ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު ކްލަބެއް ކަމަށްވާ، އިޓަލީގެ ގަދަބާރު ޔުވެންޓަސްގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އިވެންޓްތަކުގެ ތެރެއިން ހާއްސަ ހަރަކާތްތަކެއް، އދ. މަހިބަދޫގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޔުވެންޓަސްގެ ފަރާތުން ދުނިޔޭގެ ތިން ސަރަހައްދެއްގައި ކުރިއަށްގެންދާ މި އިވެންޓް ރާއްޖެ އަށް ގެނައުމަށް އެންމެ އިސް މަސައްކަތެއް ކުރީ، މަހިބަދޫގެ ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ މުހައްމަދު ނައުޝާދު އެވެ. ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް، ޕްރޮމޯޓްކުރުމުގައި ސޯޝަލް މީޑިއާގައި ނަން ފަވާލެވޭޭ، މަސައްކަތެއް ކުރަމުން އަންނަ ނައުޝާދުގެ މަސައްކަތާ އެކު، ޔުވެންޓަސްގެ މި އިވެންޓް ރާއްޖޭގައި ކުރިއަށްދާނީ މަހިބަދޫގައި ގާއިމްކޮށްފައިވާ ޕެލޭ ސްޓޭޑިއަމްގަ އެވެ.
މި މަހު 10 އިން ފެށިގެން ހަތަރު ދުވަހަށް ދިގު ދެމިގެންދާ އިވެންޓްގައި، ޔުވެންޓަސްގެ ފަރާތުން ބައިވެރިވާ އެއް ފަރާތަކީ، ކުރިން އެ ޓީމަށް ކުޅުނު ނެދަލެންޑްސްގެ މަޝްހޫރު މިޑްފީލްޑަރު، އެޑްގާ ޑާވިޑްސް އެވެ.
މަހިބަދޫ ޕެލޭ ސްޓޭޑިއަމްގެ އިތުރުން، ޔުވެންޓަސްގެ މި ހަރަކާތް ކުރިއަށްދާ އަނެއް ދެ ސަރަހައްދަކީ، އެމެރިކާގެ ނިއު ޔޯކް ސިޓީ އަދި ފެރޯ އައިލެންޑް، ޑެންމާކް އެވެ.
"މިކަމަކީ މުޅި ރާއްޖެއަށް އަދި ޚާއްސަކޮށް މަހިބަދޫއަށް ލިބޭ ބޮޑު ޝަރަފަކަށްވެފައި، ރައްޔިތުންނަށް ގިނަގުނަ ފައިދާކުރާނެކަމަކަށްވާތީއާއި، އަޅުގަނޑު ދެކެމުންދާ "ސްޕޯރޓްސް ޓުއަރިޒަމް" ގެ ހުވަފެނުގައި ކުލަޖެހޭނެ ކަމަކަށްވާތީ، މަހިބަދޫގެ އެންމެހައި ލޯބިވާ ރައްޔިތުންނާއި، ސަރުކާރުގެ ވުޒާރާތަކުން އަޅުގަނޑަށް އެއްބާރުލުން ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަން. މިކަމަަބެހޭ އިތުރު ހަބަރުތައް އަޅުގަނޑު އިންސްޓަގްރާމް އާއި ފޭސްބުކް އެކައުންޓްގައި ހިއްސާކުރަމުން ދާނެ ވާހަކަ ދަންނަވައި ތާރީޚަށްޓަކައި ލިޔެލީމެވެ.،" ނައުޝާދު، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ލިޔެފައިވެ އެވެ.
ޔުވެންޓަސްގެ އިތުރުން، އަޔަކްސް، އިންޓަ މިލާން، އޭސީ މިލާން، ބާސެލޯނާ އަދި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅުނު ޑާވިޑްސް، މަހިބަދޫގައި ކުރިއަށްދާ، ހަަތަރު ދުވަހުގެ އިވެންޓްގެ ހުރިހާ ދުވަހެއްގައި ވެސް ބައިވެރިވާނެ އެވެ.
ޔުވެންޓަސްގެ ހާއްސަ ހަރަކާތެއް ޑާވިޑްސްއާ އެކު މަހިބަދޫގައި! ޔުވެންޓަސްގެ ހާއްސަ ހަރަކާތެއް ޑާވިޑްސްއާ އެކު މަހިބަދޫގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ