ފެސްޓިވަލަކުން މަޝްހޫރުވި ކުއްޖާއަށް ފިލްމީ ދާއިރާއިން ފުރުސަތުތަކެއް

އިންޑިއާގައި ކުރިއަށްދިޔަ އެ ޤައުމުގެ ދީނީ ފެސްޓިވަލެއް ކަމަށްވާ 'މަހާކުމްބް'ގައި މިނާފަތި ވިއްކަން އުޅުނު އަންހެން ކުއްޖެއްގެ ރީތިކަމުގެ ވާހަކަ އިންޑިއާގެ މީޑިއާތަކުން ވަރަށް ބޮޑަށް މި ދެތޭރެއިން ވަނީ ފަތުރާފައެވެ. މީޑިއާތަކުގެ ސަމާލުކަމާ ހެދި އެ އަންހެނުން ކުއްޖާ ވަނީ ފަހުން އެ ސަރަހައްދު ދޫކޮށް އޭނަގެ އަވަށަށް ގޮސްފައެވެ. ރިޕޯޓުތައް ބުނާގޮތުން އިންޑިއާގެ ފިލްމު ޕްރޮޑިއުސަރު ސަނޯޖް މިޝްރާ ވަނީ ފަހުން މޮނަލިޒާ ބޯސްލޭ ކިޔާ މި ކުއްޖާ އުޅޭ އަވަށަށް ގޮސް އޭނާގެ އާއިލާ މީހުންނާ ބައްދަލުކޮށް ފިލްމަކުން ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް، ޕްރޮޑިއުސަރު މިޝްރާގެ މޮނަލިޒާއަށް ފިލްމެއް ހުށަހެޅި ނަމަވެސް އެކަން ހަގީގަތަކަށް ނުވާނެ ކަމަށާއި އެކަމުގައި ޕްރޮޑިއުސަރު މިޝްރާގެ އަމިއްލަ އެދުމެއް އޮންނާނެ ކަމަށް ޕްރޮޑިއުސަރު ޖިތެންދުރަ ނާރަޔަން ވަނީ ތުހުމަތުކޮށްފައެވެ. ޕްރޮޑިއުސަރު މިޝްރާ މޮނަލިޒާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް މިކަމާ ގުޅިގެން ފިލްމު ޕްރޮޑިއުސަރު މިޝްރާ ބުނީ، މޮނަލިޒާއަކީ އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅަށް ވުރެ އުމުރުން ތިން އަހަރު ހަގު ކުއްޖެއް ކަމަށާއި އެ އާއިލާއަށް އެހީތެރިވުމުގެ ނިޔަތުގައި މޮނަލިޒާއަށް ފިލްމަކުން ފުރުސަތު ދިނީ ކަމަށެވެ. މަހާކުމްބު ފެސްޓިވަލުގައި މީޑިއާގެ އިތުރުން އާއްމުންގެ ފަރާތުން ލިބުނު ސަމާލުކަމާ އެކު މޮނަލިޒާ އޭނާގެ ރަށް ކަމަށްވާ މަދްޔަޕްރަދޭޝްގެ އިންދޫރަށް ދިއުމުން އެއްވެސް މީހަކު އެ ކުއްޖާގެ ހާލު ބަލާވެސްނުލާ ކަމަށާއި އެ އާއިލާއަށް އެހީތެރިވެވެން އޮތް ހަމައެކަނި ގޮތަކީ ފިލްމަކުން ފުރުސަތު ދިނުން ކަމަށް ވިސްނޭތީ އެ ފުރުސަތު ހުށަހެޅީ ކަމަށް މިޝްރާ ވަނީ ބުނެފައެވެ. ފިލްމު ޕްރޮޑިއުސަރު މިޝްރާ ބުނި ގޮތުގައި މޮނަލިޒާ އަންނަނީ ފިލްމީ ދާއިރާއިންނާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ކުރިއަށްދިއުމަށް ބޭނުންވާ އެންމެ އާދައިގެ ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ. މި ތަމުރީނުތައް ކުރިއަށްދަނީ ވެސް އޭނާ ދިރިއުޅޭ މަދްޔަޕްރަދޭޝްގައެވެ. ސޯޝަލް މީޑިއާގައި މޮލަނިޒާގެ ފޮޓޯ ދައުރުވެ އާއްމުންގެ ފަރާތުން ލިބުނު އާދަޔާ ޚިލާފު ސަމާލުކަމުގެ ސަބަބުން އުނދަގޫވާން ފެށުމުން މޮނަލިޒާ ބޭނުންވަނީ އާއްމުންގެ ތެރެއަށް ނުނުކުމެ އަމިއްލަ ރަށުގައި ދުވަސްކޮޅަކަށް އުޅެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ