ސަސްޕެންޑްކުރި 3 ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގްރޫޕުން ބޭރުވެއްޖެ

މި ވަގުތު ސަސްޕެންޝަނުގައި ތިއްބެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން، އެ ކޯޓުގެ ފަނޑިޔާރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ބޭރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމުލުކުރުން މަޑުޖައްސާލަން އެދިފައިވާ ވަގުތީ އަމުރާ ގުޅޭ ގޮތުން މިދިޔަ ބުދަ ދުވަހު އަޑުއެހުމެއް ބާއްވަން ކުޑަތަން ވެފައިވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ:
އަޒްމިރަލްދާ ޒާހިރު
މަހާޒު އަލީ ޒާހިރު
ހުސްނުއްސުއޫދު
ތަފްސީލް - މި ތިން ފަނޑިޔާރުން ވެސް މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ނުކުމެވަޑައިގެންފައިވާކަން އެނގިފައިވެ އެވެ. 
މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑްކުރީ އެ ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޖޭއެސްސީއަށް އެންގުމުންނެވެ.
މި ފަނޑިޔާރުންނަށް ތުހުމަތުކުރާ އެހެން މައްސަލަތަކެއްގައި ޖޭއެސްސީން ސުލޫކީ މައްސަލަތަކުގެ ގޮތުގައި ވެސް މައްސަލަތަކެއް ދަނީ ބަލަމުންނެވެ. އެގޮތުން:
މަހާޒާއި އަޒްމިރަލްދާގެ ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިމީހާ، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފްގެ ބަންދު އަމުރަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ
ސުއޫދުގެ ބަލަނީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް 25 އޮކްޓޫބަރު 2022ގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދައްކާފަައިވާ ކަމަށް ބުނާ މައްސަލަ
އެނގުން މުހިންމު - ސުޕްރީމް ކޯޓުގައި ސަސްޕެންޝަންގައި ނެތް ފަނޑިޔާރުންގެ އަދަދު އަރާނީ ހަތަރަކަށެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކަށެވެ. އެހެންވެ، މި ވަގުތަށް ގާނޫނުއަސާސީގެ މައްސަލަ އެ ވަނީ ހުއްޓިފަ އެވެ.
ފާހަގަކޮށްލެވޭ - މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބެން ޖެހޭ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ގާނޫނު އިސްލާހުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައާ ދިމާކޮށް މަޖިލީހަށް ބިލު ހުށަހެޅުއްވީ، ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އޭނާގެ އަމިއްލަ ހައިސިއްޔަތުންނެވެ.
އެ ބިލު އަދި ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައި ނެތް އިރު، ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރުމަށް ޕީއެންސީގެ މެންބަރުން ވޯޓު ދެއްވަން އެންގެވީ ރައީސް ހިމެނިވަޑައިގަންނަވާނޭހެން ޕީއެންސީގެ ލީޑާޝިޕުންނެވެ. އެންމެ ފުރަތަމަ ޕީއެންސީގެ ގިނަ މެންބަރުން ބިލާ ދެކޮޅަށް، ޕާލިމެންޓްރީ ގްރޫޕުގައި ވާހަކަ ވެސް ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ