ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްއާރުއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހި މައްސަލައެއް ބަލަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް މައުމޫނު ގޮވާލެއްވީ އެމްސީ ހަމީދު ކުރެއްވި ޓުވީޓު ޝެއާ ކުރައްވައިފައެވެ.
"މި ނާތަހުޒީބު އަދި ދަށް ފެންވަރުގެ އަމަލު ކުށްވެރިކުރަން. މިކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ." ރައީސް މައުމޫން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ ކޮންމެ ރެޔަކުވެސް މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ. ރޭގެ މުޒާހަރާ ރޫޅައިލުމަށް ވެސް ފުލުހުން ވަނީ ޕެޕަ ސްޕްރޭ ބޭނުންކޮށްފަ އެވެ. މުޒާހަރާގެ ބައިވެރީން މުޒާހަރާ ކުރާއިރު، އިޖުތިމާއީ ގައިދުރުކަން ނެތުމާއި އެޗްޕީއޭގެ ގަވައިދުގައި ބުނާ އަދަދަށްވުރެ ގިނަ ބަޔަކުން އެއްފަހަރާ އެއްވެގެން އުޅޭތީ، ކޮވިޑު އިތުރަށް ފެތުރުމުގެ ބިރު އޮތުމުން އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ސޯޝިއަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ