އާދްމަ ޝަރީފު، ގާސިމް އަދި ސައީދުގެ ވޯޓުތައް އަލުން ގުނަނީ

ނިމިދިޔަ މަޖިލިސް އިންތިހާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާއި ގުޅިގެން ބައެއް ވޯޓް ފޮށިތައް އަލުން ގުނުމަށް ނިންމައިފިއެވެ.
ޖުމްލަ 74 ވޯޓް ފޮއްޓެއް ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާއިރު، އަލުން ގުނުމަށް ހަމަޖެހިފައިވަނީ މާމިގިލި ދާއިރާގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި، މާވަށު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ސައީދު އަދި މަޑުއްވަރީ ދާއިރާގެ ކެންޑިޑޭޓް އާދަމް ޝަރީފް އުމަރުގެ ވޯޓު ފޮށިތަކެކެވެ.
މި ވޯޓް ފޮށިތަކަކީ މާވަށު ދާއިރާއަށް ވޯޓްލާފައިވާ 69 ފޮއްޓަކާއި މާމިގިލީ ދާއިރާއަށް ވޯޓްލާފައިވާ ފޮއްޓަކާއި މަޑުއްވަރީ ދާއިރާއަށް ވޯޓްލާފައިވާ 4 ފޮށިތަކެކެވެ. މި ވޯޓް ފޮށިތަކުގެ ސެކިއުރިޓީ އުރަ ތިނެއް ކަނޑާ، ވޯޓު ކަރުދާސްތައް އަލުން ގުނުމަށްވަނީ ނިންމާފައެވެ. އިލެކްޝަނަސް ކޮމިޝަނުން ބުނީ މި ދާއިރާގެ ފޮށިތައް އަލުން ގުނާނީ މިއަދު ހަވީރު 16:00ގައި ކަމަށެވެ.
ތިން ދާއިރާގެ ވޯޓު ފޮށިތައް ކަނޑާ އަލުން ގުނަން ނިންމާފައިވަނީ، މި ދާއިރާތަކުގެ ވަގުތީ ނަތީޖާތައް އިއުލާންކޮށް ނިމިފައިވަނިކޮށެވެ. ޤާސިމްގެ އިންތިޚާބީ ޝަކުވާ ހުށައެޅުމުން ރޭވެސް ވަނީ މާމިގިލީ ދާއިރާގައި ބެހެއްޓި 3 ވޯޓް ފޮއްޓެއް އަލުން ގުނާފައެވެ. މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ވޯޓް ފޮއްޓެއްގައި 190 ބާތިލް ވޯޓް އޮތުމާ ގުޅިގެން އެ ވޯޓް ފޮށިތައް އަލުން މި ގުނި އިރު، ގާސިމްއަށް ވަނީ 64 ވޯޓް އިތުރުވެފަ އެވެ. އޭނާއާއި ވާދަކުރެއްވި އެމްޑިޕީގެ ކެނޑިޑޭޓް އަލީ އަމީޒަށްވެސް ވަނީ އަލުން ގުނުމުން އިތުރަށް 45 ވޯޓް ލިބިވަޑައިގެންފައެވެ. އިލެކްޝަނުން ކުރިން އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާގޮތުން ގާސިމް ގޮނޑި ކާމިޔާބުކުރެއްވީ 80 ވޯޓް ތަފާތަކުންނެވެ. އެހެންނަމަވެސް މި ފަރަގު މިހާރު ވަނީ 99 އަކަށް އަރާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭގައި ދެން ގުނާފައިވަނީ މާވަށު ދާއިރާގެ ވޯޓް ފޮށިތަކެވެ. މި ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން 6 ވޯޓްގެ ތަފާތަކުން ކުރި ހޯއްދަވާފައިވަނީ ކުރީގެ އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ. އެހެންނަމަވެސް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ފަލާހު ހުށައެޅުއްވި ޝަކުވާއަކާއި ގުޅިގެން ރޭ އަލުން ވޯޓް ފޮށިތައް ގުނުމުން ސައީދަށް ލިބުނު ވޯޓްތަކުން އެއް ވޯޓް މަދުވެ ދެ ކެނޑިޑޭޓޫންގެ މެދުގައިވާ ފަރަގު ވަނީ ފަހަކަށް ތިރިވެފައެވެ.
މިއަދު ގުނަން ނިންމާފައިވާ މަޑުއްވަރީ ދާއިރާގެ ވަގުތީ ނަތިޖާ ދައްކާގޮތުން އެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ 17 ވޯޓްގެ ތަފާތަކުން ޕީއެންސީގެ ކެނޑިޑޭޓް އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރުއެވެ. އެނާ އާއި އެންމެ ކައިރިން ވާދަކުރި މުހައްމަދު ޝިހާމަށް ލިބިފައިވަނީ 851 ވޯޓްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ