅުއްވީ ނަހުލާގެ ތެދުވެރި އަދި ގާބިިލް ބޭފުޅެއް ކަން ޔަގީންވާތީ ކަމަށާއި ނަހުލާއަށް ރައީސް އެ މަގާމު ދެއްވީ ވެސް ރިޔާސީ އިންތިިޚާބުގެ ކެމްޕެއިން ތެރޭގައި ނަހުލާ ކުރެއްވި މަސައްކަތް ރައީސަށް ގާތުން ފެނިވަޑައިގެންފައިވާތީ ކަމަށް ވެސް ގާސިމްގެ މެސެޖްގައިވެ އެވެ.
ގާސިމްގެ މެސެޖްގައިވަނީ ނަހުލާއަށް މަގާމު ލިބިވަޑައިގަތީ ގާސިމްގެ އަނބިކަނބަލަކަށް ވުމުން ނޫން ކަމަށް ނަހުލާ ވިދާޅުވުމުން އެ ވާހަކަ އެކި ކޮޅުކޮޅަށް ދަމަނީ ހަޖަމު ނުކުރެވިގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އެގޮތަށް މީހުންނާ ދިމާކުރުން ހުއްޓާލަން އެ މެސެޖްގައި ގާސިމް އެދިވަޑައިގެންފައިވެ އެވެ.
ގާސިމް އެގޮތަށް ވިދާޅުވިއިރު، ނަހުލާއަށް އަމާޒުވާ ފާޑުކިޔުންތަކާ ދެކޮޅަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ނުކުމެވަޑައިގެންފަ އެވެ. މާރިޔާ ކުރެއްވި ޓްވީޓެއްގައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ ގޮތާ މެދު ރައްޔިތުންގެ ޝަކުވާއެއް ނެތް ކަމަށާއި ނަހުލާއާ މެދު ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ވެސް ނެތް ކަމަށެވެ. އެހެންވެ، ބަލަންވީ ކުރާ މަސައްކަތަށް ކަމަށާއި މީހާއަށް ނޫން ކަމަށް ވެސް މާރިޔާގެ ޓްވީޓްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ