މިނިސްޓަރު އަމީން މަގާމުން އެކަހެރި ކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ގޮވާލައިފި މިނިސްޓަރު އަމީން މަގާމުން އެކަހެރި ކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ގޮވާލައިފި

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މަގާމުން އެކަހެރި ކުރުމަށް އިދިކޮޅު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލައިފި އެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ހިންގާ ތަހުގީގަށް މިނިސްޓަރު އަމީން ނުފޫޒު ފޯރުވަމުން ގެންދާކަމުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާތީ އެ މަގާމުން އޭނާ އެކަހެރި ކުރުމަށް ގޮވައިލާ ކަމަށެވެ.
"މިނިސްޓަރު އަމީން މަގާމުގެ މަސްއޫލިއްޔަތުން މިވަގުތުން ވަގުތަށް އެކަހެރި ކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީ) ގެ ޕާލިމެންޓްރީ ގްރޫޕުން ރައީސުލްޖުމްހުރީއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގޮވައިލަން،" އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ ރައްޔިތުންގެ ވިންދާއި ގުޅިފައިވާ މިފަދަ ހައްސާސް މައްސަލައެއްގައި މިނިވަން އިންސާފުވެރި އަދި ރައްޔިތުންގެ އިތުބާރު ލިބިދާނެ ފަދަ ތަހުގީގެއް ހިންގޭނީ، އަމީން މަގާމުން ވަކިކޮށް ނުވަތަ ސަސްޕެންޑު ކުރުމަށްފަހު ކަމަށެވެ.
އެމްޑީޕީން ބުނީ މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ކުރިއަށް ނުދާ ކަމާއި ހާދިސާގެ މައުލޫމާތު ސިއްރު ކުރަމުންދަނީ އެކަމުގައި ޝާމިލުވާ މީހުންނަކީ ސަރުކާރުގެ ނުފޫޒުގަދަ ބައެއް މީހުންނާއި އެމީހުންނާ އާއިލީ ގޮތުން ގުޅުން އޮތް ބައެއް ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
އެގޮތުން ހާދިސާ އާއި ގުޅުންހުރި އެއް އިމާރާތަކީ މިނިސްޓަރު އަމީން ދިރިއުޅުއްވާ ގެ ކަމާއި، އެ ހާދިސާގައި ޝަމިލުވާ ބައެއް މީހުންނަކީ މިނިސްޓަރު އަމީންއާ އާއިލީ ގޮތުން ގުޅުން އޮތް ބައެއްކަމުން، ތަހުގީގަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އަމީންއަށް ރައްދުވެފައިވާކަން އެމްޑީޕީން ބުންޏެވެ.
މީގެއިތުރުން އެމްޑީޕީން ބުނީ އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އެތައް ފަހަރަކު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ގުޅުއްވަން މަސައްކަތްކުރިކަން ލައިވް ފީޑުތަކަށް އެރި ކަމަށެވެ.
"މި ހާދިސާގެ ތަހުގީގު ހިނގަމުންދަނިކޮށް މިނިސްޓަރު އަމީން، ކޮމިޝަނާ އޮފް ޕޮލިސްއަށް ގުޅުއްވުމަކީ ތަހުގީގަށް ނުފޫޒު ފޯރުވުމަށް ހިންގި އަމަލެއްކަމުގައި ބެލުމުގެ ޖާގަ އޮތަތީ، އަދި އަމީން އިތުރުފުޅު ހެއްދެވިކަން ޔަގީންކުރެވޭ،" އެމްޑީޕީން ބުންޏެވެ.
ޔުމްނު ވެއްޓުނު ހާދިސާއަށް ހަތަރު ދުވަސް ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާްމމުކުރި ބައެއް މައުލޫމާތު ދެކޮޅު ނުޖެހޭކަން ފާހަގަކޮށް، ތަހުގީގަށް ބާރުގަދަ ބައެއްގެ ނުފޫޒު ފޯރުވަމުންދާކަން ނޫސްވެރިންނާއި އާންމުން ތުހުމަތު ކުރާ ކަމަށް އެމްޑީޕީން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ