ވަޒީފާއަށް ޝޯޓްލިސްޓު ކުރާ ތަރުތީބުގެ ކުރީގައި ވެރިންގެ އާއިލާގެ މީހުންނާއި ވައްކަންކޮށްދޭ މީހުން ހިމެނޭ: ޝަހީދު

ވަޒީފާތަކަށް ޝޯޓްލިސްޓު ކުރެވޭ ތަރުތީބުގެ އެންމެ ކުރީގައި، ވެރިންގެ އާއިލާގެ މީހުންނާއި ވެރިންނަށް ވައްކަން ކޮށްދޭނެ މީހުން ހިމެނޭ ކަމަށް އދ.ގެ ސްޕެޝަލް ރެޕަޓުއާ އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މުހިއްމު ބައެއް ތަންތަނުގެ ސީއީއޯއިންގެ މަގާމު ރާއްޖޭން ބޭރު މީހުންނަށް ދެމުންދާ މައްސަލައިގައި އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ އިރު، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ކުރީ ސަރުކާރުތަކުގެ އެކި މަގާމުތައް ގިނަ ދުވަސްތަކެއްވަންދެން އަދާކުރެއްވި މަރިޔަމް ވަހީދާ ކުރެއްވި ޓުވީޓަކަށް ޖަވާބުދެއްވަމުން ޑރ. ޝަހީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ވަޒީފާއަށް ޝޯޓްލިސްޓު ކުރެވޭ ތަރުތީބުގެ އެއްވަނައިގައި ހިމެނެނީ ވެރިންގެ އާއިލާގެ މީހުން ކަމަށާއި ދެވަނައިގައި ހިމެނެނީ ވެރިންނަށް ވައްކަން ކޮށްދޭނެ މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑރ. ޝަހީދު އިތުރަށް ވިދާޅުވީ، އެ ލިސްޓުގެ ތިންވަނައިގައި ހިމެެނެނީ ޕާޓީ އެކްޓިވިސްޓުން ކަމަށާއި ހަތަރުވަނައިގައި ހިމެނެނީ ވެރިންނާއެކު ކުށުގެ ވެށީގައި އުޅެފައިވާ މީސްމީހުން ކަމަށެވެ. އަދި ފަސްވަނައިގައި ހިމެނެނީ މަޖިލިސް މެންބަރުންގެ ގާތް މީހުން ކަމަށާއި ހަ ވަނައިގައި ހިމެނެނީ ވިލާތުގެ މީހުން ކަމަށެވެ. އެ ލިސްޓުގެ އެންމެ ފަހަތުގައި، ހަތް ވަނައިގައި ހިމެނެނީ ވެރިންނާ އެއްދާންކުރާ މީހުން ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ސްޓުއާޓް ހަމަޖައްސާފައިވާ އިރު، ރާއްޖޭގެ ޕެންޝަން އޮފީހުގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް ވަނީ ހަމަޖައްސައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ