ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ވިލާ ގުރޫޕުން ދިވެހި ދައުލަތުގެ އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ސަމީރު މިހެން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގުރޫޕުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިފިނަމަ ގާސިމްގެ މުދާތައް ވިއްކައި، އެ ފައިސާތައް ހޯދުމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ސަރުކާރަށް ގޮވާލުމުން އެކަމަށް ރައްދުދެއްވާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ސަމީރު ވިދާޅުވީ ގާސިމް އިބްރާހީމް ފަދަ ދިވެހި ދައުލަތާއި ރައްޔިތުން ދެކެ ލޯބިވާ ބޭފުޅަކާ މެދު އަބްދުއްރަހީމް ވާހަކަދައްކަވާއިރު އޭނާ އަކީ އަބުރު ގެއްލިފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އަބްދުއްރަހީމަކީ ވައްކަމުގެ މައްސަލައެއް ސާބިތުވެ ބ. މާޅޮހަށް 12 އަހަރަށް އަރުވާލާފައިވާ ބޭފުޅެއް ކަން ސަމީރު ވަނީ ފާހަގަކުރައްވާފަ އެވެ.
ަސަމީރު ވިދާޅުވީ ގާސިމް އިބްރާހީމާ ދެކޮޅަށް އަބުރު ގެއްލިފައިވާ ބޭފުޅުން ވާހަކަދައްކަވާއިރު ގާސިމަކީ މިރާއްޖޭގައި އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ އަދި ދިވެހި ދައުލަތުގެ އެންމެ މަތީ ޝަރަފާއި އިއްޒަތަް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. ގާސިމް އިބްރާހީމާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ރައީސް އަބްދުﷲ ޔާމީނާއި އަބްދުއްރަހީމް ދައްކަވަނީ ރައީސް ޔާމީންގެ ގެއަށް ވަދެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ނަހަލާލު ފައިސާގެ މައްސަަލައާއި، އަބްދުއްރަހީމް ފްލެޓް ބައްލަވައިގެންނެވި ގޮތް ދެން އަންނަ ސަރުކާރަކުން ބަލާނެތީ ކަމަށްވެސް ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ގާސިމް އިބްރާހީމާއި ވިލާ ކުންފުނިން ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ފައިސާއެއް ދައްކަން އޮތް ނަމަ އަބްދުއްރަހީމް އެހެން ވިދާޅުވުމުގެ ބަދަލުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް އެ މައުލޫމާތުތައް ހާމަކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ގާސިމާއި ވިލާ ގުރޫޕުން ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ދައްކަން އޮތް ކަމަށް ބުނެ ހާމަކުރާނެ އެއްވެސް ފައިސާ އެއް ހުރި ކަމުގެ މައުލޫމާތެއް ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުދެއްކޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ދިވެހި ދައުލަތުން ވިލާ ގުރޫޕަށް ދައްކަންޖެހޭ ފައިސާ ތަކެއް ދެއްކޭނެ ގޮތެއް ނެތުމުން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވިއިރު ވިލާ ގުރޫޕާއި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓްތަކެއް ހުންނާނެ ކަމަށެވެ. މިއެގްރިމަންޓްތަކުގައިވާ މައުލޫމާތު މުޅިން އޮޅުވާލައިގެން މިސަރުކާރަށް ތާއީދުކުރާ އަދި ފިތިފައި ތިބި ބަޔަކު ގާސިމް އިބްރާހީމްގެ އަބުރު ގެއްލޭ ގޮތަށް ދޮގު ވާހަކަ ދެއްކެވި ނަމަވެސް އެ ވާހަކަ ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދައުލަތަށް ގާސިމް ދައްކަވަންޖެހޭ ފައިސާ ކަމަށް ބުނެ ހޯދަން މަސައްކަތް ކުރި ފައިސާގެ ގިނަ މައްސަލަތައް ކޯޓުތަކުގައި ނިމިފައިވަނީ ވެސް ގާސިމާ އެއްކޮޅަށް ކަމަށެވެ.
ސަމީރު ވިދާޅުވީ ރައީސް ޔާމީންގެ ދިފާއުގައި އަބްދުއްރަހީމް ފަދަ އަބުރު ގެއްލިފައިވާ މަދު ބޭފުޅުން ވާހަކަދެއްކެވި ނަމަވެސް ދިވެހި ރައްޔިތުންގެ ތާއީދާއި އިތުބާރު ރައީސް ޔާމީނަށް ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިސް ހުޅުވުމަށްފަހު ޖަލްސާއެއް ބާއްވަން ފުރުސަތުދޭ ހިސާބުން މަޖިލިސް މެދުވެރިކޮށް ރައީސް ޔާމީން އަޒުލު ކުރާނެ ކަމަށްވެސް ތަކުރާރުކޮށް ސަމީރު ވަނީ ވިދާޅުވެފަ އެވެ.
ސަމީރު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ގާނޫނީ އިމުގެ ތެރެއިން ނިމުމަކަށް ގެނެސްގެން ނޫނީ ދިވެހި ރައްޔިތުންނަށް އަދުލުވެރި އިންސާފުވެރި އަދި އުފާވެރި ދުވަސްތަކެއް ލިބެން ނެތް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ވެރިކަން ގާނޫނީ އިމުގެ ތެރެއިން ނިމުމަކަށް ގެނެސް މިވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ބަލައި ތަހުގީގުކުރާނެ ކަމަށްވެސް ސަމީރު ވަނީ ވިދާޅުވެފަ އެވެ.
ގާސިމް ދައުލަތަށް ދައްކަންޖެހޭ ލޯލާރިއެއްވެސް ނޯންނާނެ: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ