ޤައުމީ ޓިމަށް ކުޅޭން ބޭނުންވާކަން ޔަޤީން ނުވާ ކުޅުންތެރިންނަށް ފުރުސަތެއް ނެތް - ކޯޗު

ޤައުމީ ޓިމަށް ކުޅޭން ބޭނުންވާކަން ޔަޤީން ނުވާ ކުޅުންތެރިންނަށް ޓީމުން ފުރުސަތެއް ނެތްކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.
30 ކުޅުންތެރިންގެ ސްކޮޑު އިއުލާންކުރިއިރު އަލީ އަޝްފާގު ސްކޮޑުން ބާކީކޮށްފައިވާތީ ފާޑުކިޔުންތައް އަމާޒުވެފައިވާ ކޯޗު ބުނީ އަޝްފާގު ބާކީ ކުރުމުގައި ގިނަ ސަބަބުތަކެއް އެބަހުރިކަމަށެވެ. އަޝްފާގު ކުޅޭ މަޤާމަށް ކުޅޭ ޒުވާން ގިނަ ކުޅުންތެރިން އެބަތިބިކަމަށާއި، 32 އަހަރުގެ އަޝްފާގަށްވުރެ މިވަގުތު ދިވެހި ޤައުމަށް މުހިންމީ އެ ޒުވާން ކުޅުންތެރިން ޓީމުގައި ތިބުންކަމަށް ކޯޗު ބުންޏެވެ.
ކޯޗު ބުނީ އެފްއޭއެމްގެ އިސްވެރިންނާއިއެކު އަޝްފާގާއި ބައްދަލުކުރިކަމަށާއި، އެކަމަކު ސާފް ޗެމްޕިއަންޝިޕްގައި ކުޅެން ބޭނުންވާކަމަށް އަޝްފާގު ބުނެފައިނުވާކަމަށެވެ. އޭނާ ބުނީ ޤައުމީ ޖާރޒީގައި ޤައުމު ތަމްސީލްކުރާން ބޭނުންވާކަން ނުވަތަ ނުވާކަން ޔަޤީން ނުވާ ކުޅުންތެރިއަކަށް އޭނާ ފުރުސަތު ނުދޭނެކަމަށެވެ.
ޒުވާން ކުޅުންތެރިއެއްގެ ބަދަލުގައި ތަޖުރިބާކާރު މިޑްފިލްޑަރ މުޙައްމަދު އާރިފް (ބަކާ) ޓީމަށް ނެގީ ކީއްވެތޯ އެހުމުން ކޯޗު ބުނީ ޑިފެންޑަރުންނަށް އުމުރުން ދުވަސްވިޔަސް ތަޖުރިބާ ހުރެއްޖެނަމަ މޮޅަށް ކުޅެވޭނެކަމަށައި، ބަކާއަކީ އޭނާ މިޑްފިލްޑް ލައިނުގެ އިތުރުން ޑިފެންސަށްވެސް ބޭނުން ކުރެވޭނެ ކުޅުންތެރިއެއްކަމަށެވެ. އަދި އޭނާގެ އިސްކޮޅާއި ކުޅުމުގެ ސްޓައިލަށް ބަލާއިރު ޒުވާން ކުޅުންތެރިން ގިނަ ޓީމެއްގައި ބަކާއަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް ކޯޗު ބުންޏެވެ. ސެގާޓް ބުނީ ބާކާ ގާތު އޭނާ ވާހަކަދެއްކި ފުރަތަމަ ދުވަހުވެސް ފެނުނީ ޖޯޝާއި ޤައުމީ ރޫޚުކަމަށާއި، ޓީމަށް ބަކާ ކުޅެން ބޭނުންވާ މިންވަރު ފެނުނުކަމަށެވެ.
"ޑިފެންޑަރުން ތަންކޮޅެއް އުމުރުން ދުވަސް ވިޔަސް ތަޖުރިބާ ހުރެއްޖެއްޔާ ކުޅެވޭނެ. ބަކާ އަކީ އިސްކޮޅުން ދިގު ކުޅުންތެރިއެއް. އޭނާއަށް ސްޓޮޕަރަކަށް ކުޅެވިދާނެ. އަނެއްކޮޅުން އަކުރަމް އަދި ހުރީ އަނިޔާގައި. އަކޫގެ ބަދަލުގައި އެތަނަށް ކުޅެން އަހަންނަށް އެންމެ ކަމުދަނީ ބަކާ" ކޯޗު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ