ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކުރަން ނެރުނު އަމުރު ގޯސް: ސުޕްރީމް ކޯޓު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަށް ބޭންކް އެކައުންޓު ފްރީޒް ކުރަން ކޯޓު އަމުރު ނެރުނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ރައީސް ޔާމީންގެ އަށް އެކައުންޓެއް ފްރީޒް ކުރީ މިދިޔަ އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ބުނެ އެވެ.
އެ އަމުރުގައި ބުނެފައިވަނީ އެ ފައިސާ ނުހިފަހައްޓައިފިނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި އަދި އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުން ވެދާނެ ކަމަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ އަމަރު ބާތިލުކޮށްފަ އެވެ. އެހެންކަމުން، ދައުލަތުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކުރީ ރަނގަޅަށް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ