ދަށު ކޯޓުން އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަނީ
ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުން ކުރި އަމުރު، ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ. ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި, އައްމަޓީ ކަފާލާތުގެ ދަށުން ދޫކޮށްލައިފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަފީފާ މޫސާ އާއި ދައްތަ މަރިޔަމް ނައީމާ ޖާމިނުކުރުމަށްފަހުގައެވެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕޮރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ގާނޫނުގައި ކަފާލާތުގެ އުސޫލުން މީހަކު ދޫކޮށްލުމުގެ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ނިންމުން، ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ. އައްމަޓީގެ މައްސަލައާ ގުޅިގެން ޕީޖީ ޝަމީމް ވެސް ވަނީ ގާނޫނުގައި ކަފާލާތު ކުރަން އޮންނަ ގޮތާ ހިލާފަށް ނިންމުންތައް ނިންމާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. "ޤާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އެނޫން ގޮތްގޮތަށް މައްސަލަ ނިންމީމާ، އަޅުގަނޑުމެން ޖެހެނީ ހައިކޯޓަށް ދާށެވެ. ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެއެވެ." ޕީޖީ ޝަމީމް ވިދާޅުވިއެވެ. ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލި ނަމަވެސް އޭނާ މާލެ އިން ބޭރަށް ފުރާނަމަ ކޯޓުން ހުއްދަ ހޯދަން ޖެހޭނެއެވެ. އަދި ޝަރީއަތަށް އެއްބާރުލުންދީ އަޑުއެހުންތަކަށް ހާޒިރުވާން ވެސް ޖެހޭނެއެވެ. އައްމަޓީ ބަންދުން ދޫކޮށްލުމަށް މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުން ނިންމިއެވެ. ނަމަވެސް އެ ނިންމުން ހައި ކޯޓުން ބާތިލް ކުރުމާއި އެކު އަނެއްކާ ވެސް އައްމަޓީ ހައްޔަރުކުރިއެވެ. އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. ސީލައިފް އެޕާޓުމެންޓު ވިއްކާނެކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ. އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ މި އަހަރުގެ މާޗު މަސް ތެރޭގަ އެވެ. ލަންކާ އިން ގެނައުމަށް ފަހު އައްމަޓީ ހުރީ ބަންދުގައެވެ. ނަމަވެސް އެ މައްސަލައަކީ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުަވަހުއެވެ. އެ މައްސަލަ ހައިކޯޓުން އިސްތިއުނާފު ކުރީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށާއި، ޝަރީއަތަށް ހާޒިރުނުވެ ފިލުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ. ހިޔާނާތްތެރިވީ މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އައްމަޓީގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ