ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެ މަހިބަދޫ ރައްޔިތުން ޕެޓިޝަނެއް ތައްޔާރުކޮށްފި

ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ދިއުމުން މަހިބަދޫ ރައްޔިތުން ޕެޓިޝަނެއް ތައްޔާރުކޮށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.
މަހިބަދޫގައި ގެދޮރު އެޅުމަށް ބިން ދޫ ނުކުރެވެނީ އެ ރަށުގައި ބިމުގެ ދަތިކަން ހުރުމުން ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެމުން ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު މީހަކު ބުނީ މަހިބަދޫގައި ބިމުގެ ދަތިކަން ހުރުމުން ގޯތި ދޫނުކުރާތާ މިހާރު 29 އަހަރު ވެފައިވާ ކަމަށެވެ. އަދި އެކި ސަރުކާރުތަކުން މަހިބަދޫގެ ބިން ހިއްކާނެ ކަމަށް ބުނެފައިވީ ނަމަވެސް އެއްވެސް ސަރުކާރަކުން އަމަލީ މަސައްކަތް ފަށާފައި ނުވާ ކަމަށްވެސް ބުންޏެވެ. އެހެންކަމުން ރައްޔިތުންގެ ތެރެއިން 644 މީހުން ސޮއިކޮށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށާއި މިނިވަން މުައްސަސާތަކަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމުހޫރިއްޔާގެ އޮފީސް، ހައުސިން މިނިސްޓްރީ، ޕުލޭނިން މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓް ކޮމިޝަނަށް މިޕެޓިޝަން މިހާރު ލިބިފައިވާނެ ކަމަށްވެސް ބުންޏެވެ.
ވީނިއުސް އަށް ލިބިފައިވާ މިޕެޓިޝަނުގައި ބުނެފައިވަނީ މަހިބަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރައްޔިތުންނަށް ފަރުދީގޮތުން ހައްލުކުރެވޭވަރަށް ވުރެ މާބޮޑު މައްސަލަ އެއް ކަމަށެވެ. ރަށު ކައުންސިލުން ލޭންޑު ޔޫސް ޕުލޭން ހަދާފައިވާއިރު އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނާއ މަޝްވަރާކޮށްފައި ނުވާ ކަމަށްވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރަށުގެ ހުސްބިންތައް ބޯހިޔާވަހިކަމަށް ދޫނުކޮށް އެހެނިހެން ކަންކަމަށް ދޫކޮށް ހުސްވެގެން ދިއުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށްވެސް ޕެޓިޝަންގައިވެ އެވެ.
މަހިބަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ޕެޓިޝަނެއް ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައިވާއިރު އެރަށުގެ ކައުންސިލަށްވެސް މި ޕެޓިޝަނާއި އެކު ސިޓީއެއް ވަނީ ހުށަހަޅާފަ އެވެ. މި ސިޓީގައި ބުނެފައިވަނީ މަހިބަދޫއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވޭނީ ސަރުކާރުގެ ސިޔާސަތުގެ ދަށުންކަމަށްވާތީ، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްއ ކައުންސިލުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އާބާދީގައި 2584 މީހުން ދިރިއުޅޭ މަހިބަދޫ އަކީ އދ. އަތޮޅުގައި ވެރިކަން ކުރާ ރަށެވެ. އެހެންކަމުން އަތޮޅު ހޮސްޕިޓަލް، ބޭންކު، ޕޮލިސް ސްޓޭޝަން ވެސް ހުންނަނީ އެ ރަށުގަ އެވެ. އަދި ސަރަހައްދުގެ އައިސް ޕުލާންޓުވެސް މަހިބަދޫގައިގައި ވަނީ ގާއިމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ