ސޯމާލިއާގެ ރައީސްކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމާޖޯ އިންތިޚާބު ކޮށްފިއެވެ.
ސޯމާލިއާގެ ގާނޫނުހަދާ މަޖިލީހަށް އަލަށް އިންތިޚާބު ކުރެވުނު މެމްބަރުންނާއި، ސެނޭޓް މެމްބަރުންގެ މެދުގައި ނެގި ވޯޓްގައި ރައީސްކަމަށް ތިން ބޭފުޅަކު ވާދަކުރެއްވިއެވެ.
އެތިން ބޭފުޅުންނަކީ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމާޖޯއާއި، ސޯމާލިއާގެ މިހާރުގެ ރައީސް ހަސަން ޝައިޚް މުހަންމަދުގެ އިތުރުން، ކުރީގެ ރައީސް ޝަރީފް ޝައިޚް އަހްމަދެވެ.
ވޯޓްގެ ފުރަތަމަ ބުރުގައި 88 ވޯޓްގެ ތަފާތުން ކުރި ހޯއްދެވީ މިހާރުގެ ރައީސް ހަސަން ޝައިޚް މުހަންމަދުއެވެ. އެހެން ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ މިންވަރަށް ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިވަޑައި ނުގެންނެވުމުން ދެވަނަ ބުރަކަށް ވަނީ ވޯޓް ލާފައެވެ.
ދެވަނަ ބުރުގެ ވޯޓްގައި ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމާޖޯއަށް އަޣުލަބިއްޔަތު ލިބިވަޑައި ނުގެންނެވި ނަމަވެސް އޭނާއަށްވަނީ 184 ވޯޓް ލިބިވަޑައިގެންފައެވެ.
މިހާރުގެ ރައީސްއަށް ލިބިވަޑައިގެންނެވީ 97 ވޯޓެވެ. މިނަތީޖާއާއެކު ވޯޓްގެ ތިންވަނަ ބުރަކަށް ދާން ތައްޔާރުވަނިކޮށް ރައީސް އިންތިޚާބުގެ ބަލި ގަބޫލު ކުރެއްވުމާއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މުހަންމަދު އަބްދުﷲ ފަރްމާޖޯކަމަށް ވަނީ ކަނޑައަޅާފައެވެ.
ސޯމާލިއާގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޝަބާބްގެ ހަނގުރާމަވެރިން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމުގެ ގޮތުން، ރައީސަކު އިންތިޚާބު ކުރުމަށް ޕާލަމެންޓް މެމްބަރުން ވޯޓްލުން ކުރިއަށް ގެންގޮސްފައިވަނީ މޮގަދިޝޫގެ އެއަރޕޯޓްގެ ހޭންގަރުގައެވެ. މިއީ ވެރިރަށުގައި އެންމެ ވަރުގަދައަށް ސަލާމަތީ ފިޔަވަޅު އަޅާފައިވާ ސަރަހައްދެވެ.
މިކަމާ ގުޅިގެން އެއަރޕޯޓްވެސް ބަންދުކޮށް، ސްކޫލްތަކާއި އޮފީސްތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި އާންމުންވެސް ތިބީ ގޭގައެވެ. މަގުތައް މަތިން މިއަދު ފެނޫނީ ހަމައެކަނި ސިފައިންނެވެ.
ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމާޖޯ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޚަބަރާއެކު ވެރިރަށް މޮގަދިޝޫގެ މަގުތަކަށް އާންމުން ނުކުމެ އުފާފާޅުކުރަމުން އެބަގެންދެއެވެ.
އުފާފާޅުކުރުންތައް ޑަޑާބުގަވެސް ވަނީ ފެށިފައެވެ. ޑަޑާބަކީ އިރުމަތީ ކެންޔާގައި ގާއިމް ކޮށްފައިވާ ސޯމާލިއާގެ ރެފިއުޖީން ތިބޭ ކޭމްޕެވެ. ޑަޑާބް ރެފިއުޖީ ކޭމްޕަކީ ދުނިޔޭގައި މިހާތަނަށް ގާއިމްވެފައިވާ އެންމެ ގިނަ ރެފިއުޖީން ދިރިއުޅޭ އެންމެބޮޑު ކޭމްޕްވެސް މެއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު މުހަންމަދު އަބްދުﷲ ފަރްމާޖޯ ވިދާޅުވީ، މިއީ ސޯމާލިއާ ރައްޔިތުންގެ އެއްބައިވަންތަކަމުގެ ފެށުން ކަމަށެވެ. އަދި މިއީ ސޯމާލިއާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޝަބާބް ޖަމާއަތާ ދެކޮޅު ހަނގުރާމައިގެ ފެށުން ކަމަށާއި އަދި މިއީ ކޮރަޕްޝަނާ ދެކޮޅު ހަނގުރާމައިގެވެސް ފެށުން ކަމަށް މުހަންމަދު އަބްދުﷲ ފަރްމާޖޯ ވިދާޅުވިއެވެ.
ސޯމާލިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މުހަންމަދު އަބްދުﷲ ފަރްމާޖޯއަކީ ސޯމާލިއާގެ ރައްޔިތެއްގެ އިތުރުން، އެމެރިކާގެ ރައްޔިތެއްގެ ދަރަޖަވެސް އޮންނަ ބޭފުޅެކެވެ.
އޭނާ ސޯމާލިއާގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 2010 ވަނަ އަހަރުއެވެ. ނަމަވެސް ސަރުކާރެއްވެސް އެކުލަވާ ނުލެވެނީސް އަށްމަސްވީތަނާ އޭނާ ވެރިކަމުން ދުރުކުރެވުނެވެ.
ސޯމާލިއާގައި ސަރުކާރެއް އޮތްނަމަވެސް އެގައުމުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލްކުރަނީ އަލްގައިދާއާ ގުޅިފައިވާ ޝަބާބް ޖަމާއަތުގެ ހަނގުރާމަވެރިންނެވެ.
ސޯމާލިއާގެ ރައީސްކަމަށް މުހަންމަދު އަބްދުﷲ ފަރްމާޖޯ އިންތިޚާބު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ