ރައުދުގެ ބަންދަށް ޖެހީ އިތުރަށް 10 ދުވަސް

މި މަހުގެ 18ވަނަ ދުވަހު ހެނދުނު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުއާއެކު ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދަށް 10 ދުވަސް މިއަދު ޖަހައިފިއެވެ. އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދުއާ ފުލުހުން ސުވާލުކޮށް، މަސްތުވާތަކެއްޗަށް ޓެސްޓު ކުރި ނަމަވެސް ފުރަތަމަ އޭނާ ހައްޔަރެއް ނުކުރެއެވެ. އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ތުހުމަތުކޮށް، ޔުމްނުއަށް އިންސާފު ހޯދައި ދޭން އެދި ޒުވާނުން ވަނީ މުޒާހަރާ ކުރަން ފަށައިފައެވެ. އެ މުޒާހަރާތައް ފެށި ފަހުން، ރައުދު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 18:20ގައެވެ. އޭގެ ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖެހީ ފަސް ދުވަހެވެ. އެ ބަންދުގެ މަޖިލީހުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ، ޔުމްނު ވެއްޓުނު ރޭ އޭނާއާއި ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށް ބުނެފައެވެ. https://sun.mv/205219 އަދި ޔުމްނު ވެއްޓުމަށްފަހު މާ ގިނައިރެއް ނުވަނީސް، ޔުމްނު ކޮބައިތޯ ރައުދުއާ ސުވާލުކުރުމުން "ވީ ތަނެއް ނޭނގޭ" ކަމަށާއި "ވެއްޓުނީކަމަށް ބެލެވޭ ކަމަށް" ރައުދު ބުނި ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އައިއޯ ވަނީ ބުނެފައެވެ. ފުރަތަމަ ޖެހި ފަސް ދުވަސް ހަމަވުމުން މިއަދު އަލުން އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އެ ހާދިސާ ހިނގި ދުވަހުގެ ރޭ ޔުމްނު އުޅުނީ އިތުރު އަށް މީހަކާ އެކު ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ. އެ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައި، އެ މީހުންނާ ގުޅޭ ތަންތަން ބަލައި ފާސްކުރާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެ ހާދިސާ ހިނގައިފައި ވަނީ ހ. ފެންޓެނޯއީ ކިޔާ ގެއެއްގައެވެ. އޭގެ ކުރިން އެ ރޭ ޔުމްނުއާއި ރައުދުު މއ. މާންދޫގޭދެކުނުގެ އާއި ހ. ކަށިވެލިގެއަށް ގޮސްފައިވެއެވެ. އެހެންވެ، މާންދޫގެ ޓެރަސްއާއި ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ގޭގެ ތިންވަނަ ފަންގިފިލާ ވެސް ބަލައިފައި ވާކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން މާންދޫގެދެކުނުގެއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެކޮޅެވެ. އަދި މި މައްސަލައިގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހުން ޝާމިލް ވެއެވެ. އެހެންކަމުން މި މައްސަލައަށް އަމީން ނުފޫޒު ފޯރުވާކަމަށް ބައެއް މީހުން ތުހުމަތުކުރެއެވެ. އަމީން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ. ފުލުހުން ވަނީ ހާދިސާގައި ހިމެނޭ އެންމެންގެ ވަނަވަރު ހާމަކޮށް، މިހާތަނަށް ނުވަ މީހެއްގެ ފޯނު ވެސް ހިފަހައްޓައިފައެވެ. ޔުމްނުގެ މައްސަލަ ތަހުގީގު ކުރަމުންދާ ގޮތަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތައް ކުރަމުން އަންނައިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ ވަނީ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ