ފްލެޓް ލިސްޓަށް 3 ދުވަސް ތެރޭ 600އަށް ވުރެ ގިނަ ޝަކުވާ

'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލިތާ ތިން ދުވަސް ތެރޭ 600އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ލިސްޓުގެ އިވެލުއޭޝަން ހެދުމަށް ފަހު، އެ ލިސްޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އާންމު ކޮށްފަ އެވެ. 
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މަސްދުވަސް ދީފައިވެ އެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 31ގެ ނިޔަލަށެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން މިއަދު 'ދައުރު'އަށް ބުނި ގޮތުގައި، އެ ލިސްޓަށް މިހާތަނަށް 675 މީހަކު ޝަކުވާ ހުށަހަޅާފައިވެއެވެ. އެއީ:
ތިން ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ: 452 ޝަކުވާ
ދެ ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ: 223 ޝަކުވާ
މި ސަރުކާރުން އަލުން ބެލުމަށް ފަހު އާންމުކުރި ލިސްޓުގައި ޖުމްލަ 2695 ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު، 424 ފަރާތެއް ޕޮއިންޓަށް އައި ބަދަލާ އެކު ލިސްޓުން އުނިވެފައިވެ އެވެ. ހައުސިން މިނިސްޓަރީން ބުނެފައިވާ ގޮތުގައި، ޝަރުތު ހަމަނުވާ ކަމަށް ނިންމި ގިނި މީހުންގެ ތެރޭގައި ހިމެނެނީ މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރަން ހުށަހެޅި ލިޔުމުގައި މައްސަލަ ހުރި މީހުންނެވެ.
އެނގުން މުހިންމު - ވެރިފިކޭޝަނަށް ފަހު މިނިސްޓްރީން އާންމުކުރި މައުލޫމާތަށް ބަލާއިރު:
ޖުމްލަ 4،939 ފޯމު ޗެކުކުރި
ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75އަށް ވުރެ ގިނަ ޕޮއިންޓު ލިބުނީ 1،423 މީހަކަށް
ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73އަށް ވުރެ މަތިން ޕޮއިންޓު ލިބުނީ 397 މީހަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ