ވިލިނގިލީ ދާއިރާގެ އަތޮޅު ކައުންސިލް އިންތިޚާބު ފަސްކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ވިލިނގިލި ދާއިރާގެ އިލެކްޝަން ނުބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ވިލިނގިލި ދާއިރާގެ އަތޮޅު ކައުންސިލް އިންތިޚާބު ފަސްކުރި ނަމަވެސް އެއަތޮޅު ގެމަނަފުށީ ދާއިރާ އާއި ދާންދޫ ދާއިރާގެ އަތޮޅު ކައުންސިލް އިންތިޚާބު އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ވިލިނގިލީ ދާއިރާގެ އަތޮޅު ކައުންސިލް އިންތިޚާބު ފަސްކުރުމަށް ނިންމާފައި ވަނީ އެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހެޅި ފަރާތެއްގެ ކެންޑިޑެސީ ގަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާތީ ކަމަށެވެ.
ގއ. އަތޮޅު ކައުންސިލަށް އަމިއްލަގޮތުން ވާދަކުރެއްވި އަތޮޅު ކައުންސިލްގެ މިހާރުގެ ނާއިބް ރައީސް މަސްއޫދު އަހްމަދުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ކޮމިޝަނުން ނިންމީ ރަނގަޅަށް ނޫންކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާއެކު އޭނާގެ ކެންޑިޑެސީ ބަލައިގެންފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ވިލިނގިލި ދައިރާގެ އަތޮޅު ކައުންސިލް އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް އެ ކޮމިޝަނުން ވެފައިވަނިކޮށް ކަމަށެވެ. ނަމަވެސް ކެންޕޭން ކުރުމަށް އެކަށީގެންވާ ފުރުސަތު ދިނުމަކީ ގާނޫނީގޮތުން މަސްއޫދަށް ދޭންޖެހޭ ހައްގަކަށްވާތީ، އެ ދާއިރާގެ އިންތިޚާބު ފަސްކުރީ އެ ސަބަބަށްޓަކައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މިއަދުގެ ނޫސްވެރީންގެ ބައްދަލުވުމުގައި އަލީ މުހައްމަދު މަނިކު ވިދާޅުވީ ވިލިނގިލި ދާއިރާގެ އަތޮޅު ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ