ސިޔާސީ މަސައްކަތުގައި ޚިޔާލު ތަފާތުވިޔަސް ދެ ރައީސުންގެ ގުޅުން ވަރުގަދަ

ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި، ޚިޔާލު ތަފާތުވުމާއި، ވިސްނުން ތަފާތުވުމަކީ ކުރިއަށް ހުރި މަސައްކަތްތަކުގައި އެކީގައި ކުރިއަށް ނުދެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދެވުނު ނުރައްކާތެރި ހަމަލާއަށްފަހު ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދެވުމަށް ހޭދަ ކުރެއްވި ދުވަސްތަކުގައި ސިޔާސީ ގޮތުން ރައީސް ޞާލިހުއާއި، ރައީސް ނަޝީދުގެ ޚިޔާލު ތަފާތުވި ކަންތައްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ބިލްތައް ޑްރާފްޓް ކުރުމުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސިޔާސަތުތަކާއި، އަސާސްތަކާއި އެއްގޮތަށް ބިލްތައް އެކުލަވާލުމަކީ އެމަނިކުފާނުގެ ވިސްނުންކަމަށެވެ.
ބިލްތައް ފަރުމާ ކުރުމުގައި ކުރިއަށް އޮތް ތަނުގައިވެސް އެވިސްނުން ކުރިއަށް ނެރެ ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާ ކުރައްވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ ޚިޔާލު އެންމެ ބޮޑަށް ތަފާތުވި ބިލަކީ މަޖިލީހަށް ހުށަހެޅުނު ނަފްރަތުގެ ބިލެވެ. ބިލު ސަރުކާރުން ފުރަތަމަ ހުށަހެޅި ގޮތަށް އާންމު ގިނަ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުން ތާއީދުނުކޮށް ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން ވަނީ އެބިލަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތްތަކުގައި ޚިޔާލު ތަފާތުވުން އޮންނަ ކަންކަމުގައި ކުރިއަށް ދަނީ އަބަދުވެސް މަޝްވަރާކޮށްގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމަނިކުފާނުގެ ހުރި ކަންބޮޑުވުންތަކާއި، ސިޔާސީ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާ ކުރައްވާނެކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ރައީސް ނަޝީދަކީ ކުޑައިރުއްސުރެ އެކީގައި އުޅުއްވި ވަރަށް ގާތް ދެ އެކުވެރިންނެވެ. ރައީސް ނަޝީދު އިއްޔެވެސް ވިދާޅުވެފައިވަނީ އެމަނިކުފާނާއި، ރައީސް ޞާލިހާއި އޮތް ގުޅުން ދުވަހަކުވެސް ނުކެޑޭނެކަމަށެވެ. އަދި ދެބޭފުޅުންނަށް އެކީގައި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރެވޭނެކަމީ ޝައްކު ކުރައްވާ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ދެންނެވޭނީ ރައީސުލްޖުމްހޫރިއްޔާއާއި ވާހަކަ ނުދައްކާ ހުރުމަށް ދެކިގެނެއް ނުހުންނަން. އަދި ހުންނަން އެއީ ދަތިވެސް ކަމެއް. ރައީސުލްޖުމްހޫރިއްޔާއާއި، ވާހަކަ ނުދެއްކި ނަމަވެސް އިބްރާހިމް މުހައްމަދު ޞާލިހުއާއި، ވާހަކަ ނުދައްކައި، އެއީ އަޅުގަނޑު ދުވަހަކުވެސް ހިތު އަޅައިގެން ހުރި ކަމެއްނޫން. އަދި ރައީސުލްޖުމްހޫރިއްޔާއާއި ވާހަކަ ނުދައްކައި ހުރުމަށް ހިތުއަޅައިގެން ނުހުންނަމު." ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމުން އެންމެ ފުރަތަމަ އެއާޕޯޓުން މަރުހަބާ ދެންނެވީވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. އަދި ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެމަނިކުފާނަށް ޚާއްސަ ކުރެވޭ ގެކޮޅު ނިމެންދެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސާފައިވަނީ ހޮޓެލް ޖެންގައެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަލާމަތީ ކަންކަން ސަރުކާރުން އިންތިޒާމު ކުރައްވާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. ނަމަވެސް ބޭނުންފުޅުވަނީ އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވަން ކަމަށާއި، ހާލަތު ހުރި ގޮތުން މިހާރު އެފުރުސަތު ނެތްކަމީ ގަބޫލު ކުރައްވާ ކަމެއްކަމަށެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ރާއްޖެއިން ބޭރުގައި ހުންނެވުމުން އެމަނިކުފާނުގެ ބަޔާން ނެގުމަށް ދަތިތަކެއް ކުރިމަވީ ނަމަވެސް ރާއްޖެ ވަޑައިގެން ހުންނެވުމުން ވަރަށް އަވަހަށް ބަޔާން ދެއްވާނޭކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ