ޑީއާރުޕީގެ ކައުންސިލް ފަތަހަކުރަން މައުމޫނު ފެކްޝަނުން ކުރާ ހަނގުރާމަ!

އަބްދުﷲ ޝިނާން
މިސުރުގެ ހުސްނީ މުބާރަކުގެ 30 އަހަރުވީ ގަދަފަދަ ވެރިކަން ނިމުމަކަށް އައީ ވަރަށްވެސް ނިކަމެތި ގޮތަކަށެވެ. މުބާރަކުގެ ދިގު ވެރިކަމަށް ވާގިވެރިވި އެތައް ބަޔަކު އުޅުނެވެ. މީގެތެރޭގައި ނުފޫޒުގަދަ މަހުޖަނު ވިޔަފާރިވެރިންނާއި ސިޔާސީ ބާރުވެރިން ހިމެނެއެވެ. ކުދި ގައުމުތަކާއި ބޮޑެތި ވަރުގަދަ ގައުމުތައްވެސް ހިމެނެއެވެ. މި ހުރިހާ ބާރުތަކުގެ ތެރެއިންވެސް އެންމެ ފާހަގަކުރެވޭ ބާރަކީ އެމެރިކާއެވެ.
މިސްރުގައި ހުސްނީ މުބާރަކު ފައްކާކުރީ އަނިޔާވެރި ހުދުމުހްތާރު ވެރިކަމެއް ނަމަ، އެވެރިކަން ބައްޓަންކުރި އާރުކާޓީއަކީ އެމެރިކާއެވެ. މުބާރަކުގެ ވެރިކަމުގެ ހަގީގީ ފައިދާ ހޯދި ބަޔަކީވެސް އެމެރިކާއެވެ. އެހެންނަމަވެސް މުބާރަކުގެ ވެރިކަމުގެ ބާރު ގެއްލި، ވެރިކަން ދެން ބަދަލުވެދާނެހެން ހީވުމުން އެމެރިކާގެ އިސް މަސްއޫލުވެރިންގެ ރާގު ބަދަލުވިއެވެ. އެބޭފުޅުން ހުސްނީ މުބާރަކަށް ހަރާންކޯރުވިއެވެ. މިހާރު އެމެރިކާގެ ހުރިހާ އަމަލުތަކެއް ވެސް ހުރީ މިވަގުތު މިސްރުގައި ވެރިކަން ކުރަމުންއަންނަ އަސްކަރީ ކައުންސިލްގެ ރުހުން ހޯދުމުގައެވެ. އެ މީހުން ރުއްސުމުގައި ފޫގަޅާފައެވެ. މުބާރަކަށް ދެން އޮތީ ހުރަގެ ކަމުގައި ސިޔާސީ ތަޖްރިބާކާރުން ބުނެއެވެ.
ލީބިޔާގެ މުއައްމަރުލް ގައްޒާފީގެ ދިގު ވެރިކަމަށް 42 އަހަރު ވެއްޖެއެވެ. އެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން މިހާރު ކުރިޔަށް އެދަނީއެވެ. ގައްޒާފީގެ އަނިޔާވެރި ދިގުވެރިކަމާ ދެކޮޅަށް ލީބިޔާގެ ބައެއް މީހުން ނުކުމެ ހަނގުރާމަކުރަނީއެވެ. މި ހަމަނުޖެހުން ފެށިގެން އައި ވަގުތު ގައްޒާފީގެ 42 އަހަރުވީ ވެރިކަން ދެން މި ނިމުނީކަމަށް ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ. ދެން ފެނިގެން ދިޔައީ ގަބޫލްކުރަން ދަތި އެހެންނަމަވެސް ތާރީހް އޭގެ ޒާތުގައި ތަކުރާރުކުރަމުން ދާ މަންޒަރުތަކެކެވެ. އެއީ ގައްޒާފީއަށް އެންމެ އިހްލާސްތެރި ހެޔޮއެދޭ މިތުރުން ކަމުގައި ބަލައިގެން އުޅުނު ބޭފުޅުން ގައްޒާފީ ދޫކުރައްވާ މަންޒަރެވެ. އެބޭފުޅުން އާންމުންގެ ތެރޭ ގައްޒާފީ ބޭޒާރުކުރާ މަންޒަރެވެ. ހަމަ އެބޭފުޅުން ގައްޒާފީ ބޭރުދުނިޔޭގައި ފަލީހަތްކުރުމަށް ކެންޕެއިންތައް ކުރައްވާ މަންޒަރެވެ. ހަމަ އެބޭފުޅުން ގައްޒާފީގެ އިސްތިއުފާއަށް ގޮވާލައްވަމުންދާ މަންޒަރެވެ.
ގައްޒާފީގެ ސަރުކާރުން އިސްތިއުފާ ދެއްވި އިސް އޮފިޝަލުންނަކީ ގައްޒާފީއަށް ނުހަނު އިހްލާސްތެރި ބޭފުޅުންނެވެ. މީގެތެރެއިން އަސްކަރީ ޖެނެރަލެއްގެ މަގާމާއި އަދި އިންޓީރިއަރ މިނިސްޓަރުގެ މަގާމު ފުރުއްވާ ޖެނެރަލް އަބްދުލް ފައްތާހު ޔޫނުސްއާއި އިމިގްރޭޝަން މިނިސްޓަރ އަލީ އަރީޝީއާއި ސަރުކާރުގެ އިސް ބޭފުޅެއް އަދި ގައްޒާފީގެ ބޮޑުބޭބޭފުޅެއް ކަމަށްވާ އަހްމަދު ގައްޒާފް އަލްދާމްއާއި ޕްރޮސެކިއުޓަރ ޖެނެރަލް އަބްދުއް ރަހްމާން އަލްއައްބަރު ހިމެނެއެވެ. މި ހުރިހާ ބޭފުޅުންގެ ތެރެއިންވެސް އެންމެ ފާހަގަކުރެވޭ ބޭފުޅަކީ މިދިޔަ މަހު 30 ވަނަ ދުވަހު އިސްތިއުފާދެއްވި ގައްޒާފީގެ ކުރީގެ ސިއްރު ފުލުހުންގެ ވެރިޔާ އަދި އިސްތިއުފާ ދެއްވުމާ ހަމއަށް ހާރިޖީ ވަޒީރެއްގެ މަގާމު ފުރުއްވަމުން އައި މޫސާ ކޫސާއެވެ.
ގައްޒާފީއާއި މޫސާ ކޫސާއަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. ގައްޒާފީގެ އެންމެ ސިއްރުވެރިޔަކީވެސް މިބޭފުޅާއެވެ. އަދި ގައްޒާފީއަށް އިހްލާސްތެރި، ކިޔަމަންތެރިކަން އަދާ ކުރުމުގައި މޫސާ ކޫސާއަކީ ނަމޫނާ ބޭފުޅެކެވެ. ނަމަވެސް ސިއްރިޔާތުގައި އިނގިރޭސި ވިލާތަށް ވަޑައިގެން މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި އެކަން އާންމުކުރެއްވުމަށް ފަހު، މިހާރު އެމެރިކާގެ ސީއައިއޭއާއި ގުޅިގެން ގައްޒާފީގެ ވެރިކަން ބިމާ ހަމަކޮއްލެއްވުމަށް ހުޅަނގުން ކުރާ މަސައްކަތުގެ މުގުލުގައި ހުންނަވަނީ މިބޭފުޅާއެވެ.
މިއީ މިއަދު މިވަގުތު ދުނިޔެ ދައްކަމުންދާ ހަގީގަތެވެ.
މިއަދު ޑީއާރުޕީގެ ތެރެއިން މި ފެންނަނީ މިފަދަ ހަނގުރާމައެކެވެ. ޑީއާރުޕީ ތެރޭ ކުރެވެނީ ސިޔާސީ ހަނގުރާމައެކެވެ. އެހަނގުރާމައިގެ ދެވަނަ މަރުހަލާ ދެބައިވި އިރު މަންޒަރު މިފެންނަނީ ކުރިންވެސް ހީކުރެވުނު ގޮތަށެވެ. އެއީ އާންމު މެންބަރުންގެ މެދުގައި ޑީއާރުޕީގެ ޒައީމަށް އޮތް ތާއީދެވެ. އެ ތާއީދު ދުވަހެއް ދުވަހަކަށް ވުރެ ބޮޑުވާ މަންޒަރެވެ.
އެކަމަކު ޕާޓީގެ ސްޓޭޓް މެޝިނަރީ ނުވަތަ ގާނޫނީ ގޮތުން ޕާޓީގެ އެންމެހާ ބާރުތައް އޮތީ ތަސްމީނުގެ ކޮންޓްރޯލްގެ ދަށުގައެވެ. އަދި މި ކޮންޓްރޯލު މައިގަޑުގޮތެއްގައި ބިނާވެފައިވަނީ ނުވަތަ ގުޅިފައި ވަނީ ޕާޓީގެ ކައުންސިލާއެވެ. އިވޭ އަޑުތަކުން ޑީއާރުޕީގެ ކައުންސިލް މިވަނީ 3 ބަޔަކަށް ބެހިފައެވެ. އެއީ މިހާރުގެ ޑީއާރުޕީގެ ލީޑަރ ތަސްމީނަށް ތާއީދުކުރައްވާ 18 ބޭފުޅާކާއި ޑީއާރުޕީގެ ޒައީމް މައުމޫނަށް ތާއީދުކުރައްވާ 11 ބޭފުޅަކާއި ވަކިފަރާތަކަށް ނުޖެހޭ 3 ބޭފުޅެއްގެ މައްޗަށެވެ. މުޅި ޖުމްލަ 32 މެންބަރުންނެވެ. އެހެންކަމުން ތަސްމީނުގެ މައްޗަށް ޒައީމް މައުމޫނު ފެކްޝަނުން ކުރި ހޯއްދަވަން ބޭނުންފުޅުނަމަ އަދި 4 ބޭފުޅުން މައުމޫނުގެ ފެކްޝަނަށް ގެންނަންޖެހެއެވެ. މިހާރުގެ ސުވާލަކީ މިކަން ޒައީމް ފެކްޝަނަށް ކުރެވިދާނެ ހެއްޔެވެ.
ބޮޑު މަންޒަރަށް ބަލާއިރު ޒައީމް ފެކްޝަނުން ކައުންސިލް ފަތަހަ ކުރުމުގެ %50 ފުރިހަމަ ކުރެވިއްޖެ ކަމަށް ފެނެއެވެ. އެކަމުގެ ހެއްކަކީ ޒައީމް މައުމޫނުގެ ފެކްޝަނުން ހިންގާ ހަރަކާތްތަކެވެ. އަދި އެހަރަކާތްތަކުގެ ނަތީޖާއެވެ. ޒައީމް ފެކްޝަނުން ދަނީ މެދުކެނޑުމެއްނެތި މުޒާހަރާތައް ބާއްވަމުންނެވެ. ދުވަހެއް ދުވަހަކަށް ވުރެ އެއްވާ ނުވަތަ ކުޅިބަލަންދާ މީހުން ދަނީ އިތުރުވަމުންނެވެ. ޑިއާރުޕީއަކީ އެންމެ ބޮޑު ސިޔާސީ އިދިކޮޅު ޕާޓީއަށް ވެފައި އެޕާޓީގެ ހަގީގީ ބާރުވެރިން ކަމުގައިވާ އާންމު މެންބަރުން މަގުމައްޗަށް ނެރެލުމުގެ ކުޅާދާނަކަން ހުރީ މައުމޫނު ފެކްޝަންގައިކަން ހާމަވެ ސިއްކަޖެހުން އެއީ ތަސްމީނަށް ބައިއަތު ހިއްޕަވައިގެން ތިއްބެވި ކައުންސިލަށް ދެއްވޭނެ އެންމެ ވަރުގަދަ މެސެޖެވެ.
ލީޑަރ ތަސްމީނު ޑީއާރުޕީގެ މެންބަރުން މަގުމައްޗަށް އަދި ޖަލްސާތަކަށް ނެރެން ކުރާ މަސައްކަތަށް ދައްކަން ޖެހޭ އަގު ބޮޑުވެފައި ކަޑަތުކުރަންޖެހޭ އުނދަގޫތަކަކީ މިއަދު ކައުންސިލްގައި ތިއްބެވި ތަސްމީނުގެ ސަޕޯޓަރުންނަށް އޮޅިވަޑައިގެންފައި އޮންނާނެ ކަމެއް ނޫނުނެވެ. އެހެންނަމަވެސް އެބޭފުޅުން އެގޮތަށް އެ ތިއްބަވަނީ ކީއްވެތޯ މިއީ ކުރެވޭ ސުވާލެކެވެ. މި ސުވާލުގެ އެއް ޖަވާބަކަށް ބައެއް މީހުން ބުނަނީ ކައުންސިލްގެ މެންބަރުން ތިއްބެވީ ލީޑަރ ތަސްމީނަށް ވިކިފައި ކަމަށެވެ. އެއްބައި ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި ކައުންސިލްގެ ބައެއް މެންބަރުންނަށް ތަފާތު ކަންކަން ޕާޓީގެ ލީޑަރ ފަހިކޮށްދެއްވާފައި ވެއެވެ. ކައުންސިލްގެ ބައެއް މެންބަރުންނަށް ތަސްމީނުގެ ވިޔަފާރިއާ ގުޅުން ހުރި ތަންތަނުން ހިއްސާ ދީފައިވާކަމަށް ބުނެވެއެވެ. އަނެއްބައި މެންބަރުންގެ ދަރީންނަށް ކިޔަވައިދިނުމަށް އެހީތެރިކަން ފޯރުވުމާއި އެޕާޓްމަންޓުތަކުގެ ކުލިދައްކައި ދިނުމާއި އަދި ކާރާއި ޖިޕުތައް ފަދަ އަގުބޮޑު ހަދިޔާތައް ދެއްވަމުން ގެންދަވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
ތަސްމީނު ޑީއާރުޕީގެ ކައުންސިލްގެ 18 މެންބަރުން ކޮންޓްރޯލްކުރައްވަނީ ފައިސާގެ ބާރުގައި ކަމަށް ވުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ. ޚާއްސަކޮށް މިހާ ބޮޑު ޖަމާއަތެއް ފައިސާގެ ބާރުގައި ހިފަހައްޓާލައިގެން ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅުމަކީ ނުވާނެ ކަމެކެވެ. ނަމަވެސް އެ 18 މެންބަރުން ކޮންޓްރޯލް ކުރުމަށް ލީޑަރ ކޮންޓްރޯލް ކުރައްވަން ޖެހެނީ "ގަދަ 5 " ވަރަކަށް ބޭފުޅުން ނަމަ އެކަން ކުރެއްވިދާނެކަމަށް ބެލެވެއެވެ. އަދަދު ކުޑަވާ ވަރަކަށް އެކަތިގަޑެއްގެ ގޮތުގައި ގެންގުޅުމަކީ 18 މެންބަރުން ގެންގުޅުމަށް ވުރެ މާބޮޑުތަން ފަސޭހަވާނެކަމެކެވެ.
ޑީއާރުޕީގެ ކައުންސިލް ލީޑަރ ތަސްމީނު ކޮންޓްރޯލް ކުރައްވަނީ ފައިސާދީގެން ނަމަ އޭގެ އަގު ވަރަށް މަތިވާނެކަމަށް ބެލެވެއެވެ. މިސާލަކަށް ކައުންސިލުގައި ތިއްބަވާ ބައެއް މެންބަރުންނަކީ ވަރަށް ޒުވާން ބޭފުޅުންނެވެ. އަދި އޭގެ ތެރެއިން ބައެއް މެންބަރުންނަކީ މަޖިލިހުގައި ދާއިރާތައް ތަމްސީލްކުރައްވާ ބޭފުޅުންތަކެކެވެ. އެހެންކަމުން ތަސްމީނުގެ ތާއީދު މިހާރު މާލޭގައި އޮތީ ކިހާވަރަކަށް ކަން ސުވާލު އުފެދެ އެވެ. އަދި އެބޭފުޅުން އެގޮތުގައި ތަސްމީނު ފެކްޝަނުގައި ތިއްބަވައިފި ނަމަ 2014 ވަނަ އަހަރު އެބޭފުޅުންގެ ގޮނޑިއަށް ވާނެ ގޮތާމެދު ވިސްނަވާނެކަން ކަށަވަރެވެ. އެހެންކަމަށް ވާއިރު ކައުންސިލްގައި ތިއްބެވި ބައެއް ޒުވާން ބޭފުޅުން އެ ބޭފުޅުންގެ ސިޔާސީ ކެރިއަރު ތަސްމީނަށްޓަކައި ގުރުބާންކުރައްވާނީ ފިސާރި އަގެއް ތަސްމީނު އެ ބޭފުޅުންނަށް ދައްކަވައިގެންނެވެ. މިއަދު ތަސްމީނުގެ މާލީ ހާލަތު ހުރި ގޮތުން އެފަދަ އަގެއް ދެއްކެވިދާނެކަމާ މެދު ޝައްކެވެ. އަދި ތަސްމީނުގެ މައްޗަށް ތުހުމަތުކުރެވޭ އެފަދަ އަގެއް ދައްކަވަމުން ގެންދަވާނަމަ، އެގޮތުގައި ހިފަހައްޓާލެއްވޭނީ ކިހާދުވަހަކުތޯ މިއީ ވެސް ކުރެވޭ ސުވާލެކެވެ. އަދި އެގޮތުން ފައިސާ މެންބަރުންނަށް ނުދެއްވޭ ދުވަހެއް އަތުވެއްޖެނަމަ އެ ބޭފުޅުން ތަސްމީނުގެ އަރިއަހުގައި ތިއްބަވާނެތޯ މިއީ ވެސް ސުވާލެކެވެ. އެހެންކަމުން ދެން ޒުވާން މެންބަރުންގެ ވިސްނުމަކަށް ވާނީ ގޮނޑި ދެންއަންނަ ފަހަރަކުންވެސް ކަށަވަރު ކޮށްދެވިދާނެކަމަށް ގަބޫލްކުރައްވާ ފަރާތެއްގެ ނިވާފަތްގަޑު ދަށަށް ވަންނާށެވެ. އެހެން ވެއްޖެނަމަ އެނިވާ ފަތްގަޑަކަށް ވާނީ ޒައީމް މައުމޫނުގެ ފެކްޝަނަށް ވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.
ޑީއާރުޕީގެ ކައުންސިލު ލީޑަރ ތަސްމީނު ކޮންޓްރޯލުކުރައްވަނީ ފައިސާގެ ނުފޫޒުން ނޫން ކަމަށް ވިދާޅުވާ ފަރާތްތަކުން ވިދާޅުވަނީ އެ ބޭފުޅުން އެ ތިއްބެވީ ވާނުވާ ބައްލަވަން ކަމަށެވެ. ރަނގަޅު ވަގުތު ޖެހެންދެން ގޮތެއް ނުނިންމަވާ މަޑުން ތިއްބަވަނީ ކަމަށެވެ. މިއީ ވެސް ގަބޫލްކުރެވޭ ވާހަކައެކެވެ. މިހާރު މައުމޫނު ފެކްޝަނުން ކިތަންމެ ފޮނެއް އެރުވިޔަސް ހާލަތު ބަދަލުވެދާނެކަމަށް ވިސްނަވާ ބޭފުޅުން ތިއްބަވައިފާނެއެވެ. ހަނގުރާމައިގެ މައިދާން ވަކިގޮތަކަށް ހިމުންވެ ހަމަ ނުވަނީސް ނިންމާ ނިންމުމަކުން ގެއްލުންވެދާނެ ކަމަށް ބައްލަވާ ބޭފުޅުންކޮޅެއް ކައުންސިލްތެރޭގައި އުޅުއްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ޒައީމް މައުމޫނު އެންމެ ފަހު ވަގުތުގައި ލީޑަރ ތަސްމީނުގެ އަތްޕުޅުގައި ހިފާފާނެކަމަށް ބައްލަވައި، އެކަމުގެ އިންތިޒާރީގައި ތިއްބަވާ މަދު ނަމަވެސް ބޭފުޅުންކޮޅެއް ކައުންސިލްގައި ތިއްބެވުމަކީވެސް މުސްތަހީލުކަމެއް ނޫނެވެ. އެހެންކަމުން ރަނގަޅު ވަގުތަށް ބައްލަވަން ތަސްމީނު ފެކްޝަނަށް ނިސްބަތްވާ މެންބަރުން ތިއްބެވުމަކީވެސް އެކަށީގެންވާކަމެކެވެ.
ތަސްމީނު ފެކްޝަނަށް ނިސްބަތްވާ ކައުންސިލް މެންބަރުން އެގޮތުގައި އެ ތިއްބަވަނީ ލީޑަރ ތަސްމީނަށް އޮތް ލޯތްބާއި އިހްލާސްތެރިކަމުން ކަމަށް ބުނާ ބަޔަކުވެސް އެބައުޅެއެވެ. އެއީ ވެސް ތެދަކަށް ވެދާނެއެވެ. އެކަމަކު އުފެދޭ ސުވާލަކީ މި 18 މެންބަރުން އެތިއްބެވީ ތަސްމީނަށް އިހްލާސްތެރިކަމުން ތޯއެވެ؟ މާއްދިއްޔަތުގެ މި ދުނިޔޭގައި ތަޖުރިބާއަށް ބަލާ އިރު މިއީ ވުމަށް ވުރެ ނުވުން ގާތް ކަމަކަށް ނުވާނެ ބާވަ އެވެ؟ އޭގެތެރެއިން މަދުބަޔަކީ ލީޑަރ ތަސްމީނަށް ސައްތައިން ސައްތަ ވަފާތެރި، އިހްލާސްތެރި ބޭފުޅުންނަށް ވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު މި 18 ބޭފުޅުން ހަމަ އެހާ އިހްލާސްތެރިވާނެތޯ މިއީ އުފެދޭ ސުވާލެކެވެ. ހަމަ ހިލާ ގުޑުވާނުލެވޭނެތޯ ވެސް މިއީ ކުރެވޭ ސުވާލެކެވެ.
ދުނިޔޭގެ ތާރީހް ދައްކުވަމުންދާ ހަގީގަތަކީ ލޯތްބާއި އިހްލާސްތެރިކަމަކީ ތިމާގެ އަމިއްލަ ސަލާމަތާއި ނުވަތަ ސަރވައިވަލްއާ ޖެހުމުން ބަދަލުވެ އެނބުރެމުންދާ ކަމެއްކަމަށެވެ. މިގޮތުން ދާދިފަހުން ގައްޒާފީގެ އިންޓިރިއަރ މިނިސްޓަރ މަގާމުން އިސްތިއުފާ ދެއްވައި އިދިކޮޅު ހަނގުރާމަވެރިންނާ ގުޅިވަޑައިގެންނެވި ބޭފުޅުން އެ ގެންދަވަނީ 50 އަހަރުގެ އެކުވެރިކަމާއި 40 ވަރަކަށް އަހަރުގެ ސިޔާސީ ސުހުބަތު ދޫކޮށްލައްވައި ގައްޒާފީގެ ކަނދުރާފުޅަށް ފައިން އަރުއްވައި އޭނާގެ ނޭވާ ތާށިކުރަން މަސައްކަތް ކުރައްވަމުންނެވެ. އަމިއްލަފުޅު މަސްލަހަތު އެކަން އެ ގޮތަށް ކުރަން މަޖުބޫރު ކުރުވީތީއެވެ. މިސްރުގެ ރައީސް ހުސްނީ މުބާރަކުގެ އެންމެ ވަފާތެރި ބައިވެރިޔަކީ އެމެރިކާއެވެ. ނަމަވެސް މުބާރަކުގެ ވެރިކަން ވެއްޓި ނިކަމެތި ހާލުގައި ޖެހުނު ވަގުތު އެމެރިކާއިން އެބޭފުޅާ އެއްކައިރި ކޮށްލީ މިހާރުގެ ވެރިކަމުގެ ބާރުވެރިންގެ ރުހުން ހޯދާށެވެ. ވެރިކަން ވެއްޓޭނެކަން ކަށަވަރުވުމުން މުބާރަކް އިސްތިއުފާ ދެއްވުމަށް އެންމެ ހަރު އަޑުން ގޮވާލެއްވި އެއްބޭފުޅަކީ އެމެރިކާގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަނެވެ.
އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ ޑިއާރުޕިގެ ތަސްމީނު ފެކްޝަނަށް ނިސްބަތްވާ 18 ބޭފުޅުންގެ ތެރެއިން އެބޭފުޅުންގެ ސިޔާސި ހަޔާތާއި މެދު ވިސްނަވާ ބޭފުޅުން، ހާއްސަކޮށް ޒުވާން ބޭބޭފުޅުން އެމެރިކާއިން މުބާރަކާއި މެދު ކަންތައްކުރި ގޮތަށް އަދި ގައްޒާފީގެ އަރިސް އެތައް ބޭފުޅުން އޭނާއާ މެދު ކަންތައް ކުރެއްވިގޮތަށް ނަހައްދަވާނެކަމުގެ ޔަގީންކަމަކީ ކޮބައިހޭ މި ސުވާލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ