ކޮވިޑް-19: ލުއިތަކާއި އެކު ބަލީގެ ނުރައްކާ ބޮޑުވެދާނެކަމުގެ ބިރު

މި ބްލޮގްގައި ޙިއްސާކުރަމުން ދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ މަޢުލޫމާތާއި ޚަބަރުތަކެވެ.
މިދިޔަ ދެމަހެއްހާ ދުވަސްތެރޭ ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ އިތުރުވެގެން ދިޔަނަމަވެސް، ފާއިތުވެދިޔަ ދުވަސްތަކުގައި ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވާން ފަށާފައެވެ. އެއާއެކު ރާއްޖޭގައި މިހާރު އަންނަނީ، ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދެމުންނެވެ.
އެގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގެ މިސްކިތްތައް އަލުން ހުޅުވާލާފައިވާއިރު، ބައެއް ރަށްރަށުގައި ވިޔަފާރި ކުރުމަށްވެސް ލުއިތަކެއްދީ، ރެސްޓޯރެންޓާއި ކެފޭ ފަދަ ތަންތަން ވެސް އަލުން ހުޅުވުމުގެ ފުރުސަތު ވަނީ ދީފައެވެ.
ރާއްޖެ މިހާރު ތައްޔާރުވަމުން މިދަނީ، ކޮވިޑް-19 ގެ ނުރައްކާ މުޅީން އެކީ ކެނޑިގެން ނުދިޔަނަމަވެސް އާ އާންމު ހާލަތަކަށް ދިއުމަށެވެ. އާ އާންމު ހާލަތުގައި ބަލި އިތުރަށް ފެތުރިގެން ނުދާނެފަދަ ގޮތަކަށް ރައްޔިތުން ސަމާލުވެ ތިބުމަށް އިދާރާތަކުން އިލްތިމާސް ކުރަނީ، އަނެއްކާވެސް ކުރިން ރާއްޖެއަށް ކުރިމަތިވި ނުރައްކާ ދެވަނަ ފަހަރަށް ކުރިމަތިވެދާނެ ކަމަށްޓަކައެވެ.
ކޮވިޑް-19 ގެ ނުރައްކަލާއިއެކުވެސް، ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ މާނައަކީ ހުރިހާ ކަމެއް އާއްމު ހާލަތަކަށް ބަދަލުކުރުމެއް ނޫނެވެ. އެއީ އަދިވެސް ރާއްޖޭގައި މިބަލީގެ ނުރައްކާ އޮތުމުންނެވެ. ރާއްޖޭގައި ފުރަބަންދަށް ލުއިދެމުންދާނީ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން މަރުޙަލާތަކަކަށް ބަހާލައި، ހަލަތު އިތުރަށް ބަދަލުވާ މިންވަރަށް ބަލަމުންނެވެ.
ރާއްޖެ އާ އާންމު ހާލަތަކަށް ގެނައުމުގެ ފަހުގެ ތައްޔާރީތައްވެ، ބައެއް ފިޔަވަޅުތަކަށް ލުއިދީފައިވާއިރު، އިއްޔެވެސް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އެގޮތުން އިއްޔެ 39 މީހަކު ރާއްޖެއިން މި ބައްޔަށް ފައްސިވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ހާމަކޮށްފައެވެ.
ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް އަދިވެސް އިތުރުވަމުން އަންނައިރު، ރާއްޖެއިން މި ބަލި ޖެހުނު ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އެގޮތުން އިއްޔެ ފަސް މީހަކު ހިމެނޭހެން ރާއްޖެއިން މިހާތަނަށް 115 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދަކީ 1313 އެވެ. އޭގެތެރޭގައި ހިމެނެނީ 469 ދިވެހިންނާއި 844 ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން މި ބައްޔަށް ފައްސިވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން މިހާތަނަށް އެޤައުމުގެ 675 މީހަކަށް ރާއްޖެއިން މި ބަލި ޖެހިފައި ވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނާގޮތުން މިހާތަނަށް ރާއްޖެއިން 115 މީހަކު ބަލިން ރަނގަޅުވުމާއެކު، ބައްޔަށް މިވަގުތު ފަރުވާދެމުން ދަނީ 1192 މީހަކަށެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ހަތަރު މީހަކު ނިޔާވެފައި ވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔޭގެ މަޝްރަހަށް ބަލާއިރު، ބައެއް ޤައުމުތަކުގައި އަދިވެސް މި ބަލި ދަނީ ހިފެހެއްޓުމެއް ނެތި ފެތުރެމުންނެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ފައްސިވީ، އަދި އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި އެމެރިކާއަށް އަދިވެސް ނުރައްކާ ކުޑައެއް ނުވެއެވެ. އެމެރިކާގެ އިތުރުން ރަޝިޔާ އާއި ބްރެޒިލް އާއި ސްޕެއިން އާއި އިނގިރޭސިވިލާތުގެ އިތުރުން އިންޑިއާގައި އަދިވެސް ބަލި ފެތުރެމުން ދަނީ ހަލުވިކަމާއެކު އެވެ.
ދެކުނު އޭޝިއާ ސަރަޙައްދުގައި އަދިވެސް އެންމެ ނުރައްކާ ބޮޑު ޤައުމެއްގެ ގޮތުގައި އޮތީ އަވައްޓެރި އިންޑިއާއެވެ. އެޤައުމުގައި ބައްޔާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައިވީނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިހާތަނަށް އިންޑިއާއިން 131,423 މީހުންނަށް ކޮވިޑް-19 ޖެހި، އޭގެތެރެއިން 3,868 މީހަކު ވަނީ މަރުވެފައެވެ.
މިހާތަނަށް ދުނިޔެއިން 5.3 މިލިއަން މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން 342000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 2.2 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔެއިން މިވަގުތު މިބައްޔަށް ފަރުވާދެމުން ދަނީ 2.8 މިލިއަން މީހުންނަށެވެ. އޭގެތެރެއިން 53000 އަށްވުރެ ގިނަ މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.
ކޮވިޑް-19 އާއި ގުޅޭގޮތުން އިއްޔެ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ މަޢުލޫމާތާއި ޚަބަރުތައް ތިރީގައިވާ ބްލޮގުން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ