ދ.ރިނބުދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެރަށު ކައުންސިލް އިދާރާއާއި ސިއްހީ މަރުކަޒު ބަންދުކޮށްގެން މުޒާހަރާކޮށްފި އެވެ.
ރިނބުދޫ ކައުންސިލުން ބުނީ އެމީހުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނީ އެރަށުގެ މީހުން އެހެން ރަށަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ބުނެ ކަމަށާއި އެރަށު ކޯޓު މިއަދު ބަންދުކުރި ނަމަވެސް ކައުންސިލްގެ އެދުމުގެ މަތިން ކޯޓު ހުޅުވާފައިވާ ކަމަށެވެ.
އަދި ކައުންސިލުން އިސް ނަގައިގެން ވާހަކަ ދެއްކުމުން މެންދުރު ފަހުން ފެށިގެން ކައުންސިލް އިދާރާ އާއި، ސިއްހީ މަރުކަޒު ހުޅުވާ މުޒާހަރާ ހުއްޓާލާފައިވާ ކަމަށް ވެސް ކައުންސިލުން މައުލޫމާތުދީފައިވެ އެވެ.
ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮތް ރިނބުދޫން 100 ވަރަކަށް މީހުން ނިކުމެ މުޒާހަރާ ކުރުމާއި ގުޅިގެން ކައުންސިލުން އިތުރަށް ބުނީ ފަޅު ގޯތިތައް ވަކި ގޮތަކަށް ބެހުމަށް ރައްޔިތުން އެދުނު އެދުމުގެ މަތިން އަމަލު ކުރާނެ ގޮތެއް ބެލުމަށް އެރަށު ކައުންސިލުން ކަމާ ބެހޭ އިދާރާތަކަށް ދެންނެވުމުން އެރަށުން މީހުން ބަދަލު ކުރުމަށް ނިންމާފައިވާތީ ވަކި ގޮތަކަށް އަމަލު ނުކުރުމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
މުޒާހަރާ ކުރުން އެރަށު ރައްޔިތުން ހުއްޓާލާފައިވަނީ ކައުންސިލު މެމްބަރުން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރައްޔިތުންގެ ޝުއޫރުތައް ގެންގޮސްދޭން ޝަރުތު ކުރުމަށްފަހު ކަމަށް ވެސް ރިނބިދޫ ކައުންސިލުން މައުލޫމާތުދެ އެވެ.
ރިނބުދޫ ރައްޔިތުން ނިކުމެ ކައުންސިލް އިދާރާ އާއި ސިއްހީ މަރުކަޒު ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ