އެމްޑީޕީ ވަނީ ހިސޯރުކޮށްފައި، އިސްކޮށް ހުންނެވީ ނަޝީދު: އުމަރު

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީ އޮތީ ހިސާރުކޮށްފައިކަމަށާ އެކަމުގައި އިސްކޮށްހުރީ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އަބަދުވެސް ރައީސް ނަޝީދަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ކުރީގެ މިނިސްޓަރު އުމަރު މިހެން ވިދާޅުވީ އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ މެންބަރުނަށް ފޮނުވުމުގެ ގޮތުން ފޭސްބުކުގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.
އުމަރު ވިދާޅުވީ 2005 ވަނަ އަހަރު އެމްޑީޕީ އުފެދިގެންއައީ ވަަރަށް މުނާސަބު ވަގުތެއްގައިކަމަށާ ނަމަވެސް އެމްޑީޕީ އުފެދުމާއިއެކު އެޕާޓީ ހިސާރުކޮށްފައިވަނީ ރާއްޖެއަށް އެހެން ދީންތައް ތައާރަފްކުރަން މަސައްކަތްކުރާ ބައެއްކަމަށެވެ.
"އެމްޑީޕީ އަކީ ވަރަށް މުނާސަބު ވަގުތެއްގައި އުފެދިގެންދިޔަ ޕާޓީއެކެވެ. ނަމަވެސް އެޕާޓީ އުފެދުމާއިއެކު އެޕާޓީ "ހިސާރު"ކުރީ ރާއްޖެއަށް އެހެން ދީންތައް ގެނައުމަށާއި، ބަނގުރާ ހުއްދު ކުރުމަށް ވަކާލާތުކުރާ "ލާދީނީ" ފިކުރުގެ މަދު ބައެކެވެ. މި ދެންނެވި މީސްކޮޅުގެ އެންމެ އިސް މީހަކަށް ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ." އުމަރުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީ ހިސާރުކޮށްފައިވާ ކުރުމުން އެޕާޓީ ސަލާމަތްކުރެވޭތޯ އެޕާޓީގެ އިންތިޚާބީ ތިން ރައީސުން މަސައްކަތްކުރިކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އެގޮތުން އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުކުރި ބޭފުޅުންގެ ތެރެއިން އިބްރާހިމް އިސްމާއީލާއި، ޑރ މުހައްމަދު މުނައްވަރާއި، ޑރ އިބްރާހިމް ދީދީއަކީ ސިޔާސީގޮތުން ވަރަށް ފުންނާނު އުސް ބޭފުޅުންކަމަށާ ނަމަވެސް މި ތިން ބޭފުޅުންވެސް އެކިގޮތްގޮތް ހަދައިގެން ޕާޓީގެ ރައީސްކަމުން ދުރުކޮށްފައިވާކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރުމާއި ގުޅިގެން އެޕާޓީއަށްޓަކައި ގިނަ މަސައްކަތްތަކެއްކޮށްދެވި މަޖިލީހުގެ މިހާރު ނާއިބް ރައީސް މޫސާ މަނިކުވެސް އެމްޑީޕީން ވަކިކުރިކަމަށާ އަދި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީވެސް އެމްޑީޕީން ވަކިކޮށްފައިވާކަމަށެވެ.
ވޭތިވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބުކޮށްފައިނުވާކަން ފާހަގަކޮށް އުމަރު ވިދާޅުވީ އެމްޑީޕީގެ އެތޭރެ އިންތިޚާބުތައް ނުބާއްވާ ޕާޓީގައި އޮތް ޑިމޮކްރަސީގެ އުސޫލްތައް ފުނޑުފުނޑުކޮށްލާފައިވާކަމަށެވެ.
އުމަރު ވިދާޅުވީ އެތެރޭގެ އިންތިޚާބުތަކަށް އެމްޑީޕީން ފުރުސަތު ނުދެނީ މިހާރު އެމްޑީޕީ ހިސާރުކޮށްފައިވާ ފަރާތްތަކުން އިންތިޚާބުގައި ބަލިވާނެކަން އެނގޭތީކަމަށެވެ.
"މިނިވަން އިންސާފުވެރި އެތެރޭގެ އިންތިޚާބެއް ބާއްވައިފިނަމަ "ލާދީނީ" ޓީމު ބަލިވެދާނެކަމަށްޓަކައި އެފަދަ އިންތިޚާބެއް ނުބާއްވާ އެމްޑީޕީ ހިސާރުކޮށްގެން އެޕާޓީ އޮވެ ދަނީ ކުރިއަށެވެ." އުމަރުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީއާއި ރައީސް ނަޝީދަށް އުމަރު ފާޑުވިދާޅުވެފައިވާއިރު، އަހަރީ ދުވަހާއި ގުޅިގެން މޫސާ މަނިކުވެސް ވަނީ ރައީސް ނަޝީދާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ނަމަވެސް ރައީސް މައުމޫން ވަނީ އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވާ އެމްޑީޕީން ކުރަމުންދާ އިސްލާހީ މަސައްކަތްތަކަށް ކާމިޔާބީއަށް އެދޭކަމަށް ވިދާޅުވެފައެވެ.
2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އުފެދުނު އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަސް އެޕާޓީގެ އާންމު މެންބަރުން ވަނީ އެކި ރަށްރަށުގައި ކުލަގަދަގޮތެއްގައި ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ