ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނު އަސާސީއާ ޚިލާފަށް ކުރައްވާފައިވާ ކަމަށް ބުނާ ކަންތައްތަކެއް ހިމެނޭ ތަފްސީލް ރިޕޯޓެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ތަފްސީލީ ރިޕޯޓެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުނޭ 20 އަށް ވުރެ ގިނަ މައްސަލަ ހިމަނާފައިވާ ކަމަށް އެނގިފައިވެ އެެވެ. ނަމަވެސް މިރިޕޯޓްގެ ތަފްސީލް ޖޭއެސްސީއާއި މަޖިލީހުގެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން، ޖޭއެސްސީއާއި ރައްޔިތުންގެ މަޖިލީހާއި އަދި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރެއަށް އިހްތިޞާސްގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން އެކަން ދިރާސާކުރުމަށް އެކުލަވާލެވުނު ޖޭއެސްސީގެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްއާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައެއް ވެސް ޖޭއެސްސީ މީގެކުރިން ވަނީ ބަލާފަ އެވެ. މި ތިން ބޭފުޅުންގެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ނިންމާފައިވަނީ މި ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށެވެ.
ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރެއް ކަމުގައިވާ އަބްދުﷲ ދީދީގެ މައްސަލައެއް ބެލުމަށްފަހު އެމަނިކުފާނު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ޖޭއެސްސީން މީގެ ކުރިން ވަނީ ނިންމާފަ އެވެ.
ސުޕްރީމް ކޯޓް ފަނޑިޔާރުންގެ މައްސަލަތަކެއް ހިމެނޭ ރިޕޯޓެއް މަޖިލީހަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ