ރާއްޖޭގެ ރައްޔިތުން ދިރިއުޅެނީ ވަރަށް މިނިވަން ޖައްވެއްގައި - ރައީސް

ރާއްޖޭގެ ރައްޔިތުން މި ދިރިއުޅެނީ ވަރަށް މިނިވަން ޖައްވެއްގައި ކަމަށާއި ދުނިޔޭގެ ގިނަ ޤައުމުތަކުގައި، މިނިވަންކަން ދޫކޮށްލެވިފައި އޮންނަ ވަރަށްވުރެ މާ މަތީ ދަރަޖައަކަށް، ދިވެހިރާއްޖޭގައި މިނިވަންކަން މިއަދު އޮންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިޔުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް ރަސްމީ ގޮތުން އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި، މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.ވަހީދު ވިދާޅުވީ މީގެ 40 އަހަރުގެ ކުރީގެ ހާލަތާއި މިހާރުގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ސަލާމަތަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށެވެ.
އަދި ދިވެހިރާއްޖެ މިވަނީ ވަރަށް ބޮޑަށް ހުޅުވާލެވިފައި ކަމަށާއި ދުނިޔޭގެ އެކިއެކި ޤައުމުތަކާއި، އެކިއެކި ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކުން ރާއްޖޭގައި ހިނގާ ނުހިނގާ ކަންތައް، ބޮޑުވާ ބިއްލޫރި އަޅައިގެން ބަލަމުން ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޤައުމުގައި، އަޅުގަނޑުމެން ކަންތައް ކުރާގޮތް މިހާރު މިއޮންނަން ޖެހެނީ، ދުނިޔޭގެ ފެންވަރުގައި. ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި، އެކަންކަން ކުރާގޮތަށް. މިއަދު އަޅުގަނޑުމެންގެ އާބާދީއަކީ ވަރަށް ތަޢުލީމީ، ތަންދޮރު އެނގޭ، ދުނިޔެއަށް ލޯ ހުޅުވިފައި ތިބި އާބާދީއެއް. އަޅުގަނޑުމެން މިއަދު ޤަބޫލުކޮށްގެން މިތިބީ، ވަރަށް ކުރިއަރާފައި އޮތް ސިޔާސީ ނިޒާމެއް. އަޅުގަނޑުމެން މި ދިރިއުޅެނީ ވަރަށް މިނިވަން ޖައްވެއްގައި. ދުނިޔޭގެ ގިނަ ޤައުމުތަކުގައި، މިނިވަންކަން ދޫކޮށްލެވިފައި އޮންނަ ވަރަށްވުރެ މާ މަތީ ދަރަޖައަކަށް، ދިވެހިރާއްޖޭގައި މިނިވަންކަން މިއަދު މިއޮންނަނީ." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިކަހަލަ މާޙައުލެއްގައި، ހުރިހާ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދީ، ހުރިހާ ރައްޔިތުންގެ އަމަން އަމާންކަން ބެލެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެހެން ނަމަވެސް، މި މަސްއޫލިއްޔަތު އަދާކުރުމުގައި، ފުލުހުން މިހާތަނަށް ދައްކާފައިވަނީ ވަރަށްވެސް ކުޅަދާނަ، ޤާބިލް ނަމޫނާއެއް ކަމަށެވެ.
"ވަރަށް އުނދަގޫ ޙާލަތުގައިވެސް، ޤައުމުގެ މަޞްލަޙަތު ނުގެއްލޭ ގޮތަށް، ޤައުމުގައި އަމަންއަމާންކަން ނުގެއްލޭ ގޮތަށް، އަޅުގަނޑުމެން އެންމެންނަށް ހިނގާބިގާ އުޅެވޭގޮތަށް، އަޅުގަނޑުމެންގެ ވިޔަފާރިތައް ބަންދުނުކޮށް، ވިޔަފާރި ކުރެވޭގޮތަށް، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އައިސް ތިބެވޭ ގޮތަށް، އަޅުގަނޑުމެންގެ އެއަރޕޯޓްތައް ހުޅުވިފައި އޮންނަ ގޮތަށް، މި ގޮތްގޮތަށް އަޅުގަނޑުމެންގެ ޙާލަތު ބަލަހައްޓައިދީ، މިކަންކަން މެނޭޖްކޮށްދިނުމަކީ، އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫން. އެހެން ނަމަވެސް، އެކަން ވަނީ އަޅުގަނޑުމެންގެ ފުލުހުން ވަރަށް ޤާބިލްކަމާ އެކީގައި ކޮށްދެއްވާފައި." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު ފުލުހުންނަށް ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް، ކުރިއަރާފައިވާ ޤައުމުތަކުގައި ދޭ ތަމްރީނު، ދޭން ޖެހެ އެވެ. ފުލުހަކު ޚިދްމަތުގައި ބައިވެރިވުމާ ގުޅިގެން، އެ ޚިދްމަތް ދޭން ނުކުތުމުގެ ކުރިން އިންޑަކްޝަން ޓްރޭނިންގ އެބަ ދޭންޖެހެ އެވެ. އަދި މަގުމައްޗަށް ނިކުތުމުގެ ކުރިން ފުލުހުންގެ ފޮރ ވެލިއުސްއާއި، ގައިޑްލައިންސްއާއި، ޤަވާޢިދުތަކާ، މިހުރިހާ އެއްޗެއް އެބަ ދަސްކުރަންޖެހެ އެވެ.
އެކަން މިހާތަނަށް ކުރައްވަމުން ގެންދެވީ، ޕޮލިސް ޓްރޭނިންގ އެކަޑަމީގެ ފަރާތުން ކަމަށާއި މިއަދު އެ އެކަޑަމީ ބޮޑުވެ، ވަކިވަރަކަށް ތަޞައްރަފް ފުދިގެން، އިންސްޓިޓިއުޓަކަށް ބަދަލުވެގެންދާ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ވަރަށް ތާރީޚީ ތަނެއް ކަމަށެވެ.
އެހެންކަމުން އެބޭފުޅުން ތަމްރީނުވެ، އެބޭފުޅުންގެ ފެންވަރު ރަނގަޅުވެގެން އައުމަކީ، ހުރިހާ ރައްޔިތުންގެ އަމަންއަމާންކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ރައީސް ޑރ.ވަހީދު ވިދާޅުވި އެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވެވި ރަސްމިއްޔާތުގައި، އިންސްޓިޓިއުޓް ފޮރ ސެކިޔުރިޓީ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވައި، އަދި އެތާނގެ ވެބްސައިޓްވެސް އިފްތިތާޙް ކޮށްދެއްވީ ވެސް ރައީސް ޑރ.ވަހީދެވެ.
ރައީސުލްޖުމްހޫރިއްޔާ މިރޭ އިފްތިތާޙް ކޮށްދެއްވި އިންސްޓިޓިއުޓް ފޮރ ސެކިޔުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒުން ސެކިޔުރިޓީ ދާއިރާއާ ގުޅުން ހުރި ތަޢްލީމާއި ތަމްރީނު ދިނުމުގެ ފުރުޞަތު، އެއްފުރާޅެއްގެ ދަށުން ފަހިވެގެންދާނެއެވެ. އެގޮތުން، ކޮންމެ ތަނަކުން ވަކި އިންސްޓިޓިއުޓެއް ހެދުމުގެ ބަދަލުގައި، މި އިންސްޓިޓިއުޓްގެ ތެރެއިން ޤާނޫނު ތަންފީޒު ކުރުމުގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ ތަޢްލީމާއި ތަމްރީނު ފޯރުވައިދިނުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ