ޗާގޯސް މޮރިޝަސްއާ ހަވާލު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް އިނގިރޭސި ހައިކޯޓުން ނެރެފި ޗާގޯސް މޮރިޝަސްއާ ހަވާލު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް އިނގިރޭސި ހައިކޯޓުން ނެރެފި

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައި، އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް އެ ގައުމުގެ ހައި ކޯޓުން ނެރެފި އެވެ.
ޗާގޯސް މޮރިޝަސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި އޮންލައިންކޮށް މިއަދުގެ ވަގުތެއްގައި ސޮއިކުރަން އޮތީ ހަމަޖެހިފަ އެެވެ. ސޮއިކުރަން ހަމަޖެހިފައި އޮތީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ކިއާ ސްޓާމާ އަދި މޮރިޝަސްގެ ބޮޑުވަޒީރު، ނަވިން ރާމްގޫލާމް އެވެ.
ނަމަވެސް، މިއަދު އެ ގައުމުގެ ހައި ކޯޓުން ވަނީ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު ބޭރުގެ އެހެން ގައުމަކަަށް ބަދަލު ކުރުމަށް އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. އިނގިރޭސި ސަރުކާރުގެ ފޮރިން އޮފީހުގެ މައްޗަށް މި އަމުރު ނެރެދޭން ކޯޓުގައި އެދުނީ ޗާގޯސްއަށް ނިސްބަތްވާ ދެ އަންހެނުންނެވެ.
"ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ބެހޭގޮތުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުމެއް ނުވޭ. މި އެއްބަސްވުމަކީ އިނގިރޭސި ރައްޔިތުން ހިމާޔަތްކޮށް، ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ބޭނުންތެރި އެއްބަސްވުމެއް،" އިނގިރޭސި ސަރުކާރުގެ ސްޕޯކްސްޕާސަނަކު ވިދާޅުވި އެވެ.
އިނގިރޭސިން ނަން ދީފައިވާ ގޮތުން ނަމަ ބްރިޓިޝް އިންޑިއާން އޯޝަން ޓެރިޓަރީ ބޭރުގެ ގައުމަކަށް ދިނުމުގެ އެއްވެސް ގާނޫނީ ފިޔަވަޅެއް މިވަގުތަށް ނޭޅުމަށް ވެސް ވަނީ އަމަރުކޮށްފަ އެވެ. ޗާގޯސްއަކީ އިނގިރޭސި ސަރުކާރުގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް މި އަމުރު ދެމިއޮތްހާ ދުވަހު ބަލަން ވާނެ ކަމަށް ޖަސްޓިސް ސާ ޖޫލިއަން ނިކޮލަސް ގޫސްގެ އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
މިއަދު ސޮއިކުރަން ހަމަޖެހިފައި އޮތް އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭނެ އެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބެ އެވެ.
އޭގެ ބަދަލެއްގެ ގޮތުން އިނގިރޭސިވިލާތުން މޮރިޝަސްއަށް އެތައް ބިލިއަން ޑޮލަރެއް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ދަ ޓެލެގްރާފް އަދި ބީބީސީގައި ރިޕޯޓު ކޮށްފައިވެ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ނިންމުމާއެކު، އެކަމަށް ގޮންޖަހައި ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ.
ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ސިޓީގެ ކޮޕީއަކަށާއި އެކުގައި ފޮނުވި ކަމަށް އެމަނިކުފާނު ވިދާޅުވި ލިޔެކިޔުންތަކުގެ ކޮޕީތަކަށް މި ނޫހުން ވާނީ އެދިފަ އެވެ. އެ ހުށަހެޅުމަށް އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ