އެމްނެސްޓީ އިންޓަނޭޝަނަލަށް ނިދިންހޭލެވި މަންޒަރުތައް ފެންނަގޮތް ތަފާތުވެއްޖެ : މަދަނީ އިއްތިހާދު

އިއްތިހާދުން ޖުމްހޫރީ މައިދާނުގައި ކުރި ސުލްހަވެރި މުޒާހަރާއެއްގެ ތެރެއިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ – ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހްއެމްނެސްޓީ އިންޓަނޭޝަނަލްގެ ނަމުގައި އުޅޭ ބަޔަކު ގިނަދުވަސްތަކެއް ވަންދެން ނިދާފައި ތިބުމަށްފަހު ހޭލެވުމުން އެމީހުންގެ ލޮލަށް އަރާފައި ފުސްކަން ފިލާފައި ނުވާތީ ފެންނަ މަންޒަރުތައް ވަރަށް ތަފާތުވެއްޖެ ކަމުގައި މަދަނީ އިއްތިހާދުން ބުނެފިއެވެ.މަދަނީ އިއްތިހާދުގެ ނައިބް ރައީސް ޢަބްދުﷲ މުޙައްމަދު ވިދާޅުވީ ޖެނުއަރީ 17 ން ފެށިގެން ފެބްރުއަރީ 6 ގެ ނިޔަލަށް ރާއްޖޭގެ އެތައްހާސް ރައްޔިތުން މަގުމަތީގައި ކުރަމުންގެންދިއަ ޞުލްހަވެރި މުޒާހަރާތަކާ ގުޅިގެން 98 މީހުންނަށް ހޮސްޕިޓަލަށް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހުނު ކަމަށެވެ. އަދި އެއްވެސް ކުށެއް ނެތި 500 އަށްވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންދެވި އެއިގެ ތެރެއިން 210 މީހުން ހައްޔަރުކުރިކަމަށް ފުލުހުންގެ ރެކޯރޑްތަކުން ސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.ނަމަވެސް މިހުރިހާ ކަންކަމެއް ހިނގާދިޔައިރުވެސް އެމްނެސްޓީ އިންޓަނޭޝަނަލް އޮތީ ބޮޑު ނިދިން ނިދާފައި ކަމަށާއި އެމްނެސްޓީ އިންޓަނޭޝަނަލްގެ ނަމުގައި ބަޔާންތައް ނެރެނީ ހަމައެކަނި ފޮޓޯ ބަލައިގެން ކަމުގެ ހަޤީޤަތާއެއްގޮތަށް ނޫންކަމުގައި ޢަބްދުﷲ ވިދާޅުވިއެވެ.މިމަހުގެ ހަވަނަ ދުވަހުގެ ރޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުން ބައަކު ހައްޔަރު ކުރުމުގައި ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރުމާ ގުޅިގެން ހަމީހަކަށް އަނިޔާވެ އޭގެތެރެއިން ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްބުނެ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބަޔާނެއްނެރުނުއިރު، އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުން ވަނީ އެކަން ދޮގުކޮށްފައެވެ.އައިޖީއެމްއެޗުން ބުނެފައިވަނީ އެރޭގެ ޙާދިސާތަކާއި ގުޅިގެން އެ ހޮސްޕިޓަލަށް ހަތްމީހަކު ގެނެވުނު ކަމަށާއި އޭގެ ތެރޭގައި ސީރިއަސް އަނިޔާއެއް ލިބިފައިވާ މީހަކު ނުހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ވަރަށް ކުދި ކުދި އަނިޔާ ލިބިފައިވާ ބަޔަކު ތިބިކަމަށެވެ.އޭޑީކޭ ހޮސްޕިޓަލުން ބުނީ އެރޭގެ ޙާދިސާތަކާ ގުޅިގެން އެ ހޮސްޕިޓަލަށް ގެނެވުނު ދެމީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. އެހެން ނަމަވެސް އަނިޔާވީ މީހަކު ގޮވައިގެން އައި ގިނަ ޢަދަދެއްގެ ބައަކު އެއްފަހަރާ އެމަޖެންސީ ރޫމަށްވަދެ ބަލިމީހާގެ މޫނުގައި އޮކްސިޖަން މާސްކު ފަދަ ތަކެތި އަޅުވާ ފޮޓޯ ނަގަން މަސައްކަތް ކުރަނިކޮށް ބަލިމީހާއަށް ފަރުވާދިނުމަށް ޑޮކްޓަރު މަސައްކަތް ކުރުމުން އެކަމަށް ހުރަސް އަޅާފައިވާ ކަމަށް އޭޑީކޭ އިން ވަނީ ބުނެފައެވެ. އަދި ބަލިމީހާ ގޮވައިގެން އައި މީހުން އޭނާއަށް ފަރުވާ ދެވޭނީ ފޮޓޯ ނަގާފައި ކަމަށްބުނެ ޑޮކްޓަރަށް ބިރުދައްކާ ވައްޓާލުމަށްފަހު ޑޮކްޓަރު އެތަނުން ބޭރުކުރި ކަމަށް އޭޑީކޭއިން ބުނެފައިވެއެވެ.އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ މިޙާދިސާގައި ދެ ޑޮކްޓަރަކަށާއި ބައެއް ނަރުހުންނަށް ނަފްސާނީ ގޮތުންވެސް އަސަރު ކޮށްފައި ވާކަމަށެވެ. އަދި އެފަދަ ޢަމަލުތައް ނުހިންގުމަށް އެހޮސްޕިޓަލުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ