ދަނބިދޫ، ކަލައިދޫ އަދި އިސްދޫގެ މަރުކަޒީ އިންޖީނުގެ އަޅަނީ

ލ. ދަނބިދޫ، ކަލައިދޫ އަދި އިސްދޫއަށް އެއް ވިއުގައަކުން ކަރަންޓުގެ ހިދުމަތް ދިނުމުގެ މަޝްރޫއުގައި ހިމެނޭ މަރުކަޒީ އިންޖީނުގެ ގޭގެ ބިންގާ އަޅައިފި އެވެ.
މިމަޝްރޫއުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތަކީ ވެސް ތިން ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒީ އިންޖީނުގެ އިމާރާތް ކުރުމެވެ. މަރުކަޒީ އިންޖީނުގެ ހެދުމަށް ހަމަޖެހިފައިވަނީ ކަލައިދޫގަ އެވެ.
އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްއާއި، ކަލައިދޫ ކައުންސިލް ރައީސް އަހްމަދު ޝިޔާމްގެ އިތުރުން ދަނބިދޫ ކައުންސިލް ރައީސް އިބްރާހިމް މިމްރާހް އެވެ.
ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭ މި މަޝްރޫއު ނިމުމުން ތިން ރަށަށް 1.2 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދޭނެ އެވެެ.
މި މަޝްރޫއުގެ ދަށުން އިންޖީނުގޭގައި ކޮންޓްރޯލް ރޫމަކާއި ބެޓެރީ ރޫމެއްގެ އިތުރުން ޓެކްނިކަލް އޮފީހެއް ހަދާނެ އެވެ. އަދި ތިން ރަށުގައި ވަކިވަކިން ފެނަކަ އޮފީސްތައް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.
ލ. އަތޮޅުގައި ކަރަންޓުގެ ހިދުމަތް އެއް ވިއުގަކުން ދިނުމަށް ނިންމާ މިދިޔަ އަހަރު ފެށި މަޝްރޫއު ނިމުމުން ލ. އަތޮޅަށް 4.5 މެގަވޯޓުގެ ކަރަންޓު ފޯރުކޮށްދޭނެ އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ