މި ލޮބުވެތި ދިވެހި ޤައުމާ މެދު ފަޚްރުވެރިވާނެ ދިވެހި ދަރީންތަކެއް އުފައްދަން އިންތިހާޔަށް ބޭނުންފުޅުވާ ކަމަށާއި، ދިވެހީންގެ ރާއްޖެ، ދިވެހީންގެ މިލްކެއްގެ ގޮތުގައި ދެމި އޮންނާނީ ދިވެހި ޤައުމާ މެދު ފަޚްރުވެރިވާނެ ދިވެހި ދަރީންތަކެއް އުފެއްދިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވައި، ޤައުމާ މުޚާޠަބު ކުރައްވައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމެއް ދެމި އޮތުމުގެ ވިސްނުން، ނުވަތަ ޤައުމިއްޔަތަކީ ކޮންމެ ޤައުމެއްގެ ވެސް އެންމެ އަސާސީ ޤައުމީ މަޞްލަޙަތު ކަމަށް ވިދާޅުވެ، ދިވެހީން ދެމިތިބުމަށްޓަކާ، ދިވެހި ޤައުމިއްޔަތާއި ދިވެހީންގެ އަމިއްލަވަންތަކަން ދިރުވައި އިއާދަކުރުމަށް މިދިޔަ އަހަރު ކުރެވުނު ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފައްދަވައި، ދިވެހި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު އުފައްދަވައި، ވިލަރެސްވެރީން ނަންގަވައި، ދިރާސާތައް ފަށްޓަވާފައިވާކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން، ޒަމާނީ ވަސީލަތްތައް ބޭނުންކުރައްވައިގެން އާސާރީ ތަންތަން ތްރީ ޑީ ސްކޭންކޮށް، ދިވެހިރާއްޖޭގެ މާއްދީ ތަރިކަ ދަފްތަރުކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، އާންމުންނާއި ކިޔަވާ ކުދިންނާއި ދިރާސާކުރާ ފަރާތްތަކަށް ފަސޭހައިން ފެންނާނެ ޑޭޓާބޭސްއެއް ޤާއިމު ކުރެވިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރިކައިގެ ދާއިރާ ޑިޖިޓައިޒުކުރުމުގެ ސިޔާސަތުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުންމީގެ އިތުރުން އުސްގެކޮޅާ ގުޅިފައިވާ ޕާކު އިންޓަރެކްޓިވް އަދި އިމަރސިވް އެކްސްޕީރިއަންސް ފޯރުކޮށްދޭ ޒަމާނީ މިއުޒިއަމަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ހިންގޭ ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢެއް ހއ. އަތޮޅުގައި މި އަހަރު ފަށްޓަވާނެ ކަމުގައި ވިދާޅުވިއެވެ. އެ ގޮތުން އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހއ. އުތީމު، ތަކަންދޫ، އަދި ބާރަށުގައި ހިމެނޭ މާއްދީ އެހެނިހެން ތަރިކަތައް ވެސް ހިމަނައި ޝާމިލުކުރައްވައިގެން، ދިވެހީންގެ އަމިއްލަވަންތަކަން އިއާދަކުރުމަށާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތްތަކެއް ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ، ދިވެހި ޤައުމީ ރަމްޒުތަކުގެ ބިލާއި، ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު އެކުލަވާލައި، ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް އިޞްލާޙުތައް ގެނެސް، ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ހައިސިއްޔަތަށް ޚާއްޞަ އިސްކަމެއް ދިނުމުގެ މަސައްކަތްތަކެއް މި އަހަރުތެރޭ ކުރިޔަށް ގެންދަވާނެކަން ހާމަކުރައްވާފައެވެ.
ރިޔާސީ ބަޔާން 2025: މި ލޮބުވެތި ދިވެހި ޤައުމާ މެދު ފަޚްރުވެރިވާނެ ދިވެހި ދަރީންތަކެއް އުފައްދަން އިންތިހާޔަށް ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ