ޖަލުގައި ހައްޔަރުކޮށްފައިވާ މީހުންނަށް އަނިޔާ ކުރިކަމުގެ ތުހުމަތުތައްކޮށް ކުރީގެ ޕްރިންޒަންސް ޑިވިޒަންގެ އިސްވެރިޔާ އިސްތަފާ އިބުރާހިމް މަނިކު ހައްޔަރުކޮށްފައި ވަނީ ސަރުކާރާ ދެކޮޅަށް ހިނގާ ހަރަކާތްތަކުން މީހުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލައި ކުޑަވަގުތުކޮޅަކަށް ނަމެވެސް ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރު ކުރުމަށް ކަމަށް ޑީއާރްޕީގެ ޒައީމް ފެކްޝަނުން ބުނެފި އެވެ.
ޒެޑްފެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ޖަލުގައި ހައްޔަރުކޮށްފައިވާ މީހުންނަށް އަނިޔާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ސަރުކާރުގެ ބައެއް އިސް ފަރާތްތަކުގެ މައްޗަށް ތަހުގީގު ކުރުމުގެ ނަމުގައި ރިޔާސީ ކޮމިޝަނާއި ފުލުހުން މެދުވެރިކޮށް އެމްޑީޕީގެ ސަރުކާރުން ފެށި މަސައްކަތަކީ ސަރުކާރުން ފެއިލްވެފައިވާ މިންވަރު ރައްޔިތުންނަށް ހާމަވަމުންދާތީ އާންމުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމުގެ މަސައްކަތެއް ކަމަށެވެ.
"... މީގެ އިތުރުން މިކަން ކަަމަކީ ޑީއާރްޕީގެ ޒައީމް ރައީސް އަލް އުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހައްޔަރުކޮށް އެމްޑީޕީގެ އެކްޓިވިސްޓުން ހިންހަމަޖައްސައިދޭން ކުރަމުންދާ ފިނޑި އަދި ޑިމޮކްރަސީއާ ހިލާފު އަމަލުތަކެކެވެ." ބަޔާނުގައި ވެ އެވެ.
މެންދަމުގެ ވަގުތުގައި ކޯޓް އަމުރެއް ނެތި އިސްތަފާ އިބްރާހިމް މަނިކުގެ ގެއަށް ފުލުހުން ވަދެ ގާނޫނު އަސާސީއާ ހިލާފަށް އޭނާ ހައްޔަރުކުރި ކުރުން ޕާޓީން ކުށްވެރި ކުރާ ކަމަށާއި ކްރިމިނަލް ކޯޓްގެ ބަދަލުގައި މާފުށީ ކޯޓަށް އިސްތަފާ ހާޒިރުކޮށް މުއްދަތު އިތުރު ކުރި ކުރުމަކީ ގާނޫނާ ހިލާފު އަދި ޕާޓީން ކުށްވެރި ކުރާ ކަމެއް ކަމަށް ވެސް އެ ބަޔާން ބުނެ އެވެ.
މީގެ އިތުރުން ބުނަނީ ދިވެހި ފައިސާގެ އަގުވެއްޓި އެމްޑީޕީ ސަރުކާރާމެދު އާންމުން މާޔޫސްވެ ހިތްހަމަ ނުޖެހިގެން މުޒާހަރާ ކުރަމުންދާތީ އެކަންކަމުން ރައްޔިތުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުުމަށް ކުރާ މަސައްކަތަށް ރައްޔިތުން ސަމާލުވުމަށް ޕާޓީން ގޮވާލާ ކަމަށާއި ޕާޓީގެ ޒައީމް މައުމޫންގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ޕާޓީ ކުރުމުގައި ފަސް ނުޖެހޭނެ ކަމަށެވެ.
ޒެޑް ފެކްޝަންގެ ބަޔާން: އިސްތަފާ ހައްޔަރުކުރީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މައުމޫން ހައްޔަރުކޮށް އެމްޑީޕީގެ އެކްޓިވިސްޓުން ހިތްހަމަޖައްސައިދޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ