އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ޕާލަމެންޓް ސަސްޕެންޑް ކުރައްވާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށާއި، އެހެންކަމުން އެ ނިންމުން ބާތިލްކަމަށް އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
އިނގިރޭސި ބޮޑުވަޒީރު ޕާލަމެންޓް ސަސްޕެންޑް ކުރެއްވި މައްސަލަ ބާތިލްކަމަށް ކަނޑައެޅުއްވީ، އިނގިރޭސި ސުޕްރީމް ކޯޓުގެ މުޅި ބެންޗުގެ އިއްތިފާގުންނެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ޕާލަމެންޓް ސަސްޕެންޑް ކުރެއްވީ ފަސް ހަފްތާއަށެވެ. އޭގެ ބޭނުންފުޅެއް ކަމަށް ބޮޑުވަޒީރު ވިދާޅުވީ، އާ ލެޖިސްޓޭޓިވް އެޖެންޑާއެއް އެކަށައަޅައި އިޢްލާން ކުރެއްވުމަށް ވަގުތު ހޯއްދެވުމެވެ. އެ އެޖެންޑާ ނުވަތަ ސަރުކާރުގެ ޕްލޭން އިޢްލާން ކޮށްދެއްވާނީ އިނގިރޭސި ރާނީ އެލިޒަބަތެވެ.
އެކަމަކު، އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އޮކްޓުބަރު 31 ކަމަށްވެފައި ފަސް ހަފްތާއަށް ޕާލަމެންޓް ސަސްޕެންޑް ކުރުމަކީ ޕާލަމެންޓް މެމްބަރުންގެ މަސައްކަތް ހުއްޓުވުން ކަމަށް ވިދާޅުވެ ގިނަ މެމްބަރުން ބޮޑުވަޒީރުގެ ނިންމެވުން ކުށްވެރި ކުރެއްވިއެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓަށްވެސް ވެއްދިއެވެ.
މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ބޮޑުވަޒީރު ބޮރިސް ޖޯންސަން ޕާލަމެންޓް ސަސްޕެންޑް ކުރެއްވި އަސްލު ބޭނުންފުޅަކީ، އީޔޫއިން ވަކިވުމުގެ ކަންކަން ގާތްވެފައިވާއިރު، ޕާލަމެންޓް މެމްބަރުން ސަރުކާރުގެ ކަންކަން ނުހަނު ގާތުން ބަލައި ވަޒަންކުރަމުންދާނެތީ އެކަމަށް ހުރަސްއެޅުއްވުން ކަމަށެވެ.
"ޕާލަމެންޓް ސަސްޕެންޑް ކުރުމުގެ ސަބަބުން ރައްޔިތުން އިންތިޚާބު ކޮށްފައި ތިއްބަވާ މެމްބަރުންނަށް، ފަސް ހަފްތާއަށް އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ވަނީ ހުރަސްއެޅިފައި" ސުޕްރީމް ކޯޓުގެ ރައީސް ލޭޑީ ހޭލް އިއްވެވި ހުކުމުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުން އިއްވާ ހުކުމަކަށް އިހްތިރާމް ކުރައްވާނޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން އިނގިރޭސި ޕާލަމެންޓްގެ މަސައްކަތް ވަގުތުން ފެށުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އެހެން ނަމަވެސް، ބޮރިސް ޖޯންސަންގެ ސަރުކާރުގެ ގުނަވަންތަކަށް މި ހުކުމުގެ ސަބަބުން ގުޑުންތައް އަރައިގެންދާނޭ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވިފަހުން ބޮރިސް ޖޯންސަންވަނީ އެތައްކަމެއްގައި ފެއިލްވެވަޑައި ގެންފައެވެ. ޕާލަމެންޓްގެ އަޣުލަބިއްޔަތު އޭނާއަށް ގެއްލިވަޑައި ގެންފައިވާއިރު، ޕާލަމެންޓް ތެރެއިން އެއްވެސް ކަމެއް ކުރެއްވޭނެގޮތް ނެތުނެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން، ބޮރިސް ޖޯންސަން ޕާލަމެންޓް ސަސްޕެންޑްކުރެއްވީ ރާނީ އެލިޒަބަތަށް ދޮގު މައުލޫމާތުތަކެއް ދެއްވައިގެން އެކަމަނާގެ ރުހުން ހޯއްދަވައިގެން ކަމަށްވެސް ކަނޑައެޅިގެން ދިޔައީއެވެ.
ޕާލަމެންޓް ސަސްޕެންޑް ކުރެއްވުން ގާނޫނާ ޚިލާފް: އިނގިރޭސި ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ