19 ވަނަ މަޖިލީހުގެ މެމްބަރުން މާޒީން އިބުރަތް ހާސިލްކުރަން ގާސިމް އެދިވަޑައިގެންފި

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގަތް މެމްބަރުން މާޒީން އިބުރަތް ހާސިލްކޮށް، ކުރިއަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.އެމަނިކުފާނު އެފަދައިން ވިދާޅުވީ ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފަހު ޖަލްސާ ނިންމަވާލައްވާ ވާހަކަފުޅު ދައްކަވަމުން. އެގޮތުން ގާސިމް ވިދާޅުވީ ކޮންމެ ތަނެއްގައި ވެސް ރަނގަޅު ކުރަން ޖެހޭނެ ކަންކަން ހުންނާނެ ކަމަށާއި އެއީ ފަހުން ބަދަލު ހިފަންޖެހޭ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ބިނާ ކުރުމުގެ އުސޫލަކަށް ވާނީ މީގެ ކުރިން ބައެއް މެމްބަރުންގެ ކިބައިން ފެނިގެންދިޔަ ނޭދެވޭ އަމަލުތައް ރަނގަޅު ކުުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން 19 ވަނަ މަޖިލީހުގެ މެމްބަރުން ވެގެންދާނީ ގައުމަށް ފައިދާ ހުރި ގިނަގުނަ ޚިދުމަތްތައް ކޮށްދީ އިންސާފުވެރިކަމާއެކު މަސައްކަތް ކުރައްވާނެ މެމްބަރުންތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ވަކި ފަރާތަކަށް ނުޖެހި ގައުމުގެ މަސްލަހަތާއި އަމާންކަން ދަމަހައްޓައި، ގާނޫނުއަސާސީއަށް ބޯލަނބައިގެން އިހުލާސްތެރިކަމާއި ކިޔަމަންތެރިކަމާ އެކީގައި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކޮށްދެއްވާނެ މެމްބަރުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. 19 ވަނަ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 29 ވަނަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ