ހޯމަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކޮށް ނިންމާލެވޭނެ: ނަޝީދު

އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކޮށް ނިންމާލެވޭނެ ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.ނަޝީދު މިހެން ވިދާޅުވީ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، އެމްޑީޕީން ރިޔާސީ އިންތިޚާބަށް އެކުލަވާލި މެނިފެންސްޓޯގެ އެންމެ ފުރަތަމަ ކަމަކަށް އަދި އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ ޝަރުޢީ ނިޒާމު އިސްލާހުކޮށް ފަނޑިޔާރުގެތައް ސާފުކުރުން ކަމަށެވެ.އެގޮތުން ސަރުކާރުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއްވެސް ތާވަލާއި އެއްގޮތަށް ކުރިޔަށްދާ ކަމަށާއި އުމްރާނީ ޕްރޮޖެކްޓުތަކާއި، ލާމަރުކަޒީ ނިޒާމުގެ ބޭނުންތަކާއި، އެންމެ ކުޑަ އުޖޫރަ އާއި ބޯހިޔާވަހިކަމާއި، ދަތުރުފަތުރުގެ ނިޒާމާއި މަހުގެ ހަމަ އަގު ހޯދައި ދިނުމަކީ އިންތިޚާބުގައި ވާދަކުރިއިރު އެމްޑީޕީން ވެފައިވާ ވައުދުތައްކަން އޭނާ ފާހަގަކުރެއްވިއެވެ.ޝަރުޢީ ނިޒާމު އިސްލާހު ކުރުމަކީ އެމްޑީޕީ މެނިފެސްޓޯގެ އެންމެ ފުރަތަމަ މަސައްކަތް ކަމަށް ނަޝީދު ވިދާޅުވިއިރު، އެކަން އިސްލާހު ކުރުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް އިން ކުރާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރުމަށް ގާނޫނަށް ގެނެވުނު އިސްލާހް ވަނީ ފާސްކޮށްފައެވެ. އަދި ސުޕްރީމް ކޯޓަށް އިތުރު ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، އެ މަޤާމަށް ދެ އަންހެން ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި ރައީސް ސާލިހް ވަނީ ދެ އަންހެން ބޭފުޅެއްގެ ނަން ޖޭއެސްސީއަށް ފޮނުއްވާފައެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރެއްވުމަށް ރައީސް ޞާލިހް ނިންމަވާފައިވާއިރު އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ޚިލާފު އަދި ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ދީނީ ފަތުވާ މަޖިލީހުން ވަނީ ނިންމަވާފައެވެ.ގިނަ ދީނީ އިލްމުވެރިންނާއި ޚިލާފަށް ކުރީގެ ރައީސް މައުމޫން ވަނީ ދީނުގައި ހުއްދަ ނޫން ކަމަކަށް ތާއިދު ކުރައްވާ ސަރުކާރާއި އެއްކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ