މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ އެމްޓީޑީ ގެ ކެންޑިޑޭޓު މެމްބަރު ޔާމީން ރަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކާއެކު ބޭއްވި ސައިކަލުބުރެއްގައި އެމަނިކުފާނުގެ ބޮޑެތި ވައުދުތަކެއް މަޑުއްވަރީ ދާއިރާއަށް ބަންޑުން ކޮށްލައްވައިފިއެވެ.
އިއްޔެ ހަވީރު މީދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ސައިކަލްބުރުގައި އެކި ސަރަހައްދުތަކަށް މަޑުކޮށް ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެބޭފުޅާ މަޖިލީހަށް އިންތިހާބުވެވަޑައިގެންފިނަމަ ދާއިރާގެ ދެރަށުގެ ޕްރީސްކޫލު ކުދިންގެ ފީ ހިލޭކޮށްދެއްވާނެކަމަށެވެ. އަދި ޕްރީ ސްކޫލު ކުދިންނާއި ސްކޫލު ކުދިންގެ ފޮތްލިސްޓާއި ޔުނިފޯމް އެބޭފުޅާ ހޯއްދަވައިދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. މިކަން ކުރައްވާނީ އެބޭފުޅާގެ ސިޔާސަތެއްގެ ދަށުންކަމަށް ވިދާޅުވެ މެމްބަރު ޔާމީން ވިދާޅުވީ ޕްރީސްކޫލުތައް ހިންގަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންކަމަށްވާއިރު ފީ ހިލޭކޮށްދެވޭނެފަދަ އާމްދަނީއެއް ކޮމިޓިއަށް ހަމަޖައްސައިދެއްވިއްޖެނަމަ އެކަން ކުރެވިދާނެކަމަށެވެ. މީގެއިތުރުން ދާއިރާގެ ދެރަށުގެ ސްކޫލުގައި މިހާރު ހުރި ވަސީލަތްތައް އިތުރަށް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ. މީގެއިތުރުން ކޮންމެ އަހަރެއްގެ ބެސްޓް އޯލް ރައުންޑަަށް ހޮވޭ ދަރިވަރުންނަށް ފުލް ސްކޮލާޝިޕެއް ޔާމީން ފައުންޑޭޝަނުން ދެއްވާނެކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ބެސްޓް އޯލް ރައުންޑާއި އެންމެ ގާތުން ވާދަކުރާ ދަރިވަރުންނަށް ހާފް ސްކޮލާޝިޕްތައް ދެއްވާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ. މީގެއިތުރުން މާލޭގައި އޭ ލެވެލް ފުރިހަމަކުރަން ބޭނުންވާ ކުދިންނަށް އެ ފުރުސަތުވެސް ސްކޮލާޝިޕް މެދުވެރިކޮށް ލިބިގެންދާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޒުވާނުންނަށް ބޮޑެތި ވައުދުތަކެއްވެލައްވަމުން ޔާމީން ރަޝީދު ވިދާޅުވީ ރަށުގައި ހުރެގެން އިންވެސްޓް ކުރާނެ ފުރުސަތުތައް ޒުވާނުންނަށް ހޯއްދަވައިދެއްވާނެކަމަށް ޔާމީން ވިދާޅުވިއެވެ. މަސްވެރިކަމާއި ގެސްޓު ހައުސް ވިޔަފާރީގެ އިތުރުން ވޯޓަރ ސްޕޯޓްސް އަދި ކަލްޗަރަލް ސެންޓަރުތަކެއް މީދޫގައި ތަރައްޤީވެގެންދާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ. މި ހުރިހާ އިންވެސްޓުމެންޓެއްވެސް ކުރިއަށް ގެންދާނީ ދާއިރާގެ ދެރަށުގެ ޒުވާނުންކަމަށް ޔާމީން ފާހަގަކުރެއްވިއެވެ. ދެރަށުގައި މިހާރުވެސް ދާއިރާއަށް ހުޅުވާލައިގެން ފުޓުބޯޅަ މުބާރާތްތަކެއް ބޭއްވޭކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ އެ ބޭފުޅާ އިންތިހާބުވެވަޑައިގެންފިނަމަ މުޅި އަތޮޅަށްހުޅުވާލައިގެން ދާއިރާގެ ކޮންމެވެސް ރަށެއްގައި ފުޓުބޯޅަ މުބާރާތެއް ބާއްވައިދެއްވާނެކަމަށެވެ. މީގެއިތުރުން އިންޓަރނޭޝަނަލް ފެންވަރު ފުޓްބޯޅަ ސްޓޭޑިއަމެއް ތަރައްޤީ ކޮށްދެއްވާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ސިއްހީ ދާއިރާއަށް އެބޭފުޅާގެ ތަސައްވުރު ހާމަކުރައްވަމުން ޔާމީން ފާހަގަކުރެއްވިގޮތުގައި ރީޖަނަލް ހޮސްޕިޓަލަށް ބަރޯސާ ނުވެ ރަށުގެ ސިއްހީ މަރުކަޒު ހިންގޭ ފެންވަރަށް ހިއްހީ މަރުކަޒު ތަރައްޤީކުރައްވާނެކަމަށެވެ. މީގެއިތުރުން ރާއްޖެއިން ބޭރުގެ ޑޮކްޓަރުން ސީދާ ދާއިރާއަށް ގެނެސް މެޑިކަލް ކޭމްޕްތައް ކުރިއަށް ގެންދަވާނެކަމަށްވެސް ޔާމީން ފާހަގަކުރެއްވިއެވެ. ކަނބަލުން ބާރުވެރިކުރުވުމަކީ އެބޭފުޅާގެ ތަސައްވުރެއްކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ ފަހަން ދަސްކޮށްދީ، ޕޭސްޓްރީ ކޯސްތައް ހިންގާ އަދި ރޯނުވެށުމާ އަތްތެެރި މަސައްކަތްތަކުގެ ޓްރެއިނިންގ ކަނބަލުންނަށްދީ ކަނބަލުން ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތައް ރައްޔިތުންނަށް ތަނަވަސްކޮށްދެއްވާނެކަމަށެވެ. މީގެއިތުރުން ކަނބަލުން އުފައްދާ ޕްރޮޑަކްޓްތައް ކައިރި ރިސޯޓުތަކަށް މާކެޓު ކޮށްދީ އެތަކެއްޗަށް ހަމަ އަގު ހޯއްދަވައިދެއްވާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އިސްރަށްވެހިން ހެއްވާލުމަށްޓަކައި ޒަމާނީ ފެންވަރުގެ ހޮޅުއަށިތަކެއް ދާއިރާގެ ދެރަށުގައި ޤާއިމުކޮށްދެއްވާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ. މީގެއިތުރުން ރަށުގައިހުރި ޕާކުތައް ތަރައްޤީކޮށް އިސްރަށްވެހިންނަށް އައުޓްޑޯ ޖިމްތަކެއް ތަރައްޤީކޮށްދެއްވާނެކަމަށް ޔާމީން ވިދާޅުވިއެވެ.
އިޖްތިމާއީ ގޮތުން ދެރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށްވެސް ޔާމީން ރަޝީދު ވިދާޅުވިއެވެ. އެގޮތުން ސިޔާސީ ފަރާތްތަކަށް ބަރޯސާނުވެ ކުލަބު ޖަމިއްޔާތައް ހަރަކާތްތެރިވެވޭނު ފުރުސަތު ހޯއްދަވައިދެއްވާނެކަމަށް މެމްބަރު ވިދާޅުވިއެވެ. ކުލަބު ޖަމިއްޔާތަކަށް އިންވެސްޓުމެންޓުތައް ހޯދައިދީ އިންވެސްޓަރުންނާ ކުލަބު ޖަމިއްޔާތަކަާ ގުލުވާލަދޭނަންކަމަަށްވެސް ޔާމީން ވިދާޅުވިއެވެ. މީގެއިތިރުން އިންޓަނޭޝަނަލް ފެއަރ ތަކަށް ކުލަބު ޖަމިއްޔާތައް ގެންގޮސްދީ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާ އެފަރާތްތަކަށް ހީޯއްދަވައިދެއްވާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ދެރަށުގައި ވެލްފެއަރ އެޖެންޓުން ބައިތިއްބާ ދާއިރާގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާނެކަމަށް މެމްބަރު ޔާމީން ވިދާޅުވިއެވެ. ރަށުގެ ރައްޔިތުން ނަށް ބޭނުންވާ ޒަރޫރީ ކަންކަން މި ވެލްފެއަރ އެޖެންޓުން މެދުވެރިކޮށް ފަހިވެގެންދާނެކަމަށް ޔާމީން ވިދާޅުވިއެވެ.
ދީނީ ކަންކަން ދިރުވާ އާލާކުރުމަށް ހުރިހާ ޤާނޫނަކީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ހެދޭ ޤާނޫނުތަކަށް ހައްދަވައިދެއްވާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ. މީގެއިތުރުން ރޯދަމަހު ވައުޡު އިއްވާނެ ދީނީ އިލްމުވެރިން ރާއްޖެއިން ބޭރުން ގެނެސް ދާއިރާގެ ރައްޔިތުން ދީނީ ދަރުސްތައް ގެނެސްދެއްވާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ރޯދަމަހު ތަރާވީސް ނަމާދު ކުރާނެ އިމާމުން ގެނެސްދެއްވާނެކަމަށާއި މަޖިލީހަށް ހޮވޭތާ 30 ދުވަސްތެރޭގައި ދާއިރާގެ ހުރިހާ މިސްކިތްތަކެއް އޭސީކޮށްދެއްވާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ. މީގެއިތުރުން މަޖިލީހަށް ހޮވޭތާ ކުޑަދުވަސްކޮޅެއެްގެ ތެރޭގައި ފެންހެދޭ ގޯޅިތަކުގައި ޑްރެއިނޭޖް ސިސްޓަމްތަކެއް ޤާއިމުކޮށް އަހަރުގެ ތެރޭގައި ބާކީހުރި ހުރިހާ މަގެއްގައި ގައު އަތުރާ ނިންމާދޭނެކަމަށެވެ.
މީގެއިތުރުން މަޑުއްވަރީއާއި މީދޫގެ ބަނދަރު ބޮޑުކޮށްދީ މަސްވެރިންނަށް އައިސް ޕްލާންޓެއްގެ ހިދުމަތާއި ސްލިޕް ވޭ އެއްގެ ހިދުމަތް ދާއިރާއިން ލިބޭނެގޮތް ހަމަޖައްސަވަައި ދެއްވާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ސައިިކަލު ބުރަކާއެކު މެމްބަރު ޔާމީނުގެ ބޮޑެތި ވައުދުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ