އުމަރު ވިދާޅުވަނީ އިސްލާމީ ތަރުބިއްޔަތުގެ ފަރުވާއަކުން މެނުވީ ޑްރަގް ހައްލު ނުކުރެވޭނެ ކަމަށް!

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ރަނގަޅު ކުރުމަށް ޓަކައި އޮތް ހަމައެކަނި ހައްލަކީ އިސްލާމީ ޝަރީއަތުގެ މައްޗަށް ބިނާވެފައިވާ މޮޑެލް އެއް ރާއްޖެއަށް ތައާރަފް ކުރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު މިހެން ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަކީ ނިއު ސައުތު ވޭލްސްގެ ނިޒާމަށް ބަލައިގެން ހަދާފައިވާ ގާނޫނެއްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަ ކޮށްފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. "ސަން"އާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޮސްޓްރޭލިއާގެ ސައުތު ވޭލްސްގެ އެ މޮޑެލް އަކީ މުޅި ދުނިޔޭގައި ވެސް ފެއިލް ވެފައިވާ ނިޒާމެއް ކަމަށެވެ. އެހެންކަމުން އިސްލާމީ ޝަރީއަތުގެ މައްޗަށް ތަރުތީބު ކޮށްފައިވާ ހަރުދަނާ ނިޒާމެއް ރާއްޖެއަށް ތައާރަފް ކޮށްގެން މެނުވީ މި ފަނާކުރުވަނިވި، މަސްތުވާތަކެތީގެ ވަބާއިން ގައުމު މިންޖެއް ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޮސްޓްރޭލިއާގައި ބޭނުންކުރަމުން އައި އެ ނިޒާމަކީ އެއިރުގެ ހާލަތަށް ބެލުމަށްފަހު ނެރުނު އެއްޗެއް ކަމަށެވެ. އަދި އޮސްޓްރޭލިއާގައި ވެސް މިހާރު ވަނީ އެ ނިޒާމް މުޅިން ދޫކޮށްލާފައި ކަމަށާއި އެ ނިޒާމުގައި ހިފައްހައްޓައިގެން އުޅެނީ ހަމައެކަނި ރާއްޖެއިން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. "ރާއްޖޭގަ ދިހަ އަހަރުވީއިރު އެއްވެސް ކަމެއް ނުވި އަސްލުގަ. އެ މޮޑެލް ބޭނުންކޮށްގެން އަންނަ ކޮންމެ ސަރުކާރަކުން ވެސް މިކަން ވޭތޯ އެކަން ވޭތޯ އޭގަ ދިއުޅި ދިގު ވާހަކައާ ދިއުޅި ކުރު ވާހަކައާ ދިއުޅި ނެއްޓޭ ވާހަކައާ މި ހުރިހާ ވާހަކައެއް ކޮންމެ މީހަކު ވެސް އަރާފަ ފަސް އަހަރު ވަންދެން ދައްކަނީ. އެމީހުންނަކަށް ނޭނގެ މި މޮޑެލްއަކީ ހަގީގަތުގައި ވެސް ކަމުނުދާ މޮޑެލްއެއް ކަމެއް،" އުމަރު ވިދާޅުވިއެވެ. ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހުންނާނީ ވެސް އޮސްޓްރޭލިއަން މޮޑެލްގައި އެކަނި ކަމަށާއި އޭގެ ބަދަލުގައި މިހާރު ހުންނަނީ ޑްރަގް އެންފޯސްމެންޓް އެޖެންސީ (ޑީއީއޭ) ކިޔާ އެޖެންސީއެއް ކަމަށެވެ. އުމަރު ވިދާޅުވިގޮތުގައި މިހާރު ރާއްޖޭގައި މި އޮތް މޮޑެލް، އޮތްގޮތަށް ބާއްވައިގެން އަދި އިތުރު ފަސް އަހަރު ހޭދަ ކުރިޔަސް ކާމިޔާބީއާ ހަމައަށް ވާސިލުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. "ރާއްޖޭގަ މަދުވާނެ އަޅުގަނޑާ އެއްވަރަށް މި މައްސަލަ ދަންނަ މީހަކު. އަޅުގަނޑު ބެޓްކޮށްފަ މި ބުނަނީ ލާހިކެއް ނޫން މި މޮޑެލްގަ ހިފަހައްޓައިގެން ތިބޭހާ ދުވަހަކު ރާއްޖޭގަ މި އޮތް މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރާކަށް. މި މޮޑެލް ޖެހޭނީ އެއްކޮށް ދޫކޮށްލަން،" އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިސްލާމީ ތަރުބިއްޔަތުގެ މައްޗަށް ބިނާ ކޮށްފައިވާ ފަރުވާއަކުން ޖަރީވެގެން، މުޖުތަމައުއަށް ނުކުންނަ މީހާގެ ގޮތެއް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ނަމާދު ކުރުމާއި ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށް މީހާ ހުންނާނީ ފައްކާ ވެފައި ކަމަށް އުމަރު ވިދާޅުވިއެވެ. "ދީނުގަ ހިފެހެއްޓީމަ އެމީހާގެ އަގީދާ ވަރުގަދާ ވާނީ. އެހެންވީމަ ރާއްޖޭގަ ޖެހޭނީ އިސްލާމް ދީނުގަ ހިފަހައްޓުވަން. ނަމާދު ކުރުމާއި ގުރުއާން ކިޔެވުމާ މި ހުރިހާ ކަމެއްގެ ތެރެއަށް މީހާ ޖެހޭނީ ވައްދަން އަސްލުގަ. އެގޮތަށް ވެއްދި ވެއްދީނުން މަސްތުވާތަކެތީގެ ތެރެއިން އެމީހާ ނުކުންނާނީ. އެ ހިސާބަށް އޭނާ ގެނެވުނީމަ ޓާނިން ޕޮއިންޓެއް ފެންނާނެ،" އުމަރު ވިދާޅުވިއެވެ. ޕެޓިޝަން ކޮމެޓީގެ މުގައްރިރު، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ވިދާޅުވީ ހެލްތް މިނިސްޓްރީގެ ދަށަށް އެންޑީއޭ ބަދަލު ކުރުމާ ގުޅުވައިގެން ވަރަށް ހަރުދަނާ އުސޫލުތަކެއް ހަދަމުން އެބަ އަންނަ ކަމަށެވެ. "ދުނިޔޭގެ ކުރިއަރައިގެން ގޮސްފައިވާ ގައުމުތަކުގައި ވެސް މަސްތުވާތަކެތި ކޮންޓްރޯލް ކުރަނީ ކިހިނެއްކަން ރަނގަޅަށް ދިރާސާކޮށް، ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހަދާފައިނުވާ ފެންވަރުގެ ހަރުދަނާ ފުރިހަމަ ރިޕޯޓެއް، ރަނގަޅު އުސޫލުތަކަކާއެކު އެބަ ތައްޔާރު ކުރޭ،" ނަސީރު ވިދާޅުވިއެވެ. ޕެޓިޝަން ކޮމެޓީގެ ނައިބު މުގައްރިރު އަދި ތިނަދޫ އުތުރު ދާއިރާ މެންބަރު އަބްދުލްމުޣުނީ ވިދާޅުވީ މަސްތުވާތަކެތީގެ އައު ވައްތަރުތައް ރާއްޖެއަށް ތައާރަފު ވުމާއެކު މިހާރު ދެމުން އަންނަ ފަރުވާއާއި ބޭހަކީ އެކަށީގެންވާ އެއްޗެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެ ފަރުވާ ބަދަލު ކުރަންޖެހޭ ކަމަށް ކޮމެޓީގެ ހުރިހާ މެމްބަރުން ވެސް ގަބޫލު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ