2028އިން ފެށިގެން ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން: ރައީސް

ރާއްޖެ ޑިޖިޓަލް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާއިން، 2028 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ ދައުލަތުގެ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށް، ފަހުގެ ޓެކްނޮލޮޖީއާ އެއްހަމަވާ ގޮތަށް ހިދުމަތް ދިނުމަށް މިރޭ ވަނީ 'ދިވެހިރާއްޖެ 2.0'ގެ ނަމުގައި ބޮޑު މަޝްރޫއުއެއް ފަށާފަ އެވެ. މި މަޝްރޫއުގެ ދަށުން، މުޅި ރާއްޖޭގެ އާއްމު ހިދުމަތުގެ ހުރިހާ ކަމެއް އެއް ވިއުގައަކުން ގުޅާލާނެ އެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފްކޮށް، މިނިސްޓްރީތަކާއި ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުން ވެސް ހިދުމަތް ދޭނީ އެކަމަށް ހާއްސަ ގާނޫނުތަކުގެ ދަށުން ޑިޖިޓަލްކޮށެވެ.
ތަފްސީލް - މި މަޝްރޫއު ފައްޓަވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ އެންމެ ބޮޑު އެއް ބަދަލަކަށް ވާނީ އޮފީހަށް ހާޒިރުވެގެން މަސައްކަތް ކުރާ މުވައްޒަފުން މަދުވުމެވެ.
ރައީސް ވިދާޅުވިގޮތުގައި:
ދައުލަތުގެ އެކި ވަޒީފާތަކުގައި ގާތްގަނޑަކަށް 49،000 މުވައްޒަފުން މަސައްކަތް ކުރޭ
މީގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން، 2028 ވަނަ އަހަރު ފެށޭ ހިސާބުން ފެށިގެން މަސައްކަތް ކުރާނީ ގޭގައި ތިބެގެން
އެއީ ހަފުތާއަކު 30 ގަޑިއިރު ނުވަތަ ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި ވަގުތު ހަމަކުރަން އޮފީހަށް އައުން ހިމެނޭ ގޮތަށް
އެކަން ކުރާނީ ކަނޑައަޅާ ގާނޫނެއްގެ ތެރެއިން ވަކި އުސޫލެއްގެ ދަށުން 
"އެކަމަކު ތިބޭނެ ކޮންމެހެން އޮފީހަށް އަންނަން ޖެހޭނެ ސިއްހީ ހިދުމަތްތެރިންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުން ފަދަ މީހުން. [އެ މީހުން ނުހިމެނޭ ގޮތަށް] ގޭގައި ތިބެގެން މަސައްކަތް ކުރަން ފެށީމައި ހާސިލް ކުރެވޭނެ އެތައް ކަމެއް އެބަހުރި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ފާހަގަ ކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
މުޅި ސަރުކާރުގެ 'އޯވަހެޑް' ހަރަދު ކުޑަކުރެވޭނެ
މަސައްކަތުގެ ފެންވަރު މަތިވާނެ
މާލެއަށް ބަލާއިރު، ގިނަ ބަޔަކު އޮފީހަށް ނުކުންނަން ނުޖެހޭތީ ޓްރެފިކް ތޮއްޖެހުން ކުޑަވާނެ
އޮފީހަށް ނުކުންނަން ނުޖެހޭތީ ވެހިކަލް ދުއްވާ މިންވަރު މަދުވެ، ޖައްވަށް ދޫކުރާ ގޭސްތައް މަދުވާނެ
"އޭރުން އެއްވެސް ވަރަކަށް އެފިޝިއަންސީ [މަސައްކަތުގެ ފެންވަރު] ދަށެއް ނުވާނެ، އެނގޭތޯ؟ ފެންވަރު މަތިވާނީ. ރައްޔިތުންގެ ހައްގުތައް މަތިވާނީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި އަމާޒަށް ވާސިލްވެވޭނީ، މިއަދު ފެށި މި ދަތުރުގައި، އެންމެން އެކައްޗެއް ކިޔައިގެންނެވެ. އަދި 2028 އަންނަން ވާއިރަށް، އެ މިންގަނޑަށް ވާސިލްވުމަކީ އެ މަނިކުފާނު ވެސް ވަރަށް ބޮޑަށް ބޭނުންވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ، ހިދުމަތްތައް ޑިޖިޓަލްކޮށް، ބޮޑު ބަދަލެއް ގެންނައިރު ގޮންޖެހުންތައް ދިމާވާނެކަން ފާހަގަކުރައްވާފަ އެވެ. އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަ ކުރެއްވީ ބަދަލުތައް ބަލައި ނުގަނެވުމެވެ. އެކަމަކު އާ ބަދަލުތައް ބަލައިގަންނަން ދަތިވުމަކީ ތޮބީއީ ކަމެއް ކަމަށާއި އެއީ ކޮންމެ ގައުމެއްގައި ވެސް ކުރިމަތިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އޮފީސްތަކުގައި ކަންކަން ކުރަމުން އައި ގޮތް ދޫކޮށްލައި، މުޅިން ޑިޖިޓަލައިޒް ކުރުމަކީ އެކަމުގެ ތެރޭގައި، އެތައް ޒަމާނެއް ވަންދެން އެއްގޮތަކަށް ކުރަމުން އައި މީހުންނަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް. އެކަމަކު އެއީ ތަމްރީނު ދީގެން ކުރެވިދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
ކުރީގައި ކަމެއް ކުރަމުން އައި ގޮތް ދޫކޮށްލައި އާ ގޮތަކަށް ބަދަލުވުމަކީ އެ މީހަކު ކުށްވެރިކުރަން ޖެހޭ ކަމެއް ނޫން
އޭގެ ބަދަލުގައި އެކަން ބަލައިގަނެ، އެކުގައި މަސައްކަތް ކުރަން ޖެހޭ
'ދިވެހިރާއްޖެ 2.0' އަކީ ހުރިހާ ދިވެހިންގެ މަޝްރޫއުއެއް. އެހެންވެ، އެކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވި  
އެނގުން މުހިއްމު - ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު، އެސްޓޯނިއާގެ އެހީތެރިކަމާއެކުގަ އެވެ.  ރައީސް މުއިއްޒު ވަނީ މި އަހަރުގެ ކުރީކޮޅު އެސްޓޯނިއާއަށް ވަޑައިގެން އެ ގައުމުގެ ހިދުމަތްތައް ބައްލަވައި ތަޖުރިބާ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ